ކުރިއާ މެދިވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސާވިސް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، މިމަހުގެ 10 ވަނަ ދުވަހު އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް އެ ޕާރުސަލް ބަލައި ފާސްކޮށް ޓެސްޓުކޮށްފައިވާ ކަމަށެވެ. ޕާރުސަލުން ފެނުނު ތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ހާބަލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ޕާރުސަލް މެދުވެރިކޮށް އެތެރެކުރަން އުޅުނު އެ މަސްތުވާތަކެތީގެ ބަރުދަނުގައި 459 ގްރާމް ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 367،000 އަރާ ކަމަށެވެ. އެތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ފަސް ވަނަ ފަހަރު ކަމަށް ކަސްޓަމުން ބުންޏެވެ. މިއަހަރުގެ މިހާތަނަށް 19.44 ކިލޯގެ ކެނަބިސް ހާބަލް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.