ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑުން ކެމަރޫން ބަލިކޮށްފިއެވެ.
ގަތަރުގެ އަލް ޖުނޫބް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ސްވިޒަލޭންޑުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ކެމަރޫނަށް ވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އަށް މެޗުން ބަލިވުމުގެ މާޔޫސްކަމާ ކުރިމަތިލާން ޖެހިއެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗަކަށްފަހު އަދި މިހާތަނަށް ކެމަރޫން ވޯލްޑް ކަޕްގައި މޮޅުވެފައެއް ނުވެއެވެ.
ކެމަރޫނުން މިފަހަރު ނުކުތީ އެގައުމުގެ އަށްވަނަ ވޯލްޑް ކަޕަށެވެ. ކެމަރޫނަކީ އެފްރިކާ ގައުމަކަށް، އެންމެ ގިނަ ވޯލްޑް ކަޕްގައި ކުޅުނު ގައުމެވެ. 1982 ވަނަ އަހަރު ކެމަރޫނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކޮށް، އޭގެފަހުން 1990، 1994، 1998، 2002 ގެ އިތުރުން 2010 އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ކެމަރޫން ކުޅެވެ. ގިނަ ވޯލްޑް ކަޕްތަކެއްގައި ކުޅުނު ނަމަވެސް، 2000 ގެ އަހަރުތަކުގެ ތެރޭގައި ކެމަރޫނަށް ވޯލްޑް ކަޕްގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދިފައި ނެތުމަކީ މިއަދުގެ މެޗަށް ނުކުތްއިރު އޮތް މާޔޫސްކަމެކެވެ.
މިއަދުގެ މެޗަށް ނުކުތް އިރު، ކެމަރޫނުން ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ހަތް މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. މިއަދުގެ ކުރިން އެންމެފަހުން ކެމަރޫން ވޯލްޑް ކަޕެއްގައި ހޯދި މޮޅަކީ 2002 ވަނަ އަހަރު ސައުދީ އަރަބިއާ ކައިރިން ހޯދި މޮޅެކެވެ. އެ މެޗުގައި ގޯލު ޖެހީ މިހާރު ކެމަރޫން އެފްއޭގެ ރައީސް ސެމިއުލް އެޓޫއެވެ.
އަނެއްކޮޅުން ސްވިޒަލޭންޑަކީ ފަސޭހަ ޓީމެއްގެ ގޮތުގައި އެއްވެސް މުބާރާތެއްގައި ނުބަލާނެ ޓީމެކެވެ. އެގައުމުން 11 ވޯލްޑް ކަޕެއްގައި ކުޅުނު އިރު، އެޓީމުން ވަނީ 1934، 1938 އަދި 1954 ގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. ސްވިޒަލޭންޑުން ރަނގަޅު ސްކޮޑަކާއެކު މިފަހަރު ނުކުތް އިރު، ކޯޗު، އަދި ކުރީގެ ކުޅުންތެރިޔާ މުރާތު ޔަކިން ބުނީ މިފަހަރު އޮތް ސްކޮޑަކީ ސްވިޒަލޭންޑްގެ ތާރީހުގައިވެސް އެންމެ ވަރުގަދަ ސްކޮޑު ކަމަށެވެ.
މެޗު ފެށިގެން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ކެމަރޫނުން ވިސްނީ ކައުންޓާ ތަކުގައި ސްވިޒަލޭންޑަށް ނުރައްކާ ކުރުމަށެވެ. ސްވިޒަލޭންޑުން ޕާސްތައް ގިނަކޮށް ކުޅެން މަސައްކަތް ކުރި އިރު، އެޓީމަށްވުރެ ނުރައްކާކޮށް ފުރަތަމަ ހާފުގައި ފެނުނީ ކެމަރޫންނެވެ. އެގޮތުން އެމްބޫމޯއާއި އެރިކް ޗޫޕޯ މޮޓިންގެ ހަމަލާތައް ފެނުނީ ނުރައްކާކޮށެވެ. އެދެކުޅުންތެރިންނަށްވެސް ފުރަތަމަ ހާފުގައި ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ސްވިޒަލޭންޑް ސަލާމަތްކޮށްފިނީ އިތުބާރު ގޯލްކީޕަރު ޔޭން ސޮމާއެވެ.
