މިއީ އާޖެންޓީނާގެ "ހޭންޑް އޮފް ގޯޑް" ސްޓޭޑިއަމުން ނުފެންނަ ފުރަތަމަ ވޯލްޑް ކަޕެވެ. ޑިއޭގޯ މަރަޑޯނާގެ އެތައް ހަނދާނެއް ވޯލްޑް ކަޕާ ގުޅިފައިވާ އިރު، މަރަޑޯނާގެ ސްޓައިލުގައި ބޯޅަ ކުޅޭ ލިއޮނަލް މެސީއާއި އާޖެންޓީނާ މިފަހަރު ނުކުންނަކީ 1986 ވަނަ އަހަރު މަރަޑޯނާ ހޯދި ކާމިޔާބީ ތަކުރާރުކުރުމަށެވެ. 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަރަޑޯނާގެ ވަކިވުމުގެ ފަޅުކަން ދުނިޔޭގެ ފުޓުބޯޅައިން އަދިވެސް ފިލައިގެން ނުދެއެވެ. ހާޓް އެޓޭކެއްގައި އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވުމާއެކު މުޅި ފުޓުބޯޅަ ދުނިޔެ ހިތާމައިގެ ތެރެއަށް ގަރަގު ކޮށްލިއެވެ. ފިލައިގެން ނުދަނީ އޭނާގެ ހަލުވި ކުޅުމާއި ޗަރުކޭހުގެ ގޯލުތަކެވެ.
މަރަޑޯނާގެ ކެރިއަރު މަސްތުވާތަކެއްޗާއި ރަލުގައި ޖެހި އަވަހަށް ނިމިގެން ދިޔަ ނަމަވެސް އޭނާ ނުފެންނަ ވޯލްޑް ކަޕެއް އަދި ނުދެއެވެ. 2010 ވަނަ އަހަރު އާޖެންޓީނާގެ ކޯޗަކަށް މަރަޑޯނާ ދިޔަ އިރު، އޭގެ ފަހުން ކޮންމެ ވޯލްޑް ކަޕެއްގައިވެސް އާޖެންޓީނާ މެޗު ކުޅޭތަން ބަލަން މަރަޑޯނާ ޔަގީނުންވެސް ދާނެއެވެ. އެއީ މަރަޑޯނާ ގައުމީ ޓީމަށް ބެހެއްޓި ލޯތްބެވެ. 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕްގެ ހަނދާންވެސް އަދި ހުންނާނެއެވެ. ގްރޫޕް ސްޓޭޖުން ކެޓުމުގެ ތުންފަތްމަތީގައި އޮތް އާޖެންޓީނާގެ ލިިއޮނަލް މެސީ ނައިޖީރިއާ ކޮޅަށް ޖެހި އުންމީދީ ގޯލާއެކު މަރަޑޯ އުފާފާޅުކުރީ ވަކިވަރެއްވެސް ނުބަލައެވެ. އެންމެފަހުން ހޮސްޕިޓަލަށް ގެންދަން ޖެހޭ ވަރުވިއެވެ.
އެއީ މަރަޑޯނާއަށް އާޖެންޓީނާ ހާއްސަވާ ވަރެވެ. މިހާރު ޓީމުގެ ހިތްވަރަކަށް އެލޯބި ފުދެއެވެ.
1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މަރަޑޯނާއަށް އެންމެ އެކަށޭނެ ކުޅުމެއް ނުދެއްކުނު ނަމަވެސް، ދެން ޖެހިގެން އައި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މަރަޑޯނާގެ ފެންވަރު މުޅި ދުނިޔެއަށް ދައްކާލީ ސްޓައިލުގައެވެ. މިހާތަނަށް ދުނިޔޭގެ ތާރީހުގައިވެސް ކުޅުންތެރިޔަކު ވޯލްޑް ކަޕެއްގައި ދެއްކި އެންމެ ތަފާތު ކުޅުމާއެކު އެއަހަރުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި މަރަޑޯނާ ދެއްކި ކުޅުމުގެ ވާހަކަތަކަށް ދުވަހަކުވެސް ފަނޑުވުމެއް ނެތެވެ. މުޅި ވޯލްޑް ކަޕުގައި އާޖެންޓީނާއިން އުފެއްދި ހަމަލާތަކުގެ ދެބައިކުޅަ އެއްބައިގެ މޭސްތެރިއަކީ މަރަޑޯނާއެވެ. އާޖެންޓީނާއިން ޖެހި 14 ގޯލުގެ ތެރެއިން 10 ގޯލުގައި އޭނާގެ ހިއްސާ އޮތެވެ. އެއީ ފަސް ގޯލާއި ފަސް އެސިސްޓެވެ.
