ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި އުރުގުއާއީއާއި ދެކުނު ކޮރެއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ދެކުނު ކޮރެއާއިން ނުކުންނަ 11 ވަނަ ވޯލްޑް ކަޕް. ކޮރެއާއަށް ފުރަތަމަ މޮޅެއް ހޯދުނީ 2002 ވަނަ އަހަރު އަމިއްލަ ގައުމުގައި. ގޫސް ހިޑިންކްގެ އެރާއާއެކު އެއީ ތާރީހީ ވޯލްޑް ކަޕެއް. އެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ކޮރެއާއިން ހޯދީ ދުނިޔެ ހައިރާން ކޮށްލައިފައި. ގްރޫޕް ސްޓޭޖުގައި ޕޮލެންޑާއި ޕޯޗުގަލް ބަލިކޮށް، ގަދަ 16 ގައި ވަރުގަދަ އިޓަލީވެސް ކަޓުވާލި. އަދި ދެކުނު ކޮރެއާ ސެމީއަށް ދިޔައީ ސްޕެއިންވެސް ކަޓުވާލައިފައި. ސެމީގައި 1-0 އިން ބަލިވީ ޖަރުމަނު އަތުން.
ދެކުނު ކޮރެއާ 2018 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް ޖަރުމަނަށް ދިން ލަނޑު އަދިވެސް ހަނދާން ހުންނާނެ. އެޓީމުން ހިއުން މިއުން ސޮން ފަދަ ކުޅުންތެރިންނާއެކު 80 އަހަރަށްފަހު ޖަރުމަނު ގްރޫޕް ސްޓޭޖުން ކަޓުވާލި.
އަނެއްކޮޅުން އުރުގުއާއީން ވަނީ މިހާތަނަށް 13 ވޯލްޑް ކަޕެއްގައި ކުޅެފައި. 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ހަތަރުވަނަ އުރުގުއާއީ ހޯދީ ޑިއޭގޯ ފޯލާނާއި ލުއިސް ޝުއަރޭޒްގެ އިތުރުން ޑިއޭގޯ ގޮޑީން ފަދަ ކުޅުންތެރިންނާއެކުގައި. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާގައި އުރުގުއާއީ ވާދަކުރި.
އުރުގުއާއީ އަކީ އެންމެ ފުރަތަމަ އަމިއްލަ ގައުމުގައި 1930 އަހަރު ބޭއްވި ވޯލްޑް ކަޕާއި 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމު.
- ފެޑެރީކޯ ވަލްވާޑޭ
އުމުރު: 24 އަހަރު
ކްލަބު: ރެއާލް މެޑްރިޑް
ރަނގަޅު ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އުރުގުއާއީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ދުނިޔޭގެ އެންމެ ކާމިޔާބު ކްލަބު، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ. މިޑްފީލްޑުގެ ހުރިހާ މަގާމެއްގެ އިތުރުން އެޓޭކިން މަގާމުތަކަށްވެސް ކުޅެވޭ ވަލްވާޑޭއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާވެސްމެ. އުރުގުއާއީ ގައުމީ ޓީމަށްވެސް އޭނާ މުހިއްމު. ޒުވާން ޓީމާއެކު ކާމިޔާބީތައް ހޯދި ވަލްވާޑޭ ވަނީ ގައުމީ ސީނިއާ ޓީމަށްވެސް 44 މެޗު ކުޅެފައި. ޕެނަރޯލްއިން ކުޅުން ފަށައި، ރެއާލްގެ ޔޫތު ސިސްޓަމް ތެރެއިން ވިދާލި ވަލްވާޑޭ ވަނީ ޗެމްޕިއަންސް ލީގާއި ލީގު އަދި ކްލަބު ވޯލްޑް ކަޕްވެސް ހޯދައިފައި.
- ހިއުންގ-މިން ސޮން
އުމުރު: 30 އަހަރު
ކްލަބު: ޓޮޓެންހަމް
ޓޮޓެންހަމްގެ ހުނަރުވެރި ފޯވަޑް ހިއުންގ-މިން ސޮންއަކީ ދެކުނު ކޮރެއާގެ ކެޕްޓަން. ޓޮޓެންހަމްއަށް 100 އާ ގާތްކުރާ އަދަދަކަށް ގޯލު ޖަހައިފައިވާ ސޮންއަކީ މިދިޔަ ސީޒަނުގައިވެސް ޕްރިމިއާ ލީގުގެ ރަން ބޫޓް ހޯދި ކުޅުންތެރިއެއް. ހަލުވި، ގޯލު ޖެހުމުގެ ހުނަރު މޮޅު، ސޮން ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައި. ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗުން 35 ގޯލު ޖަހާފައިވާ ސޮން ވަނީ ވޯލްޑް ކަޕްގައިވެސް ތިން ގޯލު ޖަހައިފައި. ކުރިއަށް އޮތް ވޯލްޑް ކަޕްގައި ދެ ގޯލު ޖަހައިގެން، ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި އޭޝިއާގެ ކުޅުންތެރިއަކަށްވުމުގެ ފުރުސަތު ސޮންއަށް އެބައޮތް.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022