އިންގްލެންޑުން މިރޭ ގަތަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އިރާންގެ މައްޗަށް ކުރިހޯދީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑުގެ ގޯލުތައް ބުކަޔޯ ސަކާ އާއި ޖޫޑް ބެލިންހަމްގެ އިތުރުން ރަހީމް ސްޓާލިން، ޖެކް ގްރީލިޝް އަދި މާކަސް ރަޝްފޯޑު ޖަހައިދިން އިރު، ސަކާ ވަނީ ދެގޯލާއެކު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އިންގްލްޑް ކޮޅަށް ދެގޯލުވެސް ޖެހީ މެހްދީ ތަރޭމީއެވެ. ތަރޭމީ ފަހު ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގައެވެ. އިންގްލެންޑަށް ރެކޯޑު މޮޅެއް ނުހޯދި ދިޔައީ ތަރޭމީ ފަހު މިނެޓް ޕެނަލްޓީގައި ޖެހި ގޯލާ ހެދިއެވެ.

ރަނގަޅު ފެށުން އެންމެ ބޮޑަށް ހާއްސަވީ ކޯޗު ގެރެތު ސައުތުގޭޓަށެވެ. ސައުތުގޭޓަކީ މިހާރު އިންގްލެންޑާ އެކު ބޮޑެތި މުބާރާތްތަކުގައި އެންމެ ގިނަ މޮޅު ހޯދި ކޯޗެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ގެންގޮސްދީ، މިދިޔަ އަހަރު ޔޫރޯގެ ފައިނަލަށްވެސް އިންގްލެންޑް ގެންގޮސްދިން ސައުތުގޭޓް ވަނީ އެގައުމާ އެކު ބޮޑެތި މުބާރާތްތަކުގައި ޖުމުލަ ނުވަ މޮޅު ހޯދައިފައެވެ. ކުރިން އެ ރެކޯޑު އޮތް ކޯޗު، ސާ އަލްފް ރަމްސޭ އިންގްލެންޑާ އެކު ހޯދާފައި ވަނީ އަށް މޮޅެވެ.

"މެޗުގެ ފަހު ވަގުތު ކޮޅު ދިޔަ ގޮތުން އެހާ ހިތްހަމައެއް ނުޖެހޭ. އެހެން ނަމަވެސް މެޗުގައި ގިނަ ވަގުތު ދެއްކި ކުޅުމަށް އުފާވެސް ކުރަން ޖެހޭ. ފުރަތަމަ ހާފުގައި ގިނަ ފަހަރުތަކަކަށް މެޗު މެދުކަނޑާލަން ޖެހުމަކީ ދިމާވި އުނދަގޫ ކަމެއް ނަމަވެސް، ރަނގަޅަށް ޕްރެސްކޮށް، ރަނގަޅު މޫމަންޓްތަކެއް ޓީމު ކުޅުނު. އެކަމަކު ކޮޅަށް ވަން ދެ ގޯލަށް ވިސްނާލުމުން އެއީ އެމެރިކާ މެޗަށް ކޮންމެހެންވެސް ރަނގަޅު ކުރަން ޖެހޭ ކަމެއްކަން އެނގޭ. ގޯސްތައް ހެދުނީ ކޮންސަންޓްރޭޝަން ގެއްލިގެން. މެޗުގެ ޓެމްޕޯ ދައްވީމަ ގޯސްތައް ފެނޭ،" ސައުތުގޭޓް މެޗަށްފަހު ބުންޏެވެ.

އިންގްލެންޑަށް ވޯލްޑް ކަޕަށް އައުމުގެ ކުރިންވެސް ދިމާވީ ޑިފެންސްގެ މައްސަލައެވެ. ކައިލް ވޯކާ ސްކޮޑުގައި ހިމެނި ނަމަވެސް އޭނާވެސް މިއަދުގެ މެޗަށް އަދި ނުނިކުމެވެއެވެ. އެއީ އަނިޔާއިން އެއްކޮށް ރަނގަޅު ނުވާތީއެވެ. އޭގެ އިތުރުން އަނިޔާގެ ސަބަބުން ބެން ޗިލްވެލް އާއި ރީސް ޖޭމްސް ސްކޮޑަށް ނަގާފައެއް ނުވެއެވެ. އެ އަނިޔާތަކުގެ މާޔޫސްކަމުގައި މުބާރާތް ނުކުތް އިންގްލެންޑަށް މިރޭގެ މެޗުގައިވެސް އަނިޔާގެ އިތުރު މައްސަލައެއް ދިމާވިއެވެ. ސެންޓަ ބެކަށް ކުޅުނު ހެރީ މެގުއާ މިރޭގެ މެޗުން ބާލަން ޖެހުނީ އަނިޔާވެގެންނެވެ.

އިންގްލެންޑުން ދެން ކުޅޭ މެޗުގައި އެމެރިކާއާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުގެ ރޭގައެވެ.