ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގެ ފަހުކޮޅުގައި ގޯލު ޖަހައި، ނެދަލޭންޑްސްއިން ސެނެގާލް ބަލިކޮށްފިއެވެ.
ތުމައިމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނެދަލޭންޑްސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕް އޭގައި ނެދަލޭންޑްސް އޮތީ އެކުއެޑޯ އެއްވަރަށް ޕޮއިންޓް ހޯދައި، އެއްވަރުވެފައެވެ.
މިރޭގެ މެޗަށް ނެދަލޭންޑްސް ނުކުތީ އެގައުމުގެ ތާރީހުގައި 11 ވަނަ ވޯލްޑް ކަޕް ފެށުމަށެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ ކުރިން ރަޝިއާގައި ބޭއްވި 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ނެދަލޭންޑްސް ކޮލިފައިވެފައި ނުވާ އިރު، އެޓީމުން މިއަހަރުގެ ވޯލްޑް ކަޕަށް ނުކުތީ އުންމީދީ ސްކޮޑެއްގެ ފެންވަރު ސާބިތު ކޮށްދިނުމަށެވެ. ނެދަލޭންޑްސްއަށް އަދި ވޯލްޑް ކަޕްގެ ތަށި ލިބިފައެއް ނުވި ނަމަވެސް، އެޓީމަކީ ވޯލްޑް ކަޕްގެ ތާރީހުގައި ބަލި ޓީމަކަށް ނުވާނެއެވެ. 2010 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައި ކުޅެ، ނެދަލެންޑްސް އިން 2014 ވަނަ އަހަރު ވޯލްޑް ކަޕް ތިންވަނަ ހޯދިއެވެ. އޭގެ ކުރިން 1974 އަދި 1978 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައިވެސް ނެދަލޭންޑްސް ކުޅުނެވެ. މަދުވަނީ ތަށްޓެކެވެ.
އަނެއްކޮޅުން އެފްރިކާގެ ޗެމްޕިއަން ސެނެގާލުން ނުކުތީ ތާރީހުގެ ތިންވަނަ ވޯލްޑް ކަޕަށެވެ. ސެނެގާލުގެ ރަން ޖީލެއް މިހާރު އޮތް އިރު، އެޓީމަށް ވޯލްޑް ކަޕްގެ ކުރިން ދިމާވި އެންމެ ބޮޑު މާޔޫސްކަމަކީ ޓީމުގެ ތަރި ސަޑިއޯ މާނޭއަށް އަނިޔާވުމެވެ. މާނޭއަށް ވޯލްޑް ކަަޕް ގެއްލުނީ ވޯލްޑް ކަޕަށް ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން އޮޕަރޭޝަން ކުރަން ޖެހުމުންނެވެ.
ރަނގަޅު ނަތީޖާއަކުން ވޯލްޑް ކަޕް ފަށަން ދެޓީމުންވެސް މިރޭގެ މެޗަށް ނުކުތް އިރު، އަނިޔާގެ ސަބަބުން ނެދަލޭންޑްސްގެ ފުރަތަމަ 11 ގައި މެމްފިސް ޑިޕޭ ނުހިމެނެއެވެ. އޭނާ މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެފައިވާ އިރު، ފުރަތަމަ ހާފުގައި ދެޓީމުގެ ކުޅުންވެސް ފެނުނީ ހަމަހަމަ ކޮށެވެ. މެޗުގެ ފުރަތަމަ ހާފު ވެގެންދިޔައީ އެޓޭކިން ފުޓުބޯޅައިގެ ހާފަކަށް ނަމަވެސް، ހަމަލާތައް މަދެވެ.
ސެނެގާލްގެ ސަޕޯޓަރުންގެ ބެރާއި ލަވަތަކުގެ އަޑުން ދަނޑު ގުގުމަމުން ދިޔަ އިރު، ފުރަތަމަ ހާފުގައި ސެނެގާލްގެ އިސްމާއިލާ ސާ ފޮނުވާލި ބާރު ހަމަލާ، ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ވަނީ ބްލޮކްކޮށްފައެވެ. އަނެއްކޮޅުން ކައުންޓާގެ ފުރުސަތުތަކުގައި ނެދަލޭންޑްސްގެ ނުރައްކާވެސް ފެނުނެވެ.
