ކޯޗިން ކެރިއަރުގައި ހާވޭ ރެނާޑް އަބަދުވެސް ފެންނަނީ "އަންޑަ ޑޯގް" ޓީމެއްގެ ބެންޗުންނެވެ. 1999 ވަނަ އަހަރުގެ އޭނާގެ ކޯޗިން ކެރިއަރު ފެށީވެސް މަދު މީހަކަށް އެނގޭނެ ފްރާންސް ކްލަބެއް ކަމަށްވާ އެސްސީ ޑްރަގުއިނަންއިންނެވެ. އެ ފެށުންވެސް ގޯހެއް ނޫނެވެ. އެ ކްލަބަށް ޖެހިޖެހިގެން ތިން އަހަރު ޕްރޮމޯޝަން ހޯދައިދިނެވެ. އޭގެ ފަހުން އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ ކޭމްބްރިޖް ޔުނައިޓޭޑާ ހަވާލުވެގެންވެސް ރެނާޑް ހުއްޓެވެ.
އަވަސް އަވަހަށް ކްލަބު ބަދަލުކޮށް، އަވަސް އަވަހަށް އެކިއެކި ގައުމުތަކަށް ދަތުރުކުރުމަކީ ރެނާޑްގެ ކެރިއަރުން ފާހަގަވާ ކަމެކެވެ. އިނގިރޭސި ހަތަރުވަނަ ޑިވިޝަނުން ވިއެޓްނާމަށް ދިޔަ ދިޔުން އެކަމަށް ހެކިދެއެވެ. ވިއެޓްނާމްގެ ނާމް ޑިންއާ ހަވާލުވެ ދުވަސްކޮޅަކު ހުރުމަށްފަހު އޭނާ އެނބުރި އަނެއްކާވެސް އުފަން ގައުމު، ފްރާންސްގެ ފަސްވަނަ ޑިވިޝަންގެ އޭއެސް ޗާބޯގާ ހަވާލުވިއެވެ. އޭގެ އިތުރުން ފްރާންސްގެ އިތުރު ބައެއް ކްލަބުތަކާވެސް ރެނާޑް ހަވާލުވެ ހުރި އިރު، ފުރަތަމަ ޑިވިޝަންގެ ލިލްއާއެކު އޭނާގެ މަސައްކަތް ވީ ނާކާމިޔާބެވެ.
އަވަސް އަވަހަށް ކްލަބު ބަދަލުކުރުމުގެ ތެރެއިން އޭނާގެ ކޯޗިން ކެރިއަރު ގައުމީ ޓީމުތަކަށް ބަދަލުކުރީ ފަހުންނެވެ. އެވާހަކައަށް ތަންކޮޅެއް ފަހުން ޖެހިލަން ބާއްވާފައި، ހަވާލުވި ހުރިހާ ކްލަބަކުންވެސް ފެންނަ އެއް މަންޒަރެއްގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. ރެނާޑްގެ ފިލޯސަފީއަކީ ކުޅުންތެރިން ފިޒިކަލީ ފިޓް ކުރުމުގެ ފިލޯސަފީއެކެވެ. ޕޮސެސަން ފުޓުބޯޅައަކަށް ރެނާޑް އަބަދުވެސް ޑިމާންޑް ކުރެއެވެ. ބޯޅަ ހޯދުމަށް އަވަސް އަވަހަށް ޕްރެސްކޮށް، ހަލުވި ކުޅުމަކަށް ކުޅުންތެރިން ހާނުވައެވެ. އެކަމަށް އޭނާ ކުރުވާ އެންމެ މުހިއްމު ކަމަކީ އާދަޔާހިލާފަށް ފިޓްނަސް ރަނގަޅު ކުރުމެވެ. ދަނޑު ބޭރުގެ ސަގާފަތް ބަދަލުކުރުމެވެ. ކެއުމާއި ރިކަވަރީއަށް ކުޅުންތެރިންގެ ޝެޑިއުލްތަކަށް ބަދަލު ގެންނަހާ ރެނާޑްގެ ނުފޫޒު ގަދައެވެ.
ރެނާޑްގެ އެ ސްޓައިލް، ސައުދީ އަރަބިއާއިން އާޖެންޓީނާ ކައިރީގައި ހޯދި "މަސައްކަތު ރޭޓް އާދަޔާހިލާފަށް" ރަނގަޅު މެޗުން ފެންނާނެއެވެ. އެޓީމުން ވަރުގަދަ އާޖެންޓީނާ ލަދުގަންނަވާލީ ހައި ޕްރެސިންއެއްގައި، ޑިފެންސްވެސް ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެން ކުޅުނު ޓެކްޓިކްސްއެއްގައެވެ. އޮފްސައިޑް މަޅީގައި ލިއޮނަލް މެސީއާއި އެންހޭލް ޑިމަރިއާ އަދި ލައުޓާރޯ މާޓިނޭޒް ފަދަ ކުޅުންތެރިން ސައުދީން ޖެއްސުވީ "ރިސްކް" ނަގައިގެންނެވެެ. ބޮޑު ތަފާތަކުން ބަލިވުން، ނޫނީ މޮޅުވުން އެއީ އޮތްގޮތް ކަމަށް ބަލައިގެން ރެނާޑް ޓީމު ނެރުނީ އޭނާގެ ސްޓައިލް ދޫކޮށް ނުލައެވެ.
