އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް 37.4 ބިލިއަނަށް ކުޑަކުރަން އިދިކޮޅު ފަރާތްތަކުން ބަޖެޓަށް އިސްލާހު ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދަނީ ކޮމެޓީން ހުށަހެޅި ބަޖެޓަށް މެންބަރުން ބަހުސް ކުުރުމުގެ މަރުހަލާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، އަންނަ ހޯމަ ދުވަހު ބަޖެޓަށް ވޯޓަށް އެހުން އޮންނާނެ ކަމަށެވެ. އެހެންކަމުން ފުރަތަމަ ވޯޓަށް އަހާނީ ބަޖެޓަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށެވެ.
ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މިމަހު 20 އިން ފެށިގެން ތިން ދުވަހުގެ މުއްދަތެއް މެންބަރުންނަށް ވަނީ ދީފައެވެ.
އެ މުއްދަތުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން 13 އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ.
އިދިކޮޅުން ބަޖެޓަށް ހުށަހަޅާފައިވާ އިސްލާހުތައް:
- ސިޔާސީ މުވައްޒަފުންގެ މުސާރައިން 225.5 މިލިއަން ރުފިޔާ އުނިކޮށް، މަސްވެރިންގެ ސަބްސިޑީއަށް ހަރަދުކުރުން
- މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނޭ ގޮތް ހެދުމާއި ސީދާ މަސްވެރިންނަށް ސްބްސިޑީ ލިބޭ ގޮތަށް ބަދަލުކުރުން
- ކޮންޓިންޖެންސީ ބަޖެޓުގައި ހިމެނޭ 1.7 ބިލިއަން ރުފިޔާ 100 މިލިއަނަށް ކުޑަކުރުން
- ދަތުރު ބަޖެޓް 104 މިލިއަން ރުފިޔާއަށް ކުޑަކުރުން
- އޯޝަން ކަނެކްޓް އުވާލައި އެ ކުންފުންޏަށް ހިމަނާފައިވާ ތިން މިލިއަން، އަރަބިއްޔާސްކޫލް އިމާރާތަށް ކަނޑައެޅުން
- ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އުވާލައި އެތަނުގެ ހަތް މިލިއަން ރުފިޔާ އަރަބިއްޔާ އިމާރާތަށް ކަނޑައެޅުން
- ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އުވާލައި އެ ކުންފުންޏަށް ކަނޑައަޅާފައިވާ 26.9 މިލިއަން އަރަބިއްޔާ އިމާރާތަށް ކަނޑައެޅުން
- އެގްރޯނެޓް ކުންފުނި އުވާލައި އެ ކުންފުންޏަށް އޮތް 9 މިލިއަން އަރަބިއްޔާ އިމާރާތަށް ކަނޑައެޅުން
- ފޮރިން މިނިސްޓްރީގެ ބަޖެޓުން 73.5 މިލިއަން ރުފިޔާ އުނިކޮށް، އެ ފައިސާ އަރަބިއްޔާ ސްކޫލަށް ކަނޑައެޅުން
- އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީސް އުވާލައި 8.7 މިލިއަން ރުފިޔާ އަރަބިއްޔާސްކޫލަށް ކަނޑައެޅުން
- އަރަބިއްޔާސްކޫލްގެ އާ އިމާރާތަށް އިތުރު 8.8 މިލިއަން ރުފިޔާ ހިމެނުން
- ހާއްސަ ބަޖެޓް 6.8 ބިލިއަން ރުފިޔާއިން 3.8 ބިލިއަން ރުފިޔާއަށް ކުޑަކުރުން
- ސަރުކާރު ކުންފުނިތަކުގެ ކެޕިޓަލްއަށް ދޭ 764 މިލިއަން ރުފިޔާއިން %25 އުނިކުރުން