ޚަބަރު

އަލިފާނުގެ ހާދިސާ: ހާލުގައި ޖެހުނު މީހުން ދާއިމީ ހިޔާތަކަށް ބަދަލުކޮށްފި

ރިފާ ހަލީލު

މ. ނިރުފެހި ގޭގައި އަލިފާން ރޯވެ ހާލުގައި ޖެހުނު މީހުންގެ ތެރެއިން ވަގުތީ ހިޔާތަކަށް ބަދަލު ކުރި އެއްވެސް އާއިލާއެއް މިހާރު ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑިއެމްއޭ)ގެ ބެލުމުގެ ދަށުގައި ނެތް ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެންޑިއެމްއޭގެ ޑިރެކްޓަރު ފަރޫޝާ އަލީ "ވަން" އަށް މިއަދު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގޭބިސީތަކުގެ ތެރެއިން، ހާދިސާ ހިނގި ނިރުފެހިގެ ހިމެނޭހެން ހަ ގޭބިސީއަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި ގޭބިސީތަކުގެ ތެރެއިން ފަސް ގޭބިސީއެއްގައި ކުއްޔަށް އުޅުނު އާއިލާތަކަށް، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާ އުސޫލުގެ ތެރެއިން، އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ފަރޫޝާ ވިދާޅުވީ މި މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމުގައި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި މި އާއިލާތައް އެހެން ތަނެއް ކުއްޔަށް ހިފުމަށް ދެ މަސް ދުވަހުގެ އެޑްވާންސް ފައިސާ އާއި އެއް މަސް ދުވަހުގެ ކުލީގެ ފައިސާ ހަމަޖައްސައިދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ހާދިސާ ހިނގި ނިރުފެހިގޭގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން ނުވަ މީހަކަށް ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިވެހި ރެޑްކްރެސެންޓުގެ އެހީތެރިކަމާއެކު މިދަނީ ފޯރުކޮށްދެމުން،" އޭނާ ވިދާޅުވިއެވެ.

އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އެހީތެރިކަންވެސް ރެޑް ކްރެސެންޓާ ގުޅިގެން ފޯރުކޮށްދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަރޫޝާ އިތުރަށް ވިދާޅުވީ މިހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖު އެސެސްމަންޓް ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ އެހީތެރިކަމާ އެކު ނިންމާފައިވާ ކަމަށެވެ. އަދި ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމަންޓު ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 33 މީހަކަށް އެންޑީއެމްއޭ އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ. އެއީ 18 ދިވެހިންނާއި 15 ބިދޭސީންނެވެ.