އިންގްލެންޑުން ވޯލްޑް ކަޕްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އިރާން ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑަށް ގޯލު ޖަހައިދިން އެއް ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖެކް ގްރީލިޝް އެވެ. ރޭގެ މެޗުގައި ގޯލު ޖަހައި ގްރީލިޝް އުފާފާޅުކުރީ ތަފާތު ގޮތަކަށެވެ. ހަރަކާތުން ތަފާތު ނެށުމެއް ދައްކާލުމުން، އެކަމުގެ ހަގީގަތަށް ޖެހިލަން ގިނަ ބަޔަކު ބޭނުންވިއެވެ.
އެ އުފާފާޅުކުރުމުގެ ހަގީގަތް މެޗަށްފަހު ގްރީލިޝް ދައްކައިލަދިނީ ޓުވީޓް ކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި ގްރީލިޝް ބައްދަލު ކޮށްފައި ވަނީ އުމުރުން 11 އަހަރުގެ ފިންލޭއާ އެވެ. ފިންލޭއަކީ ނުކުޅެދުންތެރިކަމެއް ކަމަށްވާ، ސެރެބްރަލް ޕަލްސީ (ސީޕީ) ހުންނަ ކުއްޖެކެވެ. ސީޕީއަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެކެވެ. އެއީ ހަށިގަނޑު ހަރަކާތްކުރުމާއި، ހަމަ ހިފެހެއްޓުމާއި، ހަށިގަނޑު ސީދަލަށް ބެހެއްޓުމަށް ހުރަސްއަޅާ ނުކުޅެދުންތެރިކަމެކެވެ.
ގްރީލިޝް ޓްވީޓް ކުރި ވީޑިއޯގައި ފެންނަނީ ސިޓީން ހިންގާ ދަރުމަވެރި ހަރަކާތުގެ ތެރެއިން ފިންލޭއާ އޭނާ ބައްދަލުކުރާ މަންޒަރެވެ. ފިންލޭއާ ގްރީލިޝް ބައްދަލުކުރީ ފިންލޭގެ ހާއްސަ ސިޓީއެއް ލިބުމާ އެކުގައެވެ. އެ ސިޓީގައި ފިންލޭ ބުނެފައި ވަނީ ސީޕީ ހުންނަ ކުދިންނަށް ގްރީލިޝް ދޭ އަހަންމިއްޔަތުކަން ދޭނެ އިތުރު މީހުން ތިބޭނެ ނަމަ ހާދަ ރަނގަޅުވާނެ ކަމަށް ބުނެއެވެ. އެ ސިޓީގައި ފިންލޭގެ "ހީރޯ" ގްރީލިޝްއާ ބައްދަލުކުރަން އެދިފައިވުމުން، ފިންލޭއާ ގްރީލިޝް ބައްދަލުކޮށް ވައުދުވަނީ ދެން ގޯލެއް ޖެހުމާއެކު "ވޯމް" ސެލެބްރޭޝަން ހެދުމަށެވެ.
ވޯލްޑް ކަޕަށް ދިޔަ އިރު، ގްރީލިޝްއަށް މި ސީޒަނުގައި އެންމެ ގޯލެއް ޖެހިފައި އޮތުމުން ފިންލޭ ކައިރީގައި އޭނާ ސަމާސާއަކަށް ބުނަނީ ގޯލެއް ޖެހޭ ދުވަހަކުން އެ އުފާފާޅުކުރުން ދައްކާލާނެ ކަމަށެވެ. ކޮންމެއަކަސް ފިންލޭގެ ނަސީބުން ގްރީލިޝް އެންމެ އަވަހަށް އެ ގޯލު ޖެހީ ވޯލްޑް ކަޕްގައެވެ. ދުނިޔޭގެ އެންމެ ބޮޑު ޕްލެޓްފޯމްގައި ގްރީލިޝް އުފާފާޅުކުރި ގޮތާއެކު ސީޕީއަށް ހޭލުންތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބުނީއެވެ.
ފިންލޭއަށް ވީ ވައުދު ފުއްދި ގްރީލިޝްއަށް ސީޕީ ހާއްސަވެއެވެ. އެއީ އެހެން ގޮތަކުންވެސް މެއެވެ. އޭނާގެ 19 އަހަރުގެ އަންހެން ކޮއްކޮއަކީ ސީޕީ ހުންނަ ކުއްޖެކެވެ. ސީޕީއަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ގްރީލިޝް ތަފާތު ޕްލެޓްފޯމްތަކުގައި ކޮއްކޮއާއެކު ވާހަކަ ދައްކާފައިވާ އިރު، އޭނާ ބުނީ ކޮއްކޮއަކީ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. ގްރީލިޝް ރޭގެ މެޗުގައި އުފާފާޅުކުރުން ހަދިޔާކުރި ފިންލޭއަކީވެސް ގްރީލިޝްގެ ކޮއްކޮގެ ހާއްސަ އެކުވެރިއެކެވެ. ގްރީލިޝް ދެއްކީ އިހުތިރާމްގެ ހާއްސަ ކަމެކެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022