ވޯލްޑް ކަޕްގެ ދެ ދުވަހުގެ ކުޅުން ނިމުނު އިރު އެންމެންނަށްވެސް ފާހަގަވި އެއްކަމެއް އެބައޮތެވެ. އެއީ މެޗުތަކުގައި ދައްކާ އިތުރު ވަގުތު ވަރަށް ބޮޑުތަނުންވެސް އިތުރު ވުމެވެ. މިހާތަނަށް ނިމުނު ހަތަރު މެޗުގައި ގާތްގަނޑަކަށް 65 މިނެޓު، އިތުރު ވަގުތުގެ ގޮތުގައި ކުޅެވިފައި އެބަވެއެވެ. އިއްޔެ އިރާނާއި އިންގްލެންޑް ކުޅުނު މެޗުގެ އިތުރު ވަގުތު ދިގުލައިގެން ގޮސް ނިމުނީ 117 މިނެޓް 16 ސިކުންތުގައެވެ.
އިރާނާއި އިންގްލެންޑް މެޗު އެހާ ބޮޑަށް ދިގުލައިގެން ދިޔަ އެއް ސަބަބަކީ އިރާން ގޯލްކީޕަރު އަލީރެޒާ ބެއިރަންވާންޑްގެ މޫނު މައްޗަށް އަނިޔާވެ އޭނާއަށް ގިނަ އިރުތަކެއް ވަންދެން ފަރުވާ ދިނުމެވެ. އެހެން ނަމަވެސް އެއީ ހަގީގަތުގައި އިތުރު ވަގުތު ދިގުލައިގެން ދިޔަ މައިގަނޑު ސަބަބެއް ނޫނެވެ. ވޯލްޑް ކަޕްގައި އިތުރު ވަގުތު ދިގުލައިގެންދާ ސަބަބުގެ ޖަވާބު އޮތީ، ފީފާ ރެފްރީންގެ ކޮމެޓީގެ ޗެއާމަން، ކުރީގެ ލެޖެންޑަރީ ރެފްރީ ޕިއާލުއީޖީ ކޮލީނާ އަތުގައެވެ.
ކޮލީނާ ބުނީ އިތުރު ވަގުތު ދިގުލައިގެން އެދަނީ މެޗުގެ ތެރެއިން ކުޅުމުން ބޭރުން ގެއްލޭ ކޮންމެ ސިކުންތެއްވެސް، އިތުރު ވަގުތުގެ ތެރޭގައި ހިމެނުމަށް ރެފްރީ ގުނުމަށްފަހު އިތުރު ވަގުތު ދައްކާތީ ކަމަށެވެ. ފީފާއިން މިފަހަރު ނިންމާފައި ވަނީ ގޯލަށް އުފާފާޅުކުރުމާއި، ބޯޅަ ކުޅުމުން ބޭރުގައި ހިނގާ ވަގުތުގެ އިތުރުން އަނިޔާއެއްވެގެން ފަރުވާ ދޭން ގެއްލޭ ވަގުތުވެސް ސީދާ ސީދަލަށް ބަލައި، އިތުރު ވަގުތުގެ ގޮތުގައި ދައްކާ ގޮތަކަށެވެ.
"ރަޝިއާ ވޯލްޑް ކަޕްގައިވެސް ކުރަން މަސައްކަތް ކުރި ކަމެއް އެއީ މެޗުގައި ގެއްލޭނެ ވަގުތު ވީހާވެސް ސީދަލަށް އިތުރުވަގުތުގެ ގޮތުގައި ދެއްކޭނެ ގޮތެއް ހޯދުމަށް. އެ ވޯލްޑް ކަޕްގައިވެސް 7 މިނެޓް 8 މިނެޓް ބައެއް މެޗުތަކުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކިގެންދިޔަތަން ފެނިފައިވާނެ. ވަގުތު ގިނަވާނެ ގޮތުގެ މިސާލެއް ބުނެދީފާނަން. މިސާލަކަށް ތިން ގޯލު މިޖެހީ އެއް ހާފުގައި. ކޮންމެ ގޯލެއްގެ އުފާފާޅުކުރުމާއެކު ކުޅުން އަލުން ފަށަން ގެއްލޭނެ ހަތަރެއް ނޫނީ ފަސް މިނެޓް،" ކޮލީނާ ބުންޏެވެ.
ތަފާސް ހިސާބުތައް ބަލަހައްޓާ މަޝްހޫރު އޮޕްޓާއިން ހާމަކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕްގެ ތަފާސް ހިސާބު 1966 ވަނަ އަހަރު ބަލަން ފެށިފަހުން، މެޗެއްގެ އިތުރު ވަގުތު އެންމެ ދިގުލައިގެން ދިޔަ ދެ ހާފަކީ އިއްޔެ އިންގްލެންޑާ އިރާން ކުޅުނު މެޗުގެ ދެހާފެވެ. ގިނަ ގޯލުތަކެއް ޖެހި އެމެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތު 14 މިނެޓަށް ސިކުންތަށް ދެމިގެން ދިޔަ އިރު، އެ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތު 13 މިނެޓް 8 ސިކުންތަށް ދެމިގެން ގޮސްފައިވެއެވެ.
ވޯލްޑް ކަޕް މެޗުތަކުގައި ކުޅެވިގެން ދިޔަ އެންމެ ދިގު ހާފުތަކުގެ ލިސްޓްގެ ތިންވަނައިގައި މިހާރު އޮތީ ރޭ އެމެރިކާއާއި ވޭލްސް ކުޅުނު މެޗުގެ ދެވަނަ ހާފެވެ. އެ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތު 10 މިނެޓް 34 ހަތަރު ސިކުންތަށް ދެމިގެން ދިޔައެވެ. އޭގެ ކުރިން ކުޅުނު ސެނެގާލާއި ނެދަލެންޑްސް ވާދަކުރި މެޗުގެ ދެވަނަ ހާފުވެސް 10 މިނެޓް ތިން ސިކުންތަށް ދިގުލައިގެން ދިޔައެވެ.
މެޗުތަކުގެ އިތުރު ވަގުތު ދެއްކުމަށް ގެނައި ބަދަލާއެކު އިތުރު ވަގުތުގެ ތެރޭގައި ޖަހާ ގޯލުތައްވެސް ވަރަށް ބޮޑަށް އިތުރު ވެއްޖެއެވެ. އިއްޔެ އިރާންގެ ދެވަނަ ގޯލު، ޕެނަލްޓީގައި މެހްދީ ތެރާމީ އިންގްލެންޑް ކޮޅަށް ޖެހީ 102 ވަނަ މިނެޓުގެ 30 ވަނަ ސިކުންތުގައެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕް މެޗެއްގައި ފުރިހަމަ ވަގުތުގެ ތެރެއިން، އެންމެ ލަސްކޮށް ޖެހި ގޯލެވެ. އަދި އޭގެ ފަހުން ނެދަލޭންޑްސް މެޗުގެ 98 މިނެޓް 17 ވަނަ ސިކުންތުގައި ޑޭވީ ކްލާސެން ޖެހި ގޯލަކީ މިހާތަނަށް ފުރިހަމަ ވަގުތުގައި ޖެހި ގޯލުތަކުން ދެވަނައަށް އެންމެ ލަސްކޮށް ޖެހި ގޯލެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022