ލުއި ރިޕޯޓް

ހައިވޭމަތިން ސައިކަލް ހުއްޓި ގޮތްހުސްވި ވަގުތު ދަރިފުޅު ސްކޫލަށް ގެންގޮސްދިން ސިފައިންގެ މީހާއަށް ސެލިއުޓް!

ރިފާ ހަލީލު

8

ހުޅުމާލެއިން މާލެ އައި ވަގުތެވެ. އޭރު ދަރިފުޅު ސްކޫލަށް ދާ ގަޑި ޖެހެނީއެވެ. ބުރިޖާއި ހިސާބަށް އެރުމުގެ ކުރީން ހައިވޭ މަތިން ސައިކަލް ހުއްޓި ގޮތް ހުސްވީއެވެ. ދަރިފުޅުގެ ސްކޫލް ގަޑި ޖެހެނީއެވެ.

މިއީ އިއްޔެ އަބްދުﷲ އިރުފާން ކިޔާ މީހަކަށް ދިމާވި ކަމެކެވެ.

އިރުފާން "ވަން" އަށް ބުނީ މެންދުރުގެ ގަދަ ހޫނުގައި ދަރިފުޅު ގޮވައިގެން ސްކޫލަށް ދާން ނިކުތީ ސައިކަލަށް ކަމެއް ދިމާވާނެ ކަމަށް ހީކޮށްގެން ނޫން ކަމަށެވެ. އެހެން ނަމަވެސް ހައިވޭގެ މެދެއްހާ ހިސާބުން ސައިކަލް ހުއްޓުނީ ސައިކަލްގެ ހަން ފަޅައިގެން ގޮސްގެނެއެވެ.

އިރުފާން ބުނީ އޭރު ދަރިފުޅުގެ ސްކޫލް ގަޑި ޖެހިދާނެތީ ކަންބޮޑުވި ކަމަށެވެ. ނަމަވެސް ސިފައިންގެ މީހަކު ކައިރި ކޮށްލާފައި އެހީތެރިކަމެއް ބޭނުންތޯ އަހާލި ކަމަށެވެ.

"އަޅުގަނޑު ނޭދެން އެއްވެސް މީހެއް ގާތު އެހީއަކަށް އޭރު. އެކަމަކު ދަރިފުޅު ސްކޫލަށް ގެންދަން ގަޑިޖެހިދާނެތީ ކަންބޮޑުވި. އެގަޑީގަ އެމްއެންއެންޑީއެފް އޮފިސަރެއް އަޅުގަނޑުމެން ދެބަފައިންނާ އަރާ ހަމަކޮށްފަ ބުނީ އެހީއެއް ބޭނުންހޭ. ދެން އަޅުގަނޑު ވަކި އެއްޗެކޭ ނުބުނެވެނީސް ބުނެފި ދަރިފުޅު ގޮވައިގެންގޮސް ސްކޫލަށް ލައިދީފާނަމޭ. އެއްވެސް މައްސަލައެއް އެބައޮތް ހެއްޔޭ. ދެން ކުޑަކޮށް ވިސްނާލާފަ އަޅުގަނޑު އޯކޭ ދިނިން. ދެން އެބޭފުޅާ އަޅުގަނޑުގެ ދަރިފުޅު ގަޑިއަށް ސްކޫލަށް ލައިދިން." އޭނާ ބުންޏެވެ.

އިރުފާން ބުނީ ދަރިފުޅު ގޮވައިގެން އެމްއެންޑީއެފް މީހާ ސައިކަލުގައި ދިޔަތަނުން އިތުރު މީހަކުވެސް އެހީއެއް ބޭނުންތޯ އެހި ކަމަށެވެ. ނަމަވެސް އެވަގުތު ޕިކަޕަކަށް ގުޅައިގެން ހުރުމުން އެހީއަށް ނޭދޭ ކަމަށް ބުންޏެވެ.

އިރުފާނު ބުނީ ހިތުގައި ސިފައިންނާމެދު އޮތް ގަދަރާއި ލޯތްބާއި އިހުތިރާމު އިއްޔެ އެކަނިވެސް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. ސިފައިންނަކީ ހަމައެކަނި ގައުމަށް ހިދުމަތް ކުރާ ބައެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިކަމުގެ އަތް ދިއްކޮށްލަން ފަސްނުޖެހޭ ބައެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެމްއެންޑީއެފް މީހާއަށް ގިނަ ބައެއް ޝުކުރާއި ތައުރީފު ސޯޝަލް މީޑިއާގައި އަންނަނީ އޮހެމުންނެވެ. ސެލިއުޓު ހައްގު ބޭފުޅެކެވެ. އިންސާނިއްޔަތު ކަމުގެ ނަމޫނާއެކެވެ.