ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާއި މޮރޮކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ކްރޮއޭޝިއާ މިއަދުގެ މެޗަށް ނުކުންނަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމުގެ ގޮތުގައި. އެއީ އެގައުމުގެ ތާރިހުގައިވެސް ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ. ޑޭވާ ސުކާ ފަދަ ކުޅުންތެރިންނާއެކު ކްރޮއޭޝިއާއިން 1998 ވަނަ އަހަރު ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގެ ތިންވަނަ އެޓީމުން ހޯދި ނަމަވެސް 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގައި އޮތް ވޯލްޑް ކަޕުން އެޓީމު ކެޓީ ގްރޫޕް ސްޓޭޖުން. 2010 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަނުން ކަޓައި އެ މުބާރާތުން ކްރޮއޭޝިއާއަށް ފުރުސަތުވެސް ލިބިފައެއް ނުވޭ. ކްރޮއޭޝިއާއިން އޭގެ ފަހުން ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް އެ މުބާރާތުންވެސް އަލްވަދާއު ކިޔާން ޖެހުނީ ގްރޫޕް ސްޓޭޖުން.

މެކްސިކޯގައި 1970 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި މޮރޮކޯ ވާދަކުރި. އެއަށްފަހު މެދުކެނޑުމަކަށްފަހު 1986 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް މޮރޮކޯ ވިދާލި. އިންގްލެންޑާއި، ޕޮލެންޑް އަދި ޕޯޗުގަލްއާ އެއް ގްރޫޕެއްގައި ކުޅެ، ގްރޫޕުގެ އެއްވަނަ ހޯދި. އެއީ އެފްރިކާ ގައުމެއް ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ހޯދި އެންމެ ބޮޑު ކާމިޔާބީ. އެފަހަރު ގަދަ 16 ގައި ވެސްޓް ޖާމަނީ އަތުން ބަލިވި މޮރޮކޯއަށް އޭގެ ފަހުން ދެން ވާދަކުރެވުނީ 1994،1998 އަދި އެންމެފަހުން 2018ގެ ވޯލްޑް ކަޕްގައި.

  • ކްރޮއޭޝިއާ - ލޫކާ މޮޑްރިޗް

އުމުރު: 37 އަހަރު

ކްލަބު: ރެއާލް މެޑްރިޑް

ކްރޮއޭޝިއާގެ ތަރިއަކީ 2018 ވަނަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކުރި ލޫކާ މޮޑްރިޗް. ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކްލަބު ރެއާލް މެޑްރިޑްގެ މެދެތެރޭގައިވެސް މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ޖާދުވީ މިޑްފީލްޑަރެއް. މޮޑްރިޗަކީ ކްރޮއޭޝިއާގެ ކެޕްޓަންވެސް މެ. މިހާތަނަށް 154 މެޗު ގައުމީ ޓީމަށް ކުޅެފައިވާ މޮޑްރިޗަކީ ދުނިޔޭގައިވެސް ހުރި އެންމެ ކުޅަދާނަ، އެންމެ ހިތްގައިމު ކުޅުމެއް ކުޅޭ އެއް މިޑްފީލްޑަރު. މި ވޯލްޑް ކަޕަކީ މޮޑްރިޗްގެ ފަހު ވޯލްޑް ކަޕަށް ވުން ގާތް.

  • މޮރޮކޯ - އަޝްރަފް ހަކީމީ

އުމުރު: 23 އަހަރު

ކްލަބު: ޕީއެސްޖީ

ޒުވާން ހުނަވެރި ފުލްބެކް، އަޝްރަފު ހަކީމީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ސައިޑް ބެކް. ޑިފެންސިވް ހުނަރުގެ އިތުރުން، އެޓޭކިންގައިވެސް ހަކީމީގެ ހުނަރު ވަރަށް ބޮޑަށް ފާހަގަވޭ. ހާއްސަކޮށް ހިލޭ ޖެހުންތަކާއި ސެޓް ޕްލޭތަކުގައި ހަކީމީއަކީ ވަރަށް ނުރައްކާތެރި ކުޅުންތެރިއެއް. ރެއާލް މެޑްރިޑުން ފެށި ހަކީމީ ވަނީ އެކްލަބާއެކު ޗެމްޕިއަންސް ލީގުވެސް ހޯދާފައި. އޭގެފަހުން ބްރޫޝިއާ ޑޯޓުމަންޑަށް ކުޅުނު ހަކީމީ އިންޓަ މިލާނާއެކު ސެރެއާ އޭވެސް ކާމިޔާބުކުރި. އޭގެ ފަހުން ބޮޑު އަގުގައި ދެން ދިޔައީ ޕީއެސްޖީއަށް. ހަކީމީ ވަނީ މޮރޮކޯ ސީނިއާ ޓީމަށް 53 މެޗު ކުޅެފައި.