ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕް ފަށާނީ މިރޭ ކޮސްޓަ ރީކާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ޔޫރޯގެ ސެމީ ފައިނަލަށް ދިޔަ ސްޕެއިން ވޯލްޑް ކަޕަށް ނުކުންނާނީ 2010 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއް ކާމިޔާބު ކުރުމުގެ ޗެލެންޖަށެވެ. ޓީމުގައި ޒުވާން ތަރިންގެ ލީޑާޝިޕެއް އުފެދެމުން އަންނަ ކަމުގެ ސިފަތައް އަންނަނީ ފެންނަމުންނެވެ. ކޯޗު ލުއިސް އެންރީކޭ މިފަހަރުގެ ޓީމުގައި ސާޖިއޯ ރާމޯސްއާއި މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހިމަނާފައިނުވާ އިރު، އެއީ ފުރަތަމަ ޖަވާބު ދޭން ޖެހުނު ސުވާލުތަކެވެ.

އެ ސުވާލުތަކާއެކު ފުރަތަމަ މެޗަށް އެންރީކޭ ނުކުންނާނީ އޭނާއަކީ ލީޑަރު ކަމަށް ބުނެއެވެ.

"ގައުމީ ޓީމެއްގެ ލީޑަރަކަށްވާނީ ކޯޗު. އެކަމަށް އަހަރެން ޝައްކުކުރާނަމަ އަހަރެންގެ ވާހަކަ ގަބޫލުކުރާނީ ކާކު؟ އަހަރެން ބޭނުންވާ ކުޅުންތެރިޔަކު ކުޅޭނީވެސް. އަހަރެން ބޭނުންވާ ކުޅުންތެރިޔަކު ޓީމާއެކު ދަތުރު ކުރާނީވެސް. އަހަންނަކީ ޓީމުގެ ކޮންމެ މައްސަލައެއްވެސް ހައްލުކުރަން ހުންނަ ލީޑަރު. އަހަރެން މިހުރީ ވޯލްޑް ކަޕަށް އުންމީދާއެކު. ފުރަތަމަ މެޗަށް ކުރިމަތިމިލަނީ ހިތްހަމަ ޖެހިފަ ހުރެގެން،" ކޮސްޓަ ރީކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޕްރެސްއާ ވާހަކަ ދައްކަމުން އެންރިކޭ ބުންޏެވެ.

ގައުމީ ޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި ވޯލްޑް ކަޕްގައި ކުޅުނު އެންރިކޭއަށް މިއީ ކޯޗެއްގެ މަގާމުގައި ފުރަތަމަ ވޯލްޑް ކަޕެވެ. އޭނާ ވޯލްޑް ކަޕަށް ނެގީ މުބާރާތުގެ ތިންވަނައަށް އެންމެ ހަގު ސްކޮޑެވެ. އެ ސްކޮޑުގައި ޕެޑްރީއާއި އަންސޫ ފަޓީ ފަދަ ކުޅުންތެރިން ފާހަގަވެއެވެ.

"ޒުވާން ކުޅުންތެރިން ޓީމަށް ގެނެސްދެނީ ވަރަށް މުހިއްމު ކަމެއް. އެއީ ހަކަތަ. ޒުވާން ކުޅުންތެރިންގެ ތަޖުރިބާ މަދުކަން ފޫބައްދަން އަހަރެމެން ކޯޗުން މި ތިބެނީ،" އެންރިކޭ ބުންޏެވެ.

އެންރިކޭ އެފަދަ ގޮތަކަށް މީޑިއާއަށް އޭނާއަކީ ލީޑަރުކަން ދައްކަން މަސައްކަތް ކޮށްފައި ވަނީ ވޯލްޑް ކަޕަށް ދެ ދުވަހަށް ވެފައިވަނިކޮށް ސްކޮޑަށް ބަދަލެއް ގެންނަން ނިންމި ނިންމުމަށް ފާޑުކިޔުންތައް އަމާޒުވުމުންނެވެ. ޖޯސޭ ގަޔާއަށް އަނިޔާވުމުން، އަނިޔާ ރަނގަޅުވާނެ މުއްދަތެއް ހާމަނުކޮށް އެންރިކޭ ވަގުތުން ނިންމީ ބާސެލޯނާގެ އަލެހާންޑްރޯ ބާލްޑޭ ޓީމަށް ގެންނާށެވެ. ނޫސްވެރިން ބުނަމުން އަންނަނީ ގަޔާ ސްކޮޑުން ބޭރުކުރީ އަނިޔާއިން ރަނގަޅުވާނެ ކަމުގެ ޔަގީންކަން އޮއްވައި ކަމަށެވެ.

"އަހަރެން ގަޔާގެ ނިންމުން ނިންމީ ހިތުން އެނިންމުން އެއީ ރަނގަޅު ނިންމުންކަން ގަބޫލުކޮށްގެން. ގަޔާގެ އިހުސާސްވެސް އަހަންނަށް އިހުސާސްވޭ. އެކަމަކު ގަޔާ ބަހައްޓައިގެން ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ދެމެޗުގައި އޭނާ ލައްވައި ކުޅުވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. އޭނާއަށް ލިބުނު އަނިޔާއިން ރަނގަޅުވާން 10 ނޫނީ 15 ދުވަސް ނަގާނެ ކަމަށް އަހަންނަށް މެޑިކަލް ޓީމުން އިރުޝާދު ދީފަ އޮތީ. ނިންމުން ނިންމީ ޓީމާއި ގައުމަށްޓަކައި،" އެންރިކޭ ބުންޏެވެ.

އެންރިކޭ ބުނީ ގަޔާ އަނިޔާއެއްގައި ހުއްޓައި، ދެން ހުރި ފުލްބެކް، ޖޯޑީ އަލްބާއަށް އަނިޔާވެ، ވާތު ފަހަތެއް ނެތް ހާލަތެއް އަތުވެއްޖެ ނަމަ، އެންމެ ބޮޑަށް ނޫސްވެރިން ފާޑު ކިޔާނީ އޭނާގެ ނިންމުމަށްކަން އެނގޭ ކަމަށާއި، އެހެން މަގާމެއް ނަމަ ކުޅުންތެރިޔަކު އެޖެސްޓް ކުރަންވެސް ފުރުސަތެއް އޮތީސް ކަމަށެވެ.

ސްޕެއިނުން މިރޭ ނުކުންނަ ކޮސްޓަ ރީކާގެ ކޯޗު ލުއިސް ފެނާންޑޯ ޝުއަރޭޒްވެސް ވަނީ ޓީމުގެ ލީޑާޝިޕަށް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ޓީމުގައި ތަފާތު ފަންތީގެ ލީޑަރުން ވޯލްޑް ކަޕަށް ތައްޔާރަށް ތިބި ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރީ ތަޖުރިބާކާރު ކެޕްޓަން ބްރައިން ރުއިޒްއާއި ގޯލްކީޕަރު ކޭލޯ ނަވާސް އަދި ޖޯލް ކެމްބެލްގެ ނަމެވެ.

ސްޕެއިނާއި ކޮސްޓަ ރީކާގެ ކުރިމަތިލުން އޮންނާނީ މިރޭ 9:00 ގައެވެ.