އެ ގޯލުތަކުގެ ތެރެއިން ހާއްސަކަމެއް ލިބެނީ އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް މަރަޑޯނާ ޖެހި ދެ ގޯލަށެވެ. އެއީ މުޅި ފުޓުބޯޅަ ތާރީހުގައިވެސް އަބަދުމެ ދެކެވޭނެ ދެ ގޯލެއްގެ ވާހަކައެކެވެ. ފުރަތަމަ ގޯލް މަރަޑޯނާ ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަށް، އޭނާއަށްވުރެ އިސްކޮޅުން ދިގު އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށްވުރެ މައްޗަށް ފުންމައިގެން އަރައި، އަތުންނެވެ. ބޯޅައިގައި ޖެހި ވަގުތު ބޮލަށް ގެނައި ހަރަކާތާ އެކު ގިނަ ބައެއްގެ ލޮލަށް އޮޅުވައިލިއެވެ. ރެފްރީއަށްވެސް ވީ ނުވީއެއް ނޭނގި މަރަޑޯނާ ހެދި މަކަރުގައި ޖެހެން މަޖުބޫރުވީއެވެ. އެއީ މަރަޑޯނާއަށް އެތައް ނަފުރަތެއް އަމާޒުވި ގޯލެކެވެ. އަނެއްކޮޅުން އިންގްލެންޑާ ދެކޮޅަށް އެތައް ބަޔަކު މަރަޑޯނާއަށް ލޯބި ބަންޑުންވެސް ކޮށްލި ގޯލެކެވެ.
މިހާތަނަށް ދެފަހަރު ވޯލްޑް ކަޕްގެ ތަށި ހޯދާފައިވާ އާޖެންޓީނާއަށް އެންމެފަހުން އުފުލައިލެވުނު ވޯލްޑް ކަޕްގެ ތަށްޓަކީ މަރަޑޯނާ އުފުލައިލަދިން ތަށްޓެކެވެ. މަރަޑޯނާއަށް ފަހު އެގައުމުގެ ފުޓުބޯޅައިގެ ރަސްކަމަށް އައި މެސީއަށް އެ ކާމިޔާބު ހާސިލު ނުވެ އޮތް އޮތުން ވެފައިވަނީ އޭނާގެ ކެރިއަރުގެ ފަޅުކަމަކަށެވެ. މެސީ އާޖެންޓީނާ ގޮވައިގެން 2014 ވަނަ އަހަރު ފައިނަލަށް ގޮސް ރަން ބޯޅަ ހޯދި ނަމަވެސް، ފައިނަލް ކަރުނައިގައި ނިމި ދިޔައީ ޖަރުމަނު ކައިރިން 1-0 އިން ބަލިވެގެންނެވެ.
ގައުމީ ޓީމާއެކު އެތައް ހިތި ހަނދާންތަކެއް ކުރި މެސީއަށް ހިނިތުންވުމެއް ގެނެސްދިން ހަމައެކަނި ބައިނަލްއަގުވާމީ މުބާރާތަކީ މިދިޔަ އަހަރުގެ ކޮޕާ އެމެރިކާއެވެ. އެ ތަށްޓާއެކު އާޖެންޓީނާ ވަރުގަދަ ފޯމެއްގައި، ބަލިނުވެ އެތައް މެޗެއް ކުޅެ ނުކުންނަނީ މިފަހަރުގެ ވޯލްޑް ކަޕަށެވެ. މެސީ ހުރީ އާދަޔާހިލާފު ރަނގަޅު ފޯމެއްގައެވެ. އާޖެންޓީނާއަކީ މި މުބާރާތުގެ އެއް ފެވަރިޓެވެ. މިއަދުގެ ފުރަތަމަ މެޗުން އެކަން ވަޒަންކުރަމާ ހިނގާށެވެ.