ފްރާންސުން ރޭ ކުޅުނު ގަތަރު ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗުގައި އަނިޔާވި ޑިފެންޑަރު ލޫކަސް ހެނާންޑޭޒްއަށް މުބާރާތުގެ ބާކީ ބައި ނުކުޅެވޭނެ ކަމަށް ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.
އޮސްޓްރޭލިއާއާ ދެކޮޅަށް ފްރާންސުން ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ބަޔާން މިއުނިކްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒްއަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވެއެވެ. ބަދަލުގައި ކުޅެން ނުކުތީ އޭނާގެ ކޮއްކޮ ތެއޯ ހެނާންޑޭޒްއެވެ. ލޫކަސް ހެނާންޑޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލު ފްރާންސުން މިއަދު ހާމަކުރީ އެމްއާރްއައި ސްކޭންތަކަށް ފަހުއެވެ.
ފްރާންސުން ބުނެފައި ވަނީ އުމުރުން 26 އަހަރުގެ ލޫކަސް ހެނާންޑޭޒް ކަކުލުގެ ލިގަމެންޓަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމަށާއި މިހާރު ރިކަވަރީގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފްރާންސް ކޯޗު ޑިޝޭމްޕްސް ބުނެފައި ވަނީ ލޫކަސް ހެނާންޑޭޒްއަށް ދިމާވި އަނިޔާއަކީ ހިތްދަތި ކަމެއް ކަމަށާއި ޓީމަށް ގެއްލުނީ ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. ލޫކަސް ހެނާންޑޭޒްއަކީ ދަނޑުމަތީގައި ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށާއި އުންމީދަކީ ވީ އެންމެ އަވަހަކަށް އަނިޔާއިން ރަނގަޅުވެ މެޗުތަކަށް ނުކުތުން ކަމަށްވެސް ޑިޝޭމްޕްސް ބުންޏެވެ.
އެންމެފަހުގެ ޗެމްޕިއަން ފްރާންސަށް މި ވޯލްޑް ކަޕަށް ނުކުތް އިރުވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަތަކެވެ. ވޯލްޑް ކަޕަށް ތައްޔާރުވާން ފެށިތަނުން އެޓީމުގެ މެދުތެރެ ގެއްލުނެވެ. އެންގޯލޯ ކަންޓޭ އާއި ޕައުލް ޕޮގްބާގެ ޕާޓްނާޝިޕްވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕަކަށް ނުގެންދާ އިރު، ދެން އަނިޔާ ދިމާވާން ފެށީ ސްކޮޑު ނެގި ފަހުންނެވެ. ޕްރިންސަލް ކިމްޕެންބޭގެ އިތުރުން ފޯމުގައި ހުރި ޒުވާން ފޯވަޑް ކްރިސްޓޮފާ އެންކުންކޫއަށް ތަމްރީނުތަކުގައި އަނިޔާވި އިރު، ވޯލްޑް ކަޕަށް އެންމެ ދުވަހެއް އޮއްވައި ދެން އަނިޔާވީ ބެލޮންޑިއޯ ހޯދި ކަރިމް ބެންޒެމާއަށެވެ.
އެ ލިސްޓަށް އަނެއްކާ މިވަނީ އިތުބާރު ޑިފެންޑަރު ލޫކަސް ހެނާންޑޭޒްގެ ނަން އިތުރުވެފައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022