އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް، ސްޓާރުންގެ ސްކޮޑަކާއެކު ތަށި ދިފާއުކުރުގެ ދަތުރު މިރޭ ފަށާނެއެވެ. ގަތަރު ވޯލްޑް ކަޕްގައި ފްރާންސް ކުޅޭ ފުރަތަމަ މެޗަށް ނުކުންނާނީ މިރޭ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 12:00 ގައެވެ. ދަންވިޔަސް ފްރާންސް ގެއްލުވާލައިގެން ނުވާނެތާއެވެ.

ތާރީހު ލިޔެލި ކޯޗު ޑިޑިއޭ ޑީޝޭމްޕްސްއާއެކު ނުކުންނަ ފްރާންސަށް މިފަހަރު އޮތް އެންމެ ބޮޑު މާޔޫސްކަމަކީ އަނިޔާގެ މައްސަލައެވެ. ވޯލްޑް ކަޕަށް ތައްޔާރުވާން ފެށިތަނުން މެދުތެރެ ގެއްލުނެވެ. އެންގޯލޯ ކަންޓޭއާއި ޕައުލް ޕޮގްބާގެ ޕާޓްނާޝިޕްވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕަކަށް ނުދެއެވެ. ދެން އަނިޔާ ދިމާވާން ފެށީ ސްކޮޑު ނެގިފަހުންނެވެ.

ޕްރިންސަލް ކިމްޕެންބޭގެ އިތުރުން ފޯމުގައި ހުރި ޒުވާން ފޯވަޑް ކްރިސްޓޮފާ އެންކުންކޫއަށް ތަމްރީނުތަކުގައި އަނިޔާވި އިރު، ވޯލްޑް ކަޕަށް އެންމެ ދުވަހެއް އޮއްވައި ދެން އަނިޔާވީ ބެލޮންޑީގެ ވެރި ކަރިމް ބެންޒެމާ އަށެވެ. އެއަކަށްވުރެ ބޮޑު މާޔޫސްކަމެއް ފްރާންސަކަށް ވަކި ނެތެވެ. މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު 46 މެޗުން 44 ގޯލު ޖަހައި، އެ ކްލަބާއެކު ލީގު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބެންޒެމާ ސްކޮޑުން ބޭރުކުރަން ޖެހުންވީ ކޯޗު ޑިޝޭމްޕްސްއަށް ފޫ ނުބެއްދޭނެ ގެއްލުމަކަށެވެ.

"އިނގިލި ދިއްކޮށްލައިފައި އަހަންނަކީ ލީޑަރެކޭ ބުނަން އެއީ އުނދަގޫވާނެ ކަމެއް. ޓީމަށް ހިތްވަރުދީ، ސްކޮޑެއްގެ ޒިންމާ ނަގައިގެން ތަށްޓާ ހަމައަށް ދިޔުން އެއީ ހުރެލާފައި ވާ ކަންތަކެއް ނޫން. އެއީ ވަގުތު ބޭނުންވާ ކަންކަން. ރޯމް ބިނާކުރީ އެއް ދުވަހަކުން ނޫން. ލީޑަރުންވެސް އެއް ރެޔަކުން ބިނާއެއް ނުކުރެވޭނެ. މިބުނަނީ ޓީމު ލީޑުކުރާނެ ކުޅުންތެރިން ނެތް ވާހަކައެއް ނޫން. އެކަމަކު ބައެއް ކުޅުންތެރިން ތިބޭނެ އަމަލުން ދަނޑުމަތީގައި އިހުތިރާމު ލިބޭނެ ލީޑަރުންނަށްވާ ކުޅުންތެރިން،" ލީޑާޝިޕް ރަނގަޅު ކުޅުންތެރިންތަކެއް ނުލައި ވޯލްޑް ކަޕަށް ނުކުންނަން ޖެހުމާ ގުޅިގެން ޑިޝޭމްޕްސް ބުންޏެވެ.

ޑިޝޭމްޕްސް ބުނީ ލީޑާޝިޕް ރަނގަޅު ކުޅުންތެރިންތަކެއް ގެއްލުމަކީ ދެރައެއް ނަމަވެސް އެއީ ހާސްވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. ސްކޮޑުގައި ތިބި 25 ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށް ޑިޝޭމްޕްސް ބުނެފައިވާ އިރު، އޭނާ ބުނީ ފްރާންސްގެ ޒުވާން ހުނަރުވެރި ކުޅުންތެރިންނަށްވެސް އޭނާ ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ.

އެންމެފަހުން ފްރާންސުން ނޭޝަންސް ލީގުގައި ކުޅުނު މެޗުތަކުގެ ނަތީޖާތައް ރަނގަޅު ނޫން ނަމަވެސް ވޯލްޑް ކަޕަށް އެޓީމަކަށް އިތުރު ގޮތެއް ނެތެވެ. ނޭޝަންސް ލީގުގައި މި ސީޒަނުގެ މިހާތަނަށް ފްރާންސް ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމަށް މޮޅެއް ނުހޯދި އޮތީ، ތިން މެޗުން ބަލިވެ، ދެމެޗުން އެއްވަރު ވެފައެވެ. އެ ފޯމު ބަދަލުކުރަން މިރޭގެ މެޗު މުހިއްމެވެ.