ގަތަރު ވޯލްޑް ކަޕް 2022 ގައި ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި ކޮސްޓަ ރީކާ ބަލިކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ގަތަރުގެ ދޯހާގެ އަލް ތުމައިމާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސްޕެއިންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ރަނގަޅު ކުޅުމެކެވެ. އެޓީމުން ވަނީ ފުރަތަމަ މެޗުގައިވެސް ފެންވަރު ދައްކާލައިފައެވެ. ރޭގެ މޮޅަކީ ސްޕެއިންގެ ތާރީހުގައިވެސް ވޯލްޑް ކަޕްގައި ހޯދި އެންމެ ބޮޑު މޮޅެވެ. މީގެ ކުރިން ސްޕެއިނުން ވޯލްޑް ކަޕްގައި ހޯދާފައި އޮތް އެންމެ ބޮޑު މޮޅަކީ ބަލްގޭރިއާ ކައިރިން 6-1 އިން ހޯދާފައިވާ މޮޅެވެ.
ރޭގެ މެޗުގައި ސްޕެއިންގެ އެންމެ ޒުވާން މިޑްފީލްޑަރު ގަވީވެސް ގޯލު ޖަހާފައިވާ އިރު، އޭނާ ވެފައި ވަނީ 1958 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައި ބްރެޒިލްގެ ޕެލޭ، އުމުރުން 17 އަހަރުގައި ސްވިޑެން ކޮޅަށް ގޯލު ޖެހި ފަހުން، ވޯލްޑް ކަޕްގައި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ގަވީގެ އުމުރުން އަދި 18 އަހަރާ 110 ދުވަހެވެ.
އެ ހުރިހާ ރެކޯޑަކާއެކު އެންރީކޭ ވަނީ ގަވީއަށް ތައުރީފޫ ކޮށްފައެވެ. އޭނާ ބުނީ ގަވީއަކީ ދުނިޔޭ ފުޓުބޯޅައިގެ އަލިގަދަ ތަރިއަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ގަވީއަށް އެފަދަ ތައުރީފެއް ކުރި ނަމަވެސް އެންރީކޭ ވަނީ ޓީމަށް ހަމަޖެހިނުލެވޭނެ ކަމަށް ބުނެފައެވެ.
"ޓީމު ހަމަޖެހޭކަށް ފުރުސަތެއް ނެތް. ދެން އޮތީ ޖަރުމަނާ. ޖަރުމަނަށް މި ސްޕެއިން ޓީމު ބަލިކުރެވިދާނެ. އެއީ ގަދަބާރެއް. އެހެންވިޔަސް އެމެޗަށްވެސް ނުކުމެ މިމެޗުގައިވެސް ކުޅުނު ކުޅުން ހަމަ ކުޅޭނީ. މާ ބޮޑަށް ތައުރީފޫ ކުރުމަކީ ބަލިކަށިވާނެ ކަމެއް. ތައުރީފާއެކުވެސް މި ޓީމުން މަޑު ނުޖެހެން ވިސްނާނެ. އަރާމުކުރުމެއް ނެތްކަން އެނގޭނެ،" އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ މުބާރާތްތަކުގައި ރަނގަޅަށް ފެށުމަކީ ސްޕެއިނަށް އުނދަގޫ ކަމެއް ކަމަށާއި، ރޭގެ މެޗު ހާއްސަވީ ރަނގަޅަށް މުބާރާތް ފެށުނު މެޗަށް ވީމާ ކަމަށެވެ. އޭގެ އިތުރުން އެންރީކޭ ބުނީ ނޫސްތަކުން އަބަދު ފެންނަނީ ސްޕެއިނަށް ގޯލު ނުޖެހޭ ވާހަކަ ކަމަށާއި، ފޯވަޑެއް ނެތް ކަމުގެ ވާހަކަ ނަމަވެސް، ރޭގެ މެޗުން އެކަމަށް ޖަވާބު ދެވުނު ކަމަށެވެ. ޕްލޭނާ އެއްގޮތަށް މެޗު ދިޔަކަމަށް ބުނަމުން އެންރީކޭ އިތުރަށް ބުނީ ރޭގެ މެޗުގައި ޓީމުން ކުރި ހުރިހާ ކަމެއްވެސް އޭނާއަށް ކަމުދިޔަ ކަމަށެވެ.
ސްޕެއިނުން ދެން ގްރޫޕް ސްޓޭޖުގައި މެޗެއް ކުޅޭނީ 28 ވަނަ ދުވަހުއެވެ. އެއީ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022