ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ހަ ޑޮމެސްޓިކް އެއާޕޯޓަކަށް ބޭނުންވާ ފައިސާ ހޯދަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދުކުރި ޓުވީޓެއްގައި ބުނީ، އެއާޕޯޓުތައް ހެދުމަށް ބޭނުންވާ ފައިނޭންސިން އެގްރީމެންޓް ހަދާފައިވަނީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ އެކު ކަމަށެވެ. މުނި އެންޓަޕްރައިސަސްއާ އެކު ފައިނޭންސިން އެއްބަސްވުމެއް ހަދާފައިވަނީ ހަ ސަރަހައްދުގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާއްމުކޮށް ހުޅުވާލެވުނު ދައުވަތާ ގުޅިގެން ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ މަހު ބ. ތުޅާދޫ، ށ، ބިލެތްފެހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ. މަގޫދޫ އަދި ރ.އަތޮޅު ދެކުނުބިތުގައި (ރަށް އަދި ކަނޑައެޅިފައިއެއް ނުވޭ) އެއާޕޯޓް ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ދެކުނު ދުނި އިންވެސްޓްމެންޓާއެކު ވެސް އެއްބަސްވުމެއް ހަދައިފައެވެ.
ފައިނޭންސް އެގްރީމުންޓުގައިވާ ގޮތުން އެއިން ކޮންމެ އެއާޕޯޓެއްގެ ބަދަލުގައި ރިސޯޓު ތަރައްގީކުރުމަށް ރަށްތައް އެ ކުންފުންޏަށް ދޫކުރާނެއެވެ. އެ ކުންފުނިތަކަށް ދޫކުރަން ހަމަޖެހިފައިވާ ރަށްތަކުގެ މައުލޫމާތު އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
"ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގެ ދަށުން ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.
- ހދ. މަކުނުދޫ - 23,300,000 ޑޮލަރު
- ށ. ބިލެތްފެހި - 23,600,000 ޑޮލަރު
- ބ. ތުޅާދޫ - 21,900,000
- ތ. ވިލުފުށި - 33,300,000
- ފ. މަގޫދޫ - 8,200,000
- ރ.އަތޮޅު ދެކުނުބިތުގައި (ރަށް އަދި ކަނޑައެޅިފައިއެއް ނުވޭ) 23,600,000
ޚަބަރު
ޚަބަރު
ޚަބަރު