ޖަޕާން އަތުން ބަލިވީ ފުރުސަތުތަކުގައި ބޭނުން ނުހިފިގެން ކަމަށް ޖަރުމަނުގެ ކޯޗު ހާންސީ ފްލިކް ބުނެފިއެވެ.

ޖަރުމަނުން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ޖަޕާނު ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ޖަޕާނުގެ ފުޓުބޯޅަ ތާރީހުގައިވެސް ޖަރުމަނު ބަލިކުރި ފުރަތަމަ ފަހަރެވެ. ޖަޕާނާއި ޖަރުމަނު މިރޭގެ މެޗުގެ ކުރިން ހަތަރު މެޗެއްގައި ކުރިމަތިލާފައިވާ އިރު، އޭގެ ތެރެއިން ދެފަހަރަކީ ޖަރުމަނު، ވެސްޓް ޖަރުމަނުގެ ގޮތުގައި އޮތްއިރު ކުޅުނު ދެމެޗެވެ. ވެސްޓް ޖަރުމަނުގެ ގޮތުގައި އޮވެ ޖަރުމަނުން ޖަޕާނާ ވާދަކުރީ 1963 އަދި 1968 ވަނަ އަހަރުއެވެ. އޭގެ ތެރެއިން ފުރަތަމަ މެޗު 1-1 އިން އެއްވަރުވީ އިރު، އަނެއް މެޗު ޖަރުމަނުން ކާމިޔާބުކުރީ 1-0 އިންނެވެ.

އޭގެ ފަހުން ދެން ކުޅުނީ އެކުވެރިކަމުގެ ދެމެޗެވެ. އެ ދެމެޗަކީ 2004 އަދި 2006 ވަނަ އަހަރު ކުޅުނު ދެމެޗެވެ. ފުރަތަމަ މެޗު ޖަރުމަނުން 3-0 އިން ކާމިޔާބުކުރި އިރު، ދެވަނަ މެޗުވީ 2-2 އިން އެއްވަރެވެ. މިރޭގެ މެޗަކީ ވާދަވެރި މުބާރާތެއްގައި ޖަޕާނާއި ޖަރުމަނު ވާދަކުރާ ފުރަތަމަ މެޗެވެ.

އެ މާޔޫސީ ބައްޔާއެކު ކޯޗު ފްލިކް ބުނީ ޖަރުމަނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ ކަމަށެވެ.

"ފުރަތަމަ ހާފުގައި ވަރަށް ގިނަ ފުރުސަތުތަކެއް ބޭކާރުވެގެން ދިޔަ. ޖަޕާނުން އަހަރެމެން ބަލިކުރީ ފުރުސަތުގެ ބޭނުންކޮށް އެއް ގޯލު އިތުރަށް ޖަހައިގެން. އަހަރެމެންނަށް އެނގޭ ޖަޕާނަކީ ޑިފެންސުން އެޓޭކަށް ބަދަލުވާ އިރު، ހަލުވި ޓީމެއްކަން. އެހެންވީމަ މިއަދުގެ މެޗުގައި ހެދި ގޯސްތައް ހަދައިގެން ސަލާމަތެއް ނުވާނެ،" ފްލިކް ބުންޏެވެ.

ޖަރުމަނުން ވަނީ މިއަދުގެ މެޗުގައި ގިނަ ފުރުސަތުތަކެއް ފަހިކޮށް ގޯލަކަށް މަސައްކަތް ކޮށްފައެވެ. ފުރަތަމަ ހާފުގައި ޖަމާލް މުސިއާލާ އާއި އިލްކޭ ގުންޑޮގަންގެ ހަމަލާތައް ދަނޑިއަށް އަމާޒުވެފައިވާ އިރު، ދެވަނަ ހާފުގައިވެސް ސާޖް ނަބެރީ އާއި މުސިއާލާގެ ބޯޅަތައް ދަނޑިއަށް އަމާޒުވިއެވެ. އަދި މެޗުގައި ޖަޕާނުގެ ގޯލްކީޕަރު ގިނަ ހަމަލާތަކެއް މަތަވެސް ކުރިއެވެ.

ފްލިކް ވަނީ މެޗުގައި ޖަރުމަނުގެ ބައެއް ކުޅުންތެރިންގެ ފޯކަސްއާ މެދުވެސް ސުވާލު އުފައްދައިފައެވެ. ހާއްސަކޮށް ޕްރެސްގައި އޭނާ ވަނީ ޑިފެންޑަރު ނިކްލަސް ސޫލޭގެ ގޯހަށްވެސް ވާހަކަ ދައްކައިފައެވެ.

"ދެވަނަ ގޯލުގައި ނިކްލަސް ފަހަތަށް ޖެހިލީމަ ޖަޕާނުގެ ކުޅުންތެރިޔާ ސައިޑް ނުވެ އޮތީ. އެއީ އަމިއްލައަށް ހެދި ބޮޑު ގޯހެއް. އެކަންކަން ރަނގަޅުކުރަން ޖެހޭ،" ފްލިކް ބުންޏެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުންވެސް ކެޓި ޖަރުމަނަށް ދެން ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ ސްޕެއިނާއި ކޮސްޓަ ރީކާ ކުޅޭ މެޗެވެ.