ސައުދީ އަރަބިއާއިން އާޖެންޓީނާ ބަލިކުރި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުނަރު އެއްކިބާކޮށް، ވަރުބަލިކަމެއްނެތި ކުރި ބުރަ މަސައްކަތެވެ. ފަހަތުން ގައުމަށްޓަކައި ޑިފެންސްކޮށް، ޓީމު އެއްކޮށް ކައުންޓާގައި ކުރިއަށްވެސް އެރިއެވެ. އެއީ ފުޓުބޯޅަ ދުނިޔެއަށް ހައިރާން ކަމެއް ނަމަވެސް، ރެނާޑްގެ ކޯޗިން ސްޓައިލް ދަންނަ މީހަކަށް އާކަމަކަށް ނުވާނެއެވެ. ރެނާޑް ކުރިން ކޯޗުކަން ކޮށްދިން ބައެއް ކުޅުންތެރިން ކަމަށް ހެކިވެސް ދެއެވެ.
"ހާވޭގެ އެންމެ ހަނދާން ހުންނަ ކަމަކީ މަސައްކަތު ރޭޓަށް އޭނާ ކުރާ ޑިމާންޑް. އެކަމަށް އޭނާ ޑިމާންޑް ކުރަމުން އަމިއްލަ މީހާގެ ނަފްސުންވެސް އެކަން ދައްކާނެ. އަމިއްލައަށް ޖިމް ޖައްސާ މީހާ ފިޓްކޮށް ހުންނަން އެނާވެސް މަރުދޭނެ. ހާވޭއާއެކު ކުރިއަށް ދިޔަ ޕްރީ ސީޒަނަކީ މުޅި ކެރިއަރުގައިވެސް ނިންމާލަން ޖެހުނު އެންމެ ފިޒިކަލް ޕްރީ ސީޒަން،" ކޭމްބްރިޖްގައި ރެނާޑާއެކު ތަމްރީނުކުރި ޖޯން ރުޑީ ކިޔައިދީފައިވެއެވެ.
"އަހަރެމެން ދެ މިނެޓް ވާންދެން ޕްލޭންކްގައި ބާއްވާ. ހާވާވެސް އެ ތަމްރީނުތަކުގައި ބައިވެރިވާނެ. އަހަރެމެން ކުއްތާތަކެއްހެން ތުރުތުރު އަޅާފައި ތިބޭ ހަނދާން އަހަރެން އެބަހުރި. ހާވޭ ކުރާނެ ކަމަކީ ހަޅާލަވާ، އެކަމަށް ޕުޝްކުރުން. އޭނާ ހުންނާނީ ހޭން،" ރެނާޑްގެ ސްޓައިލް ކިޔައިދެމުން ރުޑީ ބުންޏެވެ.
ރެނާޑް ސައުދީއަށް ގެނައި ބަދަލު ރުޑީގެ ވާހަކަތަކުން ސާފުވެއެވެ. 2018 ވަނަ އަހަރުގެ ރަޝިއާ ވޯލްޑް ކަޕްގައި 5-0 އިން ރަޝިއާ އަތުން ބަލިވި ސައުދީ މާޒީވެ ދިޔައީ ރެނާޑްގެ މަސައްކަތުންނެވެ. އާޖެންޓީނާ ބަލިކުރި ސައުދީ އުފެއްދީ އޭނާއެވެ. ރެނާޑްގެ މަސައްކަތަކީ "އަންޑަ ޑޯގް" ޓީމުތައް ބަދަލުކުރުމެވެ. ހާއްސަކޮށް ގައުމީ ޓީމުގެ ޓްރެކް ރެކޯޑުގައި އެކަން ފެންނަން އެބައޮތެވެ.