ފުރަތަމަ ހާފުގެ އޮއިވަރު ކެމަރޫން އަތުގައި އޮތް ނަމަވެސް، ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭގައި ސްވިޒަލޭންޑުން ލީޑު ނެގިއެވެ. ހަމަޖެހިލައިގެން ފަހަތުން ޕާސްކޮށް، މެދުތެރެއިން ޖަހާލި ހިތްގައިމު ޕާސްތަކަކުން އަރިމަތީގައި އޮތް ޒެރްދާން ޝަގީރީއަށް ދުއްވާލި ބޯޅައިގައި އޭނާ ނެގި ބޯޅަ ގޯލަށް ވައްދާލީ ބްރީލް އެމްބޯލޯއެވެ. އެމްބޯލޯއަށް އެ ގޯލުވީ ޖަޒުބާތީ ގޯލަކަށެވެ. އެމްބޯލޯއަކީ ކެމަރޫނަށް އުފަން ކުޅުންތެރިޔަކަށްވާތީއެވެ. އެމްބޯލޯގެ ބައްޕައަކީ ކެމަރޫންގެ ރައްޔިތަކަށްވެސް ވީމައެވެ.
އެ ގޯލާއެކު ސްވިޒަލޭންޑުން ހަމަޖެހިލި ނަމަވެސް އަނެއްކޮޅުން ދެންވެސް ފެނިގެން ދިޔައި ބަޔާން މިއުނިކް ފޯވަޑް ޗޫޕޯ މޮޓިންގެ ހަމަލާއެކެވެ. ޑިފެންޑަރު ބީޓްކޮށް ހަނި އޭންގަލްއަކަށް ޖެހިލައި އޭނާ ފޮނުވާލި ހަމަލާވެސް މަތަކުރީ ސޮމާއެވެ. ކެމަރޫނަށް ސޮމާ ހުރަން އަޅަމުން ދިޔަ އިރު، ކެމަރޫންގެ ގޯލުގައި ހުރި އަންދްރޭ އޮނާނާގެ ފަރާތުންވެސް ފަހު ހާފުގައި ރަނގަޅު ސޭވްއެއް ފެނިގެން ދިޔައެވެ. އެގޮތުން ޝަގީރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސްވިޒަލެންޑްގެ ވާގަސް ފޮނުވާލި ބާރު ހަމަލާ، ކީޕަރު އޮނާނާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އޭގެ ފަހުންވެސް ސްވިޒަލޭންޑް ކެޕްޓަން ގްރަނިޓް ޖަކާ ދުރުން ޖެހި ބޯޅައެއްވެސް ހުޝިޔާރުކަމާއެކު މަތަކުރީ އޮނާނާއެވެ. ކެމަރޫނުން ފަހުވަގުތު ބުރަކޮށް ގޯލަކަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެންމެ އެކަށޭނެ ހަމަލާތަކެއް އުފެއްދިފައިނުވާ އިރު، ވޯލްޑް ކަޕްގައި ޖެހިޖެހިގެން އަށްވަނަ ބައްޔަކާ ކުރިމަތިލާން ޖެހުނެވެ.
މިހާތަނަށް ވޯލްޑް ކަޕެއްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިވެފައި ވަނީ މެކްސިކޯއެވެ. 1930 އާއި 1958 އަކާ ދެމެޗު މެކްސިކޯއިން ކުޅުނު ވޯލްޑް ކަޕްގެ ނުވަ މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ.
18:00 އުރުގުއާއީ - ދެކުނު ކޮރެއާ (ގްރޫޕް އެޗް)
21:00 ޕޯޗުގަލް - ގާނާ (ގްރޫޕް އެޗް)
00:00 ބްރެޒިލް - ސާބިއާ (ގްރޫޕް ޖީ)