މުޅި ރާއްޖެ ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހައި ސްޕީޑް ފެރީގެ ހިދުމަތަކީ، ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ކަމަށް، ވޯލްޑު ބޭންކުން ކުރި ދިރާސާއަކުން ދައްކާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާ ދެމެދު އެމްޓީސީސީން ކުރާ ލޯންޗު ދަތުރުތައް، ޑިމާންޑާ އެއްވަރަށް އިތުރު ނުކުރާ މައްސަލައިގައި މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އާޒިމް ވިދާޅުވީ، އާރުޓީއެލްގެ ހިދުމަތް މިހާރު ދޭ ސްޕީޑަށް ބަލާއިރު، ކުރިއަށް އޮތް 24 މަސް ދުވަސްތެރޭ މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު ވެފައިވާ ފަންސާސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ކަމެއް ކަށާމާއި އެ ކަމަށް ހާއްސަ އުޅަނދުތަކެއް ތައްޔާރު ކުރަމުންދާއިރު، އެމްޓީސީސީން ވަކިން އުޅަނދު ފަހަރު ތައްޔާރު ކުރުމަކީ ރައްޔިތުންގެ ފައިސާ ބޭކާރުވެގެންދާނެ ކަމެއް ކަމަށެވެ.

"މިދޭތެރެއިން ވޯލްޑް ބޭންކުން ހެދި ސްޑަޑީއެއްގައި އަޅުގަނޑުމެން އާރުޓީއެލްގެ ހިދުމަތްތައް ދެމުންދަނީ އެންމެ ރަނގަޅަށްތޯ ބެލި. އެ ސްޓަޑީގެ ރިޕޯޓު އެބައޮތް. އެ ރިޕޯޓު ބުނާގޮތުން ދުނިޔޭގެ ފެންވަރުގައިވެސް ހަމަ މިކަން ކުރާގޮތަށް ކުރަމުންދަނީ. އަދި ހަރަދުތައް މެނޭޖު ކުރަމުންދަނީވެސް އެންމެ ރަނގަޅަށް ކަމަށްވެސް ކަމަށްވެސް ރިޕޯޓުގައި ލިޔެފައި އެބައޮތް،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއަށް ސަރުކާރުގެ ސަބްސިޑީ ދޭ މައްސަލައިގައި މެމްބަރުން ކުރެއްވި ސުވާޅުތަކާ ގުޅިގެން އާޒިމު ވިދާޅުވީ، އެކުންފުނީގެ ދަށުން ގިނަ ވިޔަފާރިތަކެއް ކުރި ނަމަވެސް ސަބްސިޑީ ދެނީ ދަތުރުފަތުރުގެ ދާއިރާއަށް އެކަނި ކަމަށެވެ. އަދި ސަބްސިޑައިސް ކުރަނީ ލުއިފަސޭހަ ކަމާއެކު ސަރުކާރުން ކަނޑައަޅާ އަގެއްގައި އެ ހިދުމަތް ރައްޔިތުންނަށް ދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާއަށް ސަބްސިޑީ ނުލިބޭނަމަ، އެ ވިޔަފާރި ދާއިމީގޮތެއްގައި އެމްޓީސީސީއަކަށް ނުކުރެވޭނެ ކަމަށެވެ.