ޚަބަރު

ޖިނާއީ ބޮޑެތި ކުށްތަކުގައި ދައުވާނުކޮށް ތިން މަސް ދުވަހަށް ބަންދު ކުރެވޭ ގޮތަށް ހަދައިފި

އަލީ ޔާމިން

ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބެހެއްޓޭނެ މުއްދަތު ތިން މަސް ދުވަހަށް އިތުރުކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ކުރިން އޮތް ގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ތަހުގީގު ނިންމާ ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހެއެވެ. އަދި ބަންދުން ދޫކޮށްލާފައި ހުންނަ މީހެއްގެ ތަހުގީގު ނިންމަން ލިބެނީ 45 ދުވަހެވެ. ޖިނާއީ ބޮޑު ކުށެއްގެ މައްސަލައިގައި ތުހުމަތު ކުރެވޭނަމަ 30 ދުވަހުގެ މުއްދަތު 45 ދުވަހަށް އިތުރުކުރުމުގެ ބާރު ޕީޖީއަށް އޮވެއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިސްލާހުގައި ވަނީ ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓާ މީހުންގެ ތަހުގީގު ނިންމަންޖެހޭ މުއްދަތު 45 ދުވަހަށް އިތުރުކޮށްފައެވެ. އަދި ތަހުގީގުގެ މުއްދަތު ގިނަވަގެން 60 ދުވަހަށް އިތުރުކޮށްދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ އިތުރުކޮށް ދޭ ކޮންމެ ފަހަރަކު 15 ދުވަހަށް ވުރެ ދިގު ނުވާނެ ގޮތަށެވެ.

މި އިސްލާހުގެ ސަބަބުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާނުކޮށް ތަހުގީގުގެ ބޭނުމަށް ތުހުމަތު ކުރެވޭ ފަރާތް 90 ދުވަހު ބަންދުގައި ބެހެއްޓޭނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑު ކުށުގެ ގޮތުގައި 12 ކުށެއް ވަނީ މީގެ ކުރިން ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މީހުން މެރުމާއި ރޭޕްކުރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް، ޓެރަރިޒަމްގެ ކުށްތައް، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް، ޓްރެފިކު ކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ ކުށް، ލައްކައަކަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭ ކުށް، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް، އަދި ރިޝްވަތުގެ ކުށާއި ކޮރަޕްޝަންގެ ކުށެވެ.