ފްރޭންކީ ޑިޔޯންގަށް ގޯލަށް ޖަހަން ލިބުނު ބޯޅައިގައި އޭނާ ލަސްކުރުމުގެ ފުރުސަތު ގެއްލުނުކަން ފާހަގަވެގެން ދިޔަ އިރު، ހާފު ނިމެން ދަނިކޮށް ވެން ޑައިކް ބޮލުން ފޮނުވާލި ހަމަލާއާއި ބާގްހައުސް ދުރުން ފޮނުވާލި ހަމަލާވެސް ދިޔައީ ބޭރަށެވެ.
ދެވަނަ ހާފަށް ނުކުމެވެސް ސެނެގާލް ފެނުނީ ނެދަލޭންޑްސްއަށްވުރެ ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުތަނެވެ. ހާފުގެ ފުރަތަމަ ނުރައްކާތެރި ހަމަލާވެސް އުފެއްދީ ސެނެގާލުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އަރިމަތިން ކަހަލަ ގޮތަކަށް ހަނި އޭންގަލުން ބޫލާޔޭ ޑިއާ ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ކީޕަރު އަންދްރޭސް ނޮޕާޓް ވަނީ މަތަކޮށް ބޭރުކޮށްލައިފައެވެ. އަދި އޭގެ ފަހުން އިދްރީސީ ގާނާ ގޭ މެދު ތެރެއިން ފޮނުވާލި ބާރު ހަމަލާވެސް މަތަކޮށް ބޭރުކޮށްލީ ނޮޕާޓެވެ.
މެޗުގެ ފަހު ހާފުގެ ބޮޑުބައެއްގައިވެސް ހަމަލާއެއް ނުފެނި ދަނިކޮށް، މެޗުގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ 84 ވަނަ މިނެޓުގައެވެ. އަރިމަތިން ޑިޔޯން ނަގައިދިން ހުރަހަކަށް އަރައި ބޮލުން ގޯލު ހުޅުވާލަ ދިނީ ނެދަލޭންޑްސްގެ އުންމީދީ ފޯވަޑް ކޯޑީ ގަކްޕޯއެވެ. ކްލަބު ފުޓުބޯޅައިގެ ފޯމުވެސް އާދަޔާހިލާފު ރަނގަޅަށް ހުރެ ވޯލްޑް ކަޕަށް ދިޔަ، 23 އަހަރުގެ ގަކްޕޯ ޖެހި ގޯލުގައި ސެނެގާލްގެ ޗެލްސީ ގޯލްކީޕަރު އެޑުއާޑް މެންޑީގެ ގޯސް ވަރަށް ބޮޑަށް ފާހަގަވިއެވެ.
މެންޑީ ގޯލު ދޫކޮށް ބޯޅައަށް އެރި ނަމަވެސް ބޯޅަ ލިބޭ ގޮތެއް އޭނާއަކަށް ނުވިއެވެ. ޗެލްސީއާއެކު ދަށް ފޯމެއްގައި މިވަގުތު ހުރި މެންޑީއަކީ މީގެ އަހަރެއް ކުރިން ދުނިޔޭގައި އެންމެ ފޯމުގައި ހުރި ގޯލްކީޕަރު ނަމަވެސް، މިހާރު އޭނާގެ ފަރާތުން ފެންނަނީ ދަށް ފޯމެކެވެ.
ނެދަލޭންޑްސްއިން ފަހު ގޯލު ޖެހީ ކައުންޓާ އެޓޭކްގައެވެ. އެ ގޯލަކީ ޑޭވީ ކްލާސެން ޖެހި ގޯލެކެވެ.
00:00 އެމެރިކާ - ވޭލްސް (ގްރޫޕް ބީ)
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022