ގަތަރު ވޯލްޑް ކަޕް 2022

ޖަޕާނު ޓީމު ކުނިނަގައި ސްޓޭޑިއަމް ސާފުކުރުމުގައި، ދަނޑުމަތީން ހިތް އަތުލައިފި، ދަނޑުބޭރުން ލޯބި އޮހެނީ

މުޙައްމަދު ޝަމްޢޫން

ރޭ ޖަޕާނުން ގްރޫޕް އީގައި ކުޅުނު މެޗުގައި ޖަރުމަނު ބަލިކުރިއެވެ. ޖަޕާނުގެ އެ މޮޅަށް އެތައް ބަޔަކު އުފާކުރިއެވެ. ސަބަބުތަކެއްވެސް އެބަހުއްޓެވެ. ޖަރުމަނުން މެޗުގެ ކުރިން ފީފާއާއި ގަތަރާ ދެކޮޅަށް އަޑުއުފުލަން ކަމަށްބުނެ ކުރި ކަންތަކެވެ. އޭޝިއާ ގައުމަކަށްވީމައާއިވެސްއެކު އޭޝިއާއަށް ހާއްސަ މޮޅަކަށްވުމެވެ. އެ މޮޅު ހޯދީ ފަހަތުން އަރައި ކަމުގައިވުމެވެ. އެހެންގޮސް އެކިއެކި ގޮތްގޮތުން ޖަޕާނުން މިފަހަރުގެ މުބާރާތް ފެށީ ދަނޑުމަތިން އެތައް ބައެއްގެ ލޯބި ހޯދައިގެންނެވެ.

އެ ނޫންކަމެއްވެސް ވޯލްޑް ކަޕްތަކުގައި އަބަދުވެސް ޖަޕާނަށް އޮންނާނެއެވެ. އެއީ ރިވެތި އަހުލާގުން މިސާލު ދައްކައި އެތައް ބައެއްގެ ލޯބި ހޯދުމެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޖެހިލަމާ ހިނގާށެވެ. އެފަހަރު ހިތްދަތިކޮށް ކަޓައިގެން ދިޔަ ޖަޕާނު ޓީމުން ދިޔައީ މުޅި ޑްރެސިން ރޫމް ސާފުކޮށް، ޝުކުރުގެ ނޯޓެއް ބާއްވާފައެވެ. ސަޕޯޓަރުން މާޔޫސްވިޔަސް، ވާރޭވެހުނަސް، ދެރަވިޔަސް، އުފާވިޔަސް ކޮންމެ މެޗެއް ނިންމައި، ގޮނޑިތަކުގެ ކައިރީގައި ހުންނަ ކުނިތައް ހޮވައި ސާފުކުރެއެވެ. އެއީ ޖަޕާނެވެ. ޖަޕާނު ޖަޕާނަށް ވަނީ އެފަދަ އާދަތައް އަށަގެންފައިވާ ތަސައްރަފު ފުދޭ ބަޔަކަށްވެފައިވާތީއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ރޭ ޖަޕާނުން ކުޅުނު ފުރަތަމަ މެޗަށްފަހުވެސް ކުނި ހޮވައި ސާފުކުރާ މަންޒަރު ފެނުނެވެ. އެއީ އަދި ޖަޕާނުގެ މެޗަކަށްފަހުތާއެވެ. ގަތަރު ވޯލްޑް ކަޕް ފެށުމަށް ގަތަރާއި އެކުއެޑޯ ކުޅުނު މެޗަށް، ހުޅުވުމުގެ ރަސްމިއްޔާތަށް ވަން ޖަޕާނު ސަޕޯޓަރުންވެސް ނުކުތީ އެތައް ކުންޏެއް ނަގައި، ސްޓޭޑިއަމްގެ ބައެއް ސާފުކޮށްފައެވެ.

މިއީ ޖަޕާނުގެ ގައުމީ ޓީމެއް މެޗެއް ކުޅުމަށްފަހު މެޗު ބަލަން ވަން ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ޖަޕާނުގެ ފުޓުބޯޅަ ކީއްކުރަން ހެއްޔެވެ، ޖަޕާނުގެ އާދަކާދައިގައި ވެސް އެކަން އޮތީ އެހެންނެވެ. ލީގު މެޗެއް ބަލަން ވަދެފައިވެސް ސްޓޭޑިއަމް ސާފުކޮށްފައި ނޫނީ ޖަޕާން ސަޕޯޓަރުން ނުނިކުމެއެވެ. އެފަދަ އެތައް ވީޑިއޯއެއް މީގެކުރިންވެސް އާންމުވެފައިވެއެވެ. ޖަޕާނުގެ ނޫސްވެރިޔަކާ ހަވާލާދީ ބީބީސީން ކުރިން ބުނެފައި ވަނީ އެ މަންޒަރަކީ ޖަޕާނުގެ ސަގާފަތުގެ ބައެއް ކަމަށެވެ.

ޖަޕާނުގެ އޮސާކާ ޔުނިވަސިޓީގައި ސޯޝިއޮލޮޖީ ކިޔަވައިދޭ ޕްރޮފެސަރަކު ބުނީ އެފަދަ އާދަތަކަކީ އެންމެ ކުޑައިރުއްސުރެ އެގައުމުގެ ކުދިންގެ ކިބައިގައި ހަރުލައްވާ އާދަތަކެއް ކަމަށާއި އެފަދަ ރީތި އާދަތަކަކީ ޖަޕާނުގެ ހުރިހާ ޖީލެއްގެ ކިބައިގައިވެސް ހަރުލާފައި ހުންނާނެ ރީތި އާދަތަކެއް ކަމަށެވެ. އެއީ ތެދެއްކަން މަންޒަރުތަކުންވެސް ސާފެވެ.

ޖަޕާނުގެ އެ ނަމޫނާގައި ހިފަން އެހެން ގައުމުތަކުން މަސައްކަތް ކުރާ މަންޒަރުވެސް މި ވޯލްޑް ކަޕްގައި އަންނަނީ ފެންނަމުންނެވެ. އެގޮތުން ސައުދީ އަރަބިއާއިން އާޖެންޓީނާ ބަލިކުރި މެޗަށްފަހު ސައުދީ ސަޕޯޓަރުންވެސް ވަނީ ގޮނޑިތަކުގެ ކައިރި ސާފުކޮށްފައެވެ. ސާފުކުރަމުން ސައުދީ ސަޕޯޓަރުން ބުނެފައި ވަނީ، ޖަޕާނު ނަމޫނާއަކަށް ބަލަނީ ކަމަށެވެ. ފުޓުބޯޅައިގެ ރީތި މަންޒަރެކެވެ. ޖަޕާނުގެ އަހުލާގުގެ ބައެކެވެ.