ޑެންމާކަކީ ޔޫރޯ 2020ގެ ސަޕްރައިޒިން ޓީމެވެ. އެންމެންގެ ލޯބި ހޯދިވެސް ޓީމެކެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެމެޗުން ބަލިވެ، މާޔޫސްވި ޑެންމާކު ތަފާތު ގޮތަކަށް ހިތްވަރު ހޯދައިގެން މިދިޔަ އަހަރު ބޭއްވި ޔޫރޯގެ ސެމީ ފައިނަލް ކުޅުނު ގޮތުގެ ވާހަކައަކީ އަދިވެސް "ފެއާރީ ޓޭލް" ވާހަކައެކެވެ. ސެމީގައި ކެޓީ އިންގްލެންޑް އަތުން ބަލިވެގެންނެވެ.
ޑެންމާކުގެ އެ ކާމިޔާބީ ދަތުރު ހާއްސަވާ ފަރާތެއް އެބަހުއްޓެވެ. ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަންއެވެ. ޑެންމާކުން މިދިޔަ އަހަރު ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑުމައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. އިމަޖެންސީގައި މެޗު މެދުކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައި ދިޔައެވެ. އެކަމުގެ ސަބަބުން ކުޅުންތެރީންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.
އެރޭގެ މަންޒަރުތަކާއެކު އެރިކްސަން އެނބުރި ފުޓުބޯޅައަށް އަންނާނެތޯ ގިނަ ބަޔަކަށް ސުވާލު އުފެދުނެވެ. ކިރިޔަ ކިރިޔާ ސަލާމަތްވި އެރިކްސަން ރިޓަޔާކުރާނެ ކަމަށް އެއިރު ބެލެވުނު ނަމަވެސް އޭނާ ހިތްވަރު ދޫނުކޮށް ފުޓުބޯޅައަށް އެނބުރި އަންނަން ނިންމިއެވެ.
ހިތަށް އައިސީޑީއެއް ލައްވައި، އެރިކްސަން މިދިޔަ އޯގަސްޓް މަހު އެނބުރި އައިސް ކްލަބު އިޓަލީގެ އިންޓަ މިލާނަށް ދިޔަ ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަންއަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. އެ ހިސާބުން އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލާފައިވާ އިރު، އޭނާ ވަނީ ފިޓްނަސް ހިފެހެއްޓުމަށް ކެރިއަރުގެ އެންމެ ފުރަތަމަ ކުޅުނު ކްލަބު، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އިތުރުން އަޔެކްސްގައިވެސް ތަމްރީނުތަކުގައި ބައިވެރިވެފައެވެ.
ތަމްރީނުތަކަށް ފަހު ރަސްމީކޮށް އެރިކްސަން ފުޓުބޯޅައަށް ނުކުތީ މިދިޔަ ސީޒަނުގެ ފަހު ބަޔަށް ބްރެންޓްފޯޑާ ގުޅިގެންނެވެ. މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެރިކްސަން ވަނީ ކްލަބަށް މުހިއްމު ކުޅުމެއް ދައްކައި، ގައުމީ ޓީމުގެ ސްކޮޑުންވެސް އަލުން ޖާގަ ހޯދައިފައެވެ. ގައުމީ ޓީމަށް އެނބުރި ދިޔަ މެޗުގައި ގޯލު ޖަހައި ފޯމަށް އަޅުވަން ހިތްވަރު ކުރިއެވެ. މިހާރު ރަނގަޅު ފޯމެއްގައި އެރިކްސަން ކުޅެމުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑަށެވެ. ހިތްވަރުގެ ވާހަކައެވެ. އެ ވާހަކަ މިހާރު އައިސްފައިވާ ހިސާބަކީ ވޯލްޑް ކަޕެވެ.
"ޑެންމާކު އޮތީ ރަނގަޅަށް ވޯލްޑް ކަޕަށް ތައްޔާރުވެފަ. އެކަމަކު ވިސްނާލަން ޖެހޭ ކަމަކީ ހަމައެކަނި އެމޯޝަނަލީ ހޯދާ ހިތްވަރުން އަބަދު ނަތީޖާ ނުނެރޭވެކަން. ވޯލްޑް ކަޕްގައި ޓީމުގެ ފެންވަރު އެހެން ގޮތްގޮތުންވެސް ސާބިތުކޮށްދޭން ޖެހޭނެ. އަހަރެން ދެކޭ ގޮތުގައި ޑެންމާކު އޮތީ ތައްޔާރުވެފަ،" ވޯލްޑް ކަޕުގައި މިރޭ ޓިއުނީޝިއާއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެރިކްސަން ބުންޏެވެ.
ޑެންމާކުން ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފިކޭޝަން ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ނުވަ މެޗުން މޮޅުވި އިރު، ކޮލިފިކޭޝަންގައި ޑެންމާކު ވަނީ 8 ކްލީންޝީޓް ދަމަހައްޓައިފައެވެ. އެހެންކަމުން އެޓީމުގެ ފެންވަރާ މެދު މާ ބޮޑެތި ސުވާލުތަކެއް އުފެއްދޭކަށް ނެތެވެ. ޓީމުގެ ހުންގާނަކީ އެރިކްސަންއެވެ. އެއީ ހިތްވަރެވެ.
ޓިއުނީޝިއާއާ ދެކޮޅަށް ޑެންމާކުން ކުޅޭ މެޗު އޮންނާނީ މިރޭ 21:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022