ކްލަބުތަކުގައި ކާމިޔާބީން ޖަރީ ނުވެވުނަސް ރެނާޑަށް ރެނާޑްގެ ކެރިއަރުގައި ގައުމީ ޓީމުތައް ބަދަލުކޮށްލީ އެންމެ ފަހަރަކު ނޫނެވެ. އޭނާއަކީ އެފްރިކާގެ އެންމެ ބޮޑު މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް ދެގައުމަކާއެކު ކާމިޔާބުކުރި ހަމައެކަނި ކޯޗެވެ. 2012 ވަނަ އަހަރު ރެނާޑް ވަނީ އެފްކޯން ޒަމްބިއާއަށް ހޯދައިދީފައެވެ. އެއީ ބޮޑު ހައިރާންކަމެކެވެ. އޭގެ ތިން އަހަރު ފަހުން އައިވޮރީ ކޯސްޓާއެކު 2016 ވަނަ އަހަރުގެ އެފްކޯންވެސް ރެނާޑް ކާމިޔާބުކޮށް އޭނާ އެފްރިކާ ފަތަހަކުރިއެވެ.
އޭގެފަހުން އެފްރިކާގެ ތާރީހުގައި އެންމެ މުސާރަ ބޮޑު ކޯޗުގެ ގޮތުގައި މޮރޮކޯއާ ހަވާލުވެ ރެނާޑް ވަނީ 1998 ވަނަ އަހަރު ފަހުން މޮރޮކޯއަށް ފުރަތަމަ ވޯލްޑް ކަޕް ފުރުސަތު ހޯދައިދީފައެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. މޮރޮކޯއާއެކު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް އޭނާ ވަނީ 2-2 އިން ސްޕެއިނާ އެއްވަރުކޮށްފައެވެ. އެއީވެސް އިއްޔެގެ ނަތީޖާ ފަދަ ނަތީޖާއެކެވެ. ކޮންމެ މެޗަކަށްވެސް ނުކުންނަނީ ހުދު ގަމީހެއްގެ މަތީ ގޮށްކޮޅު ނައްޓާލައިގެންނެވެ. އޭނާގެ ހުދު ގަމީހަކީވެސް ގަބޫލުކުރާ ގަބޫލުކުރުމެކެވެ.
"ހުދު ގަމީސް މެޗުތަކަށް ލާން ފެށީ 2010 ވަނަ އަހަރު. އެފަހަރު އެފްކޯންގައި ކެމަރޫނާ ދެކޮޅަށް ޒަމްބިއާ ކުޅުނު މެޗު ބަލިވީ. ބަލިވި އިރު އަހަރެން ލައިގެން ހުރީ އަލި ނޫ ކުލައެއްގެ ގަމީހެއް. ދެން އައި މެޗަށް ހުދުކުލަ ލައިގެން ނުކުތީ މޮޅުވޭތޯ، އެމެޗުން މޮޅުވެ ގްރޫޕްގެ އެއްވަނައިގައި ނިންމާލީ. އެހިސާބުން ހުރިހާ މެޗަކަށް ހުދު ގަމީސް ލަނީ،" ރެނާޑް ކުރިން ބުނެފައިވެއެވެ.
ކެރިއަރުގައި ރެނާޑްގެ މުދައްރިސަކީ ތަޖުރިބާކާރު ކޯޗު ކްލައުޑޭ ލެ ރޯއީއެވެ. ކްލައުޑޭގެ އިރުޝާދުން ފުރުސަތު ހޯދަމުން އައި ރެނާޑްގެ ކެރިއަރުގައި އެންމެ ބޮޑު ރޯލެއް ކުޅެނީ އޭނާގެ ޔަގީންކަމެވެ. އާޖެންޓީނާ މެޗަށް ނުކުންނަމުން އޭނާ ބުނި ބަސްތައްވެސް އެކަމަށް ހެކިދެއެވެ.
"އަހަރެމެން އެންމެ ގަޔާވާ ކަމަކީ އަހަރެމެންގެ ޓީމަކީ އެންމެ ދަށް، އެންމެ ކުޑަ ޓީމަށް ހަދާތީ. އަހަރެމެންގެ މެންޓާލިޓީއަކީ ވޯލްޑް ކަޕްގައި ސަޕްރައިސްތައް ފެންނާނެ ކަމަށް،" މެޗުގެ ކުރިން ސައުދީ ކޯޗު، އުމުރުން 54 އަހަރުގެ ރެނާޑް ބުންޏެވެ. ކަން ދިމާވީވެސް އެހެނެވެ. އޭނާ ދިނީ ސަޕްރައިޒެކެވެ. މެޗަށްފަހު އޭނާ ބުނީ ނަތީޖާ ސައުދީ ތާރީހުގައި ލިޔެލުމަށެވެ. ސައުދީން އެކަން ކުރާނެވެސް މެއެވެ. އުފާފާޅުކުރަން މިއަދު ސައުދީގެ ހުރިހާ މަސައްކަތެއް ހުއްޓާލައިފިއެވެ. ސަރުކާރު ބަންދުކޮށް، އުފާވެރިކަމުގެ ދުވަހަކަށް ތައްޔާރުވެސް ވެއްޖެއެވެ.