ޚަބަރު

ކްރިޓިކަލް ކެއާ ހިދުމަތްތަކަށް ހާއްސަކޮށްގެން މެޑްޓެކުން މަހާސިންތާއެއް

ރިފާ ހަލީލު

ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ކްރިޓިކަލް ކެއާ ހިދުމަތްތަކަށް އަމާޒުކޮށްގެން "ކްރިޓިކަލް ކެއާ އެޑްވާންސް ވެންޓިލޭޝަން އެންޑް ޑިފިބްރިލޭޝަން"ގެ ނަމުގައި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަަހާސިންތާއެއް ބާއްވައިފިއެވެ.

މި މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެ މަހާސިންތާ ޝަރަފުވެރި ކޮށްދެއްވީ އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.

މެޑްޓެކުން ބުނީ މި މަހާސިންތާގެ މަގުސަދަކީ ހޮސްޕިޓަލްތަކުގެ ކްރިޓިކަލް ކެއާ ހިދުމަތްތަކުގައި ބޭނުންކުރާ "އިންޓެލިޖެންޓް ބްރީތިން އެސިސްޓް ޑިވައިސް" އަދި "ޑިފިބްރިލިއޭޓާ" ފަދަ އާލާތްތަކުގައި އެކުލެވޭ އެޑްވާންސް އޮޕްޝަންތައް އެންމެ ފުރިހަމައަށް ބޭނުންކުރުމާއި އެކަންކަމަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުން ކަމަށެވެ.

ސަރުކާރު މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ސެނަހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން 100 ބައިވެރިންނާއެކު ކުރިއަށްދާ މި މަހާސިންތާގައި ތަމްރީނު ދެއްވަނީ ސުވިޒަލޭންޑުގެ ހެމިލްޓަން މެޑިކަލް އަދި އެމެރިކާގެ ޒޯލް މެޑިކަލްގެ ތަޖުރިބާކާރު ސައިންޓިފިކް ޓްރެއިނަރުންނެވެ.