ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗު 0-0 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.
ޓިއުނީޝިއާއާއި ޑެންމާކު އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްކޮށް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެ ގްރޫޕުގެ ދެވަނަ މެޗުގައި މިރޭ މެންދަމު ފްރާންސާއި އޮސްޓްރޭލިއާ ވާދަކުރާނެއެވެ.
މިއަހަރުގެ ވޯލްޑް ކަޕްގެ ކުރިން ޓިއުނީޝިއާ މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވެއެވެ. މީގެ ކުރިން ޓިއުނީޝިއާ އިން ވާދަކުރި ފަސް ވޯލްޑް ކަޕު ވެސް ނިންމާލީ ގްރޫޕު ސްޓޭޖުން ކަޓައިގެން ނަމަވެސް އެއިން ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ޓިއުނީޝިއާ އިން ރަނގަޅު ފައިޓެއް ދީފައިވެއެވެ. މިފަހަރުގެ ވޯލްޑް ކަޕަށް އެގައުމުން ނުކުތީ ގައުމުގެ ވޯލްޑް ކަޕް ތާރީހު ލިޔުމަށެވެ. މިރޭގެ މެޗު އެޓީމަށް މުހިއްމުވީ އެ ސަބަބަށްޓަކައެވެ.
އަނެއްކޮޅުން ނުކުތް ޑެންމާކަކީ ޔޫރަޕްގައި ރަނގަޅު ފޯމެއް ދަމަހައްޓަމުން އައި ޓީމެކެވެ. ޔޫރޯ 2020 ގެ ސެމީގައި ޑެންމާކު ކުޅުނު އިރު، އެންމެފަހުން ރަޝިއާގައި އޮތް ވޯލްޑް ކަޕް 2018 ގެ ގަދަ 16 އަށް ޑެންމާކު ދަތުރުކުރިއެވެ. ކޮލިފިކޭޝަންގައި ތަފާތު ފޯމެއްގައި ކުޅެ ޑެންމާކުން ވޯލްޑް ކަޕަށް ނުކުތީ ތަފާތު ދެއްކޭނެ ރޫހު ރަނގަޅު ޓީމެއް ގޮތުގައެވެ. ހާއްސަކޮށް ޔޫރޯގައި ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަންއަށް ދިމާވި ހިތްދަތި ކަމަކީ ޑެންމާކުން ހިތްވަރު ހޯދި އެއް ގޮތެވެ.
މެޗުގެ ކުރިން އެރިކްސަންއަށް ފޯކަސް ހުއްޓިފައި އޮތީ ޔޫރޯ 2020ގެ ގްރޫޕް ސްޓޭޖުގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކުން ކުޅުނު މެޗުގައި ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެންނެވެ. އެވަގުތު ކޮޅަކީ ދުނިޔެ "ޝޮކް" އަކަށް ދިޔަ ވަގުތު ކޮޅަކަށްވެފައިވާ އިރު، ކްލަބު ފުޓުބޯޅައިގެ އާ ދަތުރަކަށްފަހު އެރިކްސަން ޑެންމާކު ޓީމާއެކު ވޯލްޑް ކަޕަށް ނުކުތުން ވެގެންދިޔައީ ހިތްވަރު ސާބިތުކޮށްދިން ކަމަކަށެވެ.
މިރޭގެ މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ޑިފެންސިވްކޮށް ދެޓީމުންވެސް ބޮޑަށް ފެނިގެން ދިޔަ އިރު، ދެޓީމުންވެސް ހަމަލާތައް އުފައްދަން ހުސްވާ ޖާގަތައް ބައްދަމުން ދިޔަތަން ފެނިގެން ދިޔައެވެ. ހާއްސަކޮށް އޭރިއާ ތެރެއިން ފުރުސަތެއް ހޯދުން ވެފައި އޮތީ ދެޓީމަށްވެސް ބޮޑު ޗެލެންޖަކަށެވެ.
ފުރަތަމަ ހާފުގައި ޑެންމާކުގެ ޕިއޭ އެމީލް ހޮއިބިއާ ދުރުން ފޮނުވާލި ހަމަލާއެއްގެ އިތުރުން ޑެންމާކަށް ނުރައްކާތެރި ހަމަލާއެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އަނެއްކޮޅުން ހާފުގެ ފަހުކޮޅުގައި ޓިއުނީޝިއާއިން ޑެންމާކުގެ ޑިފެންސް ހުޅުވާލިއެވެ. އެގޮތުން ތުރޫ ޕާހަކަށް ކުރިއަށް ދެމިގަނެ، އިސާމް ޖެބަލީ ރަނގަޅު ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ހަމަލާ މަތަކުރީ ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލްއެވެ. ޖެބަލީ ޝޫމައިކަލް ބޯމަތިން ޗިޕްކޮށްލަން މަސައްކަތް ކުރި ބޯޅަ ޝޫމައިކަލް އަތުގައި ޖައްސައި ބޭރުކޮށްލީ އޮށޯވެ އޮވެގެންނެވެ.
ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޑެންމާކުންނެވެ. ހާފުގެ ކުރީކޮޅުގައި ގެނައި ތިން ބަދަލާއެކު ޑެންމާކުން ހަމަލާތަކެެއްވެސް އުފެއްދިއެވެ. 68 ވަނަ މިނެޓުގައި ޓިއުނީޝިއާގެ ގޯލްކީޕަރު އައިމަން ޑަހްމަންގެ މޮޅު ސޭވެއް ފެނިގެން ދިޔަ އިރު، އެ ހަމަލާއަކީ ޕެނަލްޓީ އޭރިއާ ބޭރުން ޑެންމާކުގެ ތަރި އެރިކްސަން ފޮނުވާލި ބާރު ހަމަލާއެކެވެ.
އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ޑެންމާކުން ނުރައްކާ ކުރިއެވެ. އެރިކްސަން ނަގައިދިން ކޯނަރުގެ ތެރެއިން ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޔޮކީމް އެންޑަސަން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޓިއުނީޝިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެފަހުން ޑެންމާކުގެ ޖެސްޕާ ލިންޑްސްޓްރޯމް ދުރުން ފޮނުވާލި ހަމަލާވެސް މަތަކުރީ ޓިއުނީޝިއާގެ ކީޕަރު ޑަހްމަންއެވެ.
މެޗުގައި ހުސް ފުރުސަތުތައް މަދުކޮށް ފެނިގެން ދިޔަ އިރު، ޕޮއިންޓަކުން ފުއްދާލުމަކީ ދެޓީމަށްވެސް ހިތްހަމަ ޖެހުމެކެވެ.
21:00 މެކްސިކޯ - ޕޮލެންޑް (ގްރޫޕް ސީ)
00:00 ފްރާންސް - އޮސްޓްރޭލިއާ (ގްރޫޕް ޑީ)
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022