ގަތަރު ވޯލްޑް ކަޕް 2022 ގައި ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި 7-0 އިން ކޮސްޓަ ރީކާ ބަލިކޮށްފިއެވެ.

ގަތަރުގެ ދޯހާގެ އަލް ތުމައިމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ރަނގަޅު ކުޅުމެކެވެ. އެޓީމުން ވަނީ ފުރަތަމަ މެޗުގައިވެސް ފެންވަރު ދައްކާލައިފައެވެ. މިރޭގެ މޮޅަކީ ސްޕެއިންގެ ތާރީހުގައިވެސް ވޯލްޑް ކަޕްގައި ހޯދި އެންމެ ބޮޑު މޮޅެވެ. މީގެ ކުރިން ސްޕެއިނުން ވޯލްޑް ކަޕްގައި ހޯދާފައި އޮތް އެންމެ ބޮޑު މޮޅަކީ ބަލްގޭރިއާ ކައިރިން 6-1 އިން ހޯދާފައިވާ މޮޅެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި ނެގި ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ އާ ޖީލެއްގެ ފެންވަރު ސާބިތުކޮށްދޭނެވެ. ރަން އަހަރަށްފަހު މިދިޔަ ދެ ވޯލްޑް ކަޕްގައިވެސް ސްޕެއިނަށް އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައިނުވި ނަމަވެސް މިފަހަރުގެ ޓީމަށް އުންމީދުތަކެއް އޮތެވެ. އެގޮތުން ލުއިސް އެންރީކޭ އެގައުމުގެ ގައުމީ ޓީމާ ހަވާލުވިފަހުން ޓީމުގެ ކުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް، އެންމެފަހުން ބޭއްވި ޔޫރޯގެ ސެމީ ފައިނަލަށް އެޓީމު ގޮސްފައި އޮތުން އެއީ އޭގެ އެއް ސަބަބެވެ. ހާއްސަކޮށް އެންރީކޭގެ ސްޓައިލަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް އިންޓަ ކޮންޓިނެންޓަލް ކޮލިފިކޭޝަނުން ކޮލިފައިވި ކޮސްޓަ ރީކާއާ ދެކޮޅަށް ނުކުތް އިރު، އެންރީކޭއަށް ކޮންމެވެސް ވަރެއްގެ މީޑިއާ ޕްރެޝަރެއް އޮތް ނަމަވެސް، މެޗުގެ ކުރިން އޭނާ ވަނީ ސާބިތު ޖަވާބުތަކެއް އެ ފާޑުކިޔުންތަކަށް ދީފައެވެ. އެގޮތުން އެންރީކޭ ތަކުރާރުކޮށް ބުނެފައި ވަނީ ޓީމުގެ ލީޑަރަކީ އޭނާ ކަމަށާއި ޓީމުގައި ކުޅުވާނެ ކުޅުންތެރިންވެސް އެނގޭނީ އޭނާއަށް ކަމަށެވެ. ޓީމަށް ނަގާފައި ވަނީ އިތުބާރުކުރާ ކުޅުންތެރިން ކަމަށްވެސް އެންރީކޭ ބުނެފައިވެއެވެ.

ސާޖިއޯ ރާމޯސްވެސް ނުލައި މިފަހަރުގެ ވޯލްޑް ކަޕަށް ދިޔަ ސްޕެއިންގެ ފަހަތަށް އެންރީކޭ ނެރުނީ މެންޗެސްޓާ ސިޓީގެ ޑިފެންސިވް މިޑްފީލްޑަރު ރޮޑްރީ އާއި ބާސެލޯނާގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯޑީ އަލްބާ އަދި ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އަދި އެމްރިކް ލަޕޯޓެވެ. ރޮޑްރީ ސެންޓަ ބެކަށް ނެރުންވީ ގިނަ ބަޔަކު ހީނުކުރި ބަދަލަށެވެ. އެހެން ނަމަވެސް އެ ބަދަލު މެޗުގައި ފުރިހަމަވެސް ވިއެވެ.

ފުރަތަމަ މިނެޓުން ފެށިގެންވެސް ސްޕެއިނުން ކުޅެމުން އައި އެގައުމުގެ ރަސްމީ "ޓިކީ ޓަކާ" ފުޓުބޯޅައިން ގެނެސްދިނީ 2010 ގެ ހަނދާންތަކެވެ. މެދުތެރެއިން ޒުވާން މިޑްފީލްޑަރުން ކަމަށްވާ ބާސެލޯނާގެ ގަވީ އާއި ޕެޑްރީގެ ކުޅުން ފާހަގަވެގެން ދިޔައިރު، އެ ދެކުޅުންތެރިންނަށް ހިތްވަރަކަށްވީ ސާޖިއޯ ބުސްކެޓްސްގެ ތަޖުރިބާއެވެ.

