ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލް (ޔޫއެންއެސްސީ) ގެ ގޮޑިއަށް ވާދަކުރަން ރާއްޖެއިން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އދ. ގެ ސެކިއުރިޓީ ކައުންސިލަށް ކުރިމަތިލާން ނިންމާފައިވަނީ 2033-2034 ދައުރަށް ކަމަށެވެ. ސެކިއުރެޓީ ކައުންސިލަށް ވާދަކުރުމުގެ އިތުރުން އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށްވެސް ކުރިމަތިލާން ނިންމާފައިވާ ކަމަށާއި އެ ކައުންސިލަށް ކުރިމަތިލާން ނިންމާފައިވަނީ 2027-2028 ދައުރަށް ކަމަށް ބުންޏެވެ.

އެ ދެ އިންތިހާބު ރާއްޖެއަށް ކާމިޔާބު ވެއްޖެނަމަ، ވެގެންދާނީ އެ ދެ ކައުންސިލަށް ރާއްޖެ އިންތިހާބުވާ ފުރަތަމަ ފަހަރަށެވެ.

ރާއްޖެ އާއި ދޭދޭ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކޮށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރު ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އެންމަ މަތީ މަސްލަހަތު އިސްކޮށް، ރީތި ނަން ހޯދުމަކީ ވެސް ސަރުކާރުގެ ވައުދެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ދެ އިންތިހާބުގައި ވާދަކުރަން ނިންމީ އެ ވައުދުތަކަށް ބިނާކޮށް، ރާއްޖެއަށް އަލިގަދަ މުސްތަގުބަލެއް ހޯދުމުގެ މަގުސަދުގައި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އދ. ގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖެ އިން ވާދަކުރި ނަމަވެސް އެ އިންތިހާބުގައި ކާމިޔާބު ކުރީ އިންޑޮނޭޝިއާއިންނެވެ. ރާއްޖެއަށް ލިބުނީ އެންމެ 46 ގައުމެއްގެ ތާއީދެވެ.

ރާއްޖޭން ވަނީ 2011 އިން 2016 އަށް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ޖެހިޖެހިގެން ދެ ދައުރު ފުރިހަމަކޮށްފައެވެ. އަދި 2023 އިން 2025 އަށް، އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ވަނީ އިންތިހާބުވެފައެވެ. މީގެ އިތުރުން 2021 އިން 2022 އަށް ރާއްޖޭން ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓައިފައެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމެވެ. އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.