އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ނިންމައި މީގެ މަހެއްހާ ދުވަސް ކުރިން ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ފަސް މައްސަލައެއްގެ ބައެއް ކަންކަން އިސްލާހުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެއެވެ.
އޭސީސީން މި މައްސަލަތައް ޑިއުޓީ ޕްރޮސިކިއުޝަން ނުވަތަ ދައުވާކުރުމާ މެދު މަޝްވަރާއަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މި މައްސަލަތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުނިތަކެއްގެ މައްސަލަ ހިމެނޭކަން އެނގިފައިވެއެވެ. ނަމަވެސް އެ މައުލޫމާތެއް އޭސީސީން އާންމުކޮށްފައެއް ނުވެއެވެ.
އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ "ވަން" އަށް މިއަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަތަކުގެ ބައެއް ކަންކަން ޕީޖީން އެދިގެން އަންނަނީ އިސްލާހުކުރަމުން ކަމަށާއި އެކަންކަން އިސްލާހުކޮށްފައި ވަރަށް އަވަހަށް ޕީޖީއަށް އަންގާނެ ކަމަށެވެ.
"ޕީޖީގެ ވަކީލުންނާއި އަޅުގަނޑުމެންގެ ލީގަލް ޓީމުން އެ މަޝްވަރާތައް ކުރަމުން އެބަގެންދޭ" ނިޝާން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތަކާ އޭސީސީން ހަވާލުވީ، އެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން އުވާލައި އެ ކޮމިޝަންގެ މަސައްކަތްތައް އޭސީސީގެ ދަށަށް ބަދަލުކުރުމުންނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަގުގީގުކޮށް އެކަމުގައި ހިމެނޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލި ޖޮއިންޓް ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ. އެ ލިސްޓު ކަމަށް ބުނާ ލިސްޓެއް އޭރު ލީކުވެފައިވެސް ވެއެވެ. އޭގައި ކުރީގެ ސަރުކާރާއި މިހާރު މި އޮތް ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނާއި މިހާރު ތިއްބެވި ބައެއް މެމްބަރުން ހިމެނޭހެން 281 މީހެއްގެ ނަން އޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު