ޚަބަރު

އެންސްޕާ އާއި އާސަންދައިގެ ހިދުމަތް އެއް އޮފީހަކުން!

ރިފާ ހަލީލު

ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިދުމަތްތައް މީގެ ފަހުން އާސަންދަ މެދުވެރިކޮށް ލިބޭ ގޮތަށް ބަދަލުކޮށް، "ވިރަ"ގެ ނަމުގައި އެއް އޮފީހަކުން ލިބޭ ގޮތަށް ހަދައިފިއެވެ.

"ވިރަ" ކައުންޓަރުތަކުގެ އިތުރުން "ވިރަ" މައުލޫމާތު މަރުކަޒުގެ ނަމުގައި މުޅިން އާ ކަސްޓަމާ އެކްސްޕީރިއެންސް ސެންޓަރެއްވެސް މިއަދު ވަނީ ހުޅުވައިފައެވެ.

މި މަރުކަޒު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީގާއި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އައްޒާމް ވަޖީހާއި އާސަންދަ ބޯޑުގެ ބައެއް މެމްބަރުންނާއި އާސަންދަ އެންސްޕާގެ އެގްޒެކެޓިވް އަދި ސީނިއާ މެނޭޖްމަންޓް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އާސަންދައިން ބުނީ ބޭސް ފަރުވާއާ ގުޅިގެން ދައުލަތުގެ އެހީއަށް އެދޭ ރައްޔިތުންނަށް "އޯގާތެރި ސަރުކާރު" ޝިއާރުގެ ދަށުން، ލުއިފަސޭހަ އަވަސް ހިދުމަތްތަކެއް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދެ އިދާރާއަކުން ރައްޔިތުންނަށް ދެމުން އައި ހިދުމަތްތައް، އެންސްޕާއާ ގުޅިގެން އާސަންދަ މެދުވެރިކޮށް "ވިރަ"ގެ ނަމުގައި، އެއްތަނަކުން ފޯރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން އާސަންދަ ކުންފުނިން ފޯރުކޮށްދެމުންދާ އާސަންދަ އަދި މެރަނާ ސްކީމުގެ ހިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުންދާ މެޑިކަލް ވެލްފެއާ ހިދުމަތްތައް އެއްތަނަކުން ލިބޭނެއެވެ. ކައުންޓަރުތައް ހުޅުވާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އާއި ހުޅުމާލެ ހޮސްޕިޓަލުގައެވެ.

އާސަންދައިން ބުނީ މި ބަދަލާއެކު ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއާ އަށް އެދި ވަކިވަކިން ފޯމު ހުށަހެޅުމުގެ ބަދަލުގައި، އެހީ ބޭނުންވާ ފަރާތުން ހުށަހަޅަން ޖެހޭނީ އެންމެ ފޯމެއް ކަމަށެވެ. އަދި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތުގެ ހާލަތު ބަދަލުނުވާހާ ހިނދަކު އިތުރު ފޯމެއް ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އާސަންދައިން އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ފަރާތްތަކަށް ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން އެ ހިދުމަތް ފޯރުކޮށްދިނުމަށް، ރާއްޖޭގެ ހުރިހާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގައި "ވިރަ" ކައުންޓަރުތައް ގާއިމުކުރާނެ ކަމަށެވެ.

އާސަންދައިން ބުނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ "ވިރަ" ކައުންޓަރުން ހިދުމަތް ލިބޭނެ ކަމަށާއި ފެންބިލްޑިންގެ ނިކަގަސްމަގަށްވާ ފަޅީގައި ގާއިމުކޮށްފައިވާ، "ވިރަ" މަރުކަޒުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.