ރޮބާޓް ލެވަންޑޯސްކީއަކީ މި ޖީލުގެ އެންމެ މޮޅު އެއް ގޯލު ޖެހުންތެރިޔާއެވެ. ބުންޑަސްލީގާ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާއަކީ 2020 ވަނަ އަހަރު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. މިދިޔަ ސީޒަނުގައި 41 ގޯލު ޖަހައި ބުންޑަސްލީގާ ރެކޯޑު ހަދައި، ލެވަންޑޯސްކީ ވަނީ ބެލޮންޑިއޯގެ ގާޑް މުލާގެ އެވޯޑުވެސް ހާސިލްކޮށްފައެވެ.

ޔޫރަޕްގެ ރަން ބޫޓުވެސް 2020-21 އާއި އެއާ ޖެހިގެން އައި ސީޒަނުގައިވެސް ހޯދި ލެވަންޑޯސްކީ ޕޮލެންޑްގެ ކްލަބުތަކަށް ކުޅެ، ވިދުން ގަދަވީ ބްރޫޝިއާ ޑޯޓުމަންޑުގައެވެ. އެ ކްލަބާއެކު ޖެހިޖެހިގެން ދެ ލީގު ތަށި ހޯދައި، ބަޔާން މިއުނިކަށް ބަދަލުވެ އެ ކްލަބާއެކު 8 ފަހަރު ޖެހިޖެހިގެން ލީގު ހޯދިއެވެ. އަދި އެކްލަބާއެކު 2020 ވަނަ އަހަރު ޔޫރަޕްގެ ޓްރެބަލް ހޯދިއިރު، ތިން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް ލެވަންޑޯސްކީއެވެ. ޕޮލެންޑްގެ ކެޕްޓަންގެ ތަޖުރިބާއަކީ ވޯލްޑް ކަޕަށްވެސް އެގައުމަށް އެންމެ މުހިއްމު ހަތިޔާރެވެ. އޭނާ ނުކުންނަނީ ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް ގޯލެއް ޖެހުމުގެ އަޒުމުގައިވެސް މެއެވެ.

"އަހަރެންގެ ވިސްނުން ހުރީ މިއީ ފަހު ވޯލްޑް ކަޕްގެ ގޮތުގައި. ވޯލްޑް ކަޕެއްގައި ގޯލު ޖެހުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށްވާތީ، އެކަން ހާސިލުކުރަން ކޮންމެހެންވެސް މަސައްކަތް ކުރުން އެއީ އަހަރެން އެންމެ ބޮޑަށް ބޭނުންވާ ކަންތައް،" ލެވަންޑޯސްކީ ބުންޏެވެ.

ޕޮލެންޑާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ހުރިހާ މެޗެއްގައި ކުޅުނު ލެވަންޑޯސްކީ، އެ މުބާރާތުގައި 270 މިނެޓް ކުޅެފައިވެއެވެ. އެހެންނަމަވެސް ޕޮލެންޑާއެކު ނިންމާލަން ޖެހުނީ ހުސްއަތާއެވެ. އެ މުބާރާތުގެ ފަހުން މިހާތަނަށް ކްލަބު ފުޓުބޯޅައިގައި ލެވަންޑޯސްކީ 211 ގޯލު ޖަހައިފައިވާ އިރު، 2018 ވަނަ އަހަރުން މިއަހަރުގެ ވޯލްޑް ކަޕާ ދެމެދު ލެވަންޑޯސްކީއަށްވުރެ ގިނައިން ގޯލު ޖެހުނު ހަމައެކަނި ކުޅުންތެރިޔަކީ ފްރާންސްގެ ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭ ވަނީ ލެވަންޑޯސްކީއަށްވުރެ އިތުރަށް 42 ގޯލު އެ މުއްދަތުގައި ޖަހައިފައެވެ.

"އަހަރެން އުންމީދުކުރަނީ މި ވޯލްޑް ކަޕްގައި ކެރިއަރުގެ ފުރަތަމަ ވޯލްޑް ކަޕް ގޯލު ފެންނާނެ ކަމަށް. މިހާ ހިސާބަށް ކެރިއަރު އައިއިރު، ހާސިލްވި ހުރިހާ ކަމަކުން ހިތްފުރިފައި ހަގީގަތުގައި މިހުރީ. އެހެންވީމަ މި ވޯލްޑް ކަޕްގައި އުފާވެރިކަމާއެކު ކުޅެލުން އަހަންނަށް އޮތީ،" ލެވަންޑޯސްކީ ބުންޏެވެ.

އުމުރުން 34 އަހަރުގެ ލެވަންޑޯސްކީގެ ކެރިއަރުގައި 500 އަށްވުރެ ގިނަ ގޯލު ޖަހައިފައިވާ އިރު، އޭނާ ވަނީ 700 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. ޕޮލެންޑުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ކަޑައްތު ކުރުމުގެ އަޒުމުގައެވެ. އެ ދަތުރު މިރޭ ފަށާނީ 9:00 ގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.