ފުރަތަމަ ކޮޅުގައިވެސް ސްޕެއިނުން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައިވާ އިރު، މިރޭގެ މެޗުގެ ފުރަތަމަ ހާފުވެފައި ވަނީ 1966 ވަނަ އަހަރު ތަފާސްހިސާބު ބަލަން ފެށިފަހުން ވޯލްޑް ކަޕް މެޗެއްގެ އެއް ހާފުގައި އެންމެ ގިނަ ޕާސްޖެހި ހާފަށެވެ. އެއީ 537 ޕާހެވެ. އޭގެ ތެރެއިން ސްޕެއިން ޖެހި ޕާސް އިންތިހާއަށް ގިނައެވެ. ސްޕެއިނުން ފުރަތަމަ ހާފުގައި 85 އިންސައްތަ ވަގުތު ބޯޅަ ގެންގުޅެ ތަފާތު ދައްކާފައިވެއެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ގަވީގެ ހިތްގައިމު ޕާހަކުން ޑެނީ އޮލްމޯ ސްޕެއިނަށް ލީޑު ނަގައިދިން އިރު، އެ ގޯލަށް މާ ގިނައިރެއް ނުވެ މާކޯ އެސެންސިއޯ ވަނީ ސްޕެއިނަށް ދެވަނަ ގޯލެއްވެސް ޖަހައިދީފައެވެ. އަދި ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީގައި ފެރަން ޓޮރޭސް ސްޕެއިންގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ. ސްޕެއިނުން ހާފު ނިންމާލީ ކޮސްޓަ ރީކާގެ ހަމަލާއަކަށް ފުރުސަތު ނުދީއެވެ.

ދެވަނަ ހާފުގައިވެސް ސްޕެއިންގެ ފޯމަށް ބަދަލެއް ނާދެއެވެ. ހުނަރުވެރި ޕާސްތަކާއެކު އެޓީމުން ދިޔައީ މިހާތަނަށް މި ވޯލްޑް ކަޕްގައި ފެނުނު އެންމެ ޗާލު، ރީތި ކުޅުން ދައްކަމުންނެވެ. ހަމަލާއަކަށްފަހު ހަމަލާއަކަށް މަސައްކަތް ކުރަމުން ގޮސް ފެރަން ޓޮރޭސް އޭނާގެ ދެވަނަ ގޯލާއެކު ސްޕެއިނަށް ހަތަރު ވަނަ ގޯލު ޖަހައިދިނެވެ. ގަވީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޓޮރެސް އެގޯލު ޖެހި އިރު، ކޮސްޓަ ރީކާގެ ޑިފެންޑަރުންނާއި ކީޕަރު ކޭލާ ނަވާސްގެ ގޯސް ފާހަގަވިއެވެ.

މެޗުގައި ސްޕެއިނަށް އެންމެ ރަނގަޅަށް ކުޅުނު ގަވީގެ ހިތްގައިމު ގޯލު ފެނުނީ 75 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ބަދަލަކަށް އެރި އަލްވާރޯ މޮރާޓާ ދިން ބޯޅައި، ފައިގެ އަރިމަތިން ޖަހައި ގޯލަށް ވައްދާލައިގެން ގަވީ ޖެހި ގޯލެކެވެ. ގަވީ ވެފައި ވަނީ 1958 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައި ބްރެޒިލްގެ ޕެލޭ، އުމުރުން 17 އަހަރުގައި ސްވިޑެން ކޮޅަށް ގޯލު ޖެހި ފަހުން، ވޯލްޑް ކަޕްގައި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ގަވީގެ އުމުރުން އަދި 18 އަހަރާ 110 ދުވަހެވެ.

ސްޕެއިނުން ކޮންޓްރޯލް ހިފަހައްޓަމުން ގޮސް ހަވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީ ކާލޯސް ސޮލާއެވެ. އަދި އޭގެ ފަހުން މޮރާޓާގެ ގޯލަކާއެކު ސްޕެއިނުން ހަތްވަނަ ގޯލެއް ޖަހައި ކޮސްޓަ ރީކާ ލަދުގަންނަވާލިއެވެ. ސްޕެއިނުން މެޗު ނިންމާލީ ކޮސްޓަ ރީކާއަށް ހަމަލާއެއްވެސް އުފެއްދިޔަ ނުދީއެވެ.