"ވަންލަވް" ކެޕްޓަން ބޭންޑް ނޭޅުމަށް ފީފާއަށް ނުބެނެވޭނެ ކަމަށް ބުނެ، ޖަރުމަނުން ގާނޫނީ މައްސަލައަކަށް ތައްޔާރުވަމުންދާ އިރު، އެކަމުގައި ފީފާއިން ޓީމުތަކަށް ބިރު ދައްކާ ކަމަށްބުނެ، ޖަރުމަނުން ޓީމު ފޮޓޯގައި އަނގަމަތީގައި އަތް އަޅައިފިއެވެ.

ފީފާގެ އުސޫލުތަކާއި ވޯލްޑް ކަޕް ބާއްވާ ގައުމުކަމަށްވާ ގަތަރުގެ ގާނޫނުތަކާއި އާދަކާދަތައް މުގުރާލައި ޔޫރަޕުގެ އަށް ޓީމެއްގެ ކެޕްޓަނުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް "ވަންލަވް" ކެޕްޓަން ބޭންޑު އަޅަން ފުރަތަމަ ނިންމާފައިވީ ނަމަވެސް، އެ ބޭންޑް އަޅާ ކެޕްޓަނުންނަށް ކާޑު ދެއްކުންފަދަ މެޗުތެރޭގެ އަދަބުތައް ދޭނެ ކަމަށް ބުނުމުން، އެކަން ނުކުރަން އެ ހުރިހާ ގައުމަކުންވެސް މިހާރު ވަނީ ނިންމައިފައެވެ.

ވިއްސާރަދުނީގެ ކުލަތަކަކީ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރަން ވަކާލާތުކުރާ މީހުންގެ ހަރަކާތްތައް ރަމްޒުކޮށްދޭ ކުލަތަކެވެ. މިކުލަތައް ހިމެނޭ "ވަންލަވް" ބޭންޑު ހުއްދަ ނުކުރަން ފީފާއިން ނިންމާފައި ވަނީ އެކަމަކީ އިސްލާމް ދީން ހަރާމް ކުރާ ކަމަށްވުމާއެކު، ގަތަރުގެ ސަގާފަތަށް އިހުތިރާމް ކުރުމަށެވެ. ހާއްސަކޮށް ގަތަރަކީ މުސްލިމް ގައުމަކަށްވީ އިރު، އެގައުމުން އެކަން ވަރަށް ބޮޑަށް މަނާކުރެއެވެ.

އެ މަނާކުރި ކުރުން ހުޅަނގުގެ ގައުމުތަކަށް ކަމުނުގޮސްގެން ތަފާތު ޕްލެޓްފޯމްތަކުގައި ފީފާއަށް ރައްދުކޮށް ބަހުގެ ހަމަލާތައް ދީފައިވެއެވެ. އެގޮތުން ޖަރުމަނުގެ އެފްއޭއިން މިހާރު މަސައްކަތް ކުރަމުންދަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ގޮސް، އެކަމަށް ހުއްދައެއް ހޯދުމަށެވެ. ޖަރުމަނުގެ އެފްއޭއިން ބުނީ މިއަދު ކުޅުންތެރިން މޫނުމަތީގައި އަތް އަޅައިގެން "އަޑުއުފުލުން" އެއީ ފީފާގެ އަދަބެއް އައިސްދާނެ ކަމެއްތޯވެސް މިހާރު ބަލަމުންދާ ކަމަށެވެ. އަދި "ވަންލަވް" ކެޕްޓަން ބޭންޑް މައްސަލައިގައި ފީފާއިން ބްލެކްމެއިލް ކުރާ ކަމަށްވެސް ޖަރުމަނުން ބުންޏެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް ތަރުހީބުދިނުމުގެ ބޭންޑު އަޅަން ނިންމި އަށް ޓީމުގެ ތެރޭގައި ހިމެނެނީ އިންގްލެންޑާއި ޖަރުމަނާއި ފްރާންސާއި ބެލްޖިއަމާއި ޑެންމާކާއި ހޮލެންޑާއި ސުވިޒަލެންޑް އަދި ވޭލްސްއެވެ.

"ވަންލަވް" ކެޕްޓަން ބޭންޑް އަޅަން ފޫގަޅައިގެން މަސައްކަތް ކުރަމުންދަނީ ހުޅަނގުގެ އެފްއޭތަކުންނެވެ. އެފަދަ ގަތަރުގެ ސަގާފަތާއި އިސްލާމީ އާދަކާދައަށް ފުށުއަރާ ކަމަކަށް ހުޅަނގުން މަސައްކަތް ކުރަމުންދާތީ ފީފާއިން ވަނީ އެތައް ފަހަރަކު އެކަންކަން ނުކުރަން އެދިފައެވެ. ހާއްސަކޮށް ވޯލްޑް ކަޕް ފެށުމުގެ ކުރިން ފީފާ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ހުޅަނގު ގައުމުތަކުގެ މުނާފިގުކަން ފާހަގަކޮށްފައެވެ. އެއާއެކު ފީފާ ރައީސް ވިދާޅުވީ ހައްގުތަކަށް ވަކާލާތުކުރަން ހުޅަނގުން ލަދުގަންނަން ޖެހޭނެ ކަމަށާއި ހުޅަނގުން އުޅެނީ އަމިއްލަ އެދުމައިގެން ކަމަށެވެ.