އިރާނުގެ ދާހިލީ މައްސަލަ އޮތީ ގޯސް ކޮށެވެ. ވޯލްޑް ކަޕަށް ދިޔަ ގައުމީ ޓީމަށްވެސް އެކަމުގެ ހިޔަނި އޮތީ އެޅިފައެވެ. މިއަދު އިންގްލެންޑާ ދެކޮޅަށް އެގައުމުން ކުޅުނު މެޗުގެ ކުރިން ކެޕްޓަން އެހުސާން ހަޖްސާފީ ނޫސްވެރިންނާ ވާހަކަ ދައްކަމުންވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ. އެއީ އާންމުކޮށް ނުވެސް ފެންނަ މަންޒަރެކެވެ. އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހަޖްސާފީ ބުނީ ގައުމުގެ ހާލަތު ރަނގަޅު ނޫން ކަމަށާއި އާންމުން ތިބީ ހިތްހަމަޖެހިފައި ނޫން ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ކެޕްޓަން ބުނީ ހައްގުތަކަށް އަޑު އުފުލަމުންދާ އާއިލާތަކާ އެކުގައި ގައުމީ ޓީމު ތިބި ކަމަށާއި ގައުމުގައި ހިނގަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ގައުމީ ޓީމުންވެސް ތައުޒިޔާ ފޮނުވާ ކަމަށެވެ. އިރާނުގައި މުޒާހަރާ ކުރަމުން ދަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓައި މަރުވި އަންހެނެއް ކަމަށްވާ ކުރުދިސްތާނަށް ނިސްބަތްވާ މާޝާ އަމީނީގެ މަރާ ގުޅިގެންނެވެ. އީރާނުގައި ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ ރަނގަޅަށް ބޯނިވާނުކޮށް ހުރެގެންނެވެ. ފުލުހުން ބުނެފައި ވަނީ އަމީނީ ހައްޔަރުގައި ހުރީ އިރާނުގެ ގަވާއިދާ ހިލާފުވެގެން ކަމަށެވެ.

މިއަދުގެ މެޗުގެ ކުރިން ސްޓޭޑިއަމް ސަރަހައްދުގައިވެސް އިރާނުގެ އެތައް ބަޔަކު ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ އިރު، މުޒާހަރާ ކުރާ ފަރާތްތަކުން ބުނީ ގައުމުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށެވެ. ނޫސްތަކުން ބުނީ މިހާރު އިރާނުގައި ހިނގަމުންދާ މުޒާހަރާތަކަކީ އެތައް ޒަމާނަކަށްފަހު އެގައުމުގައި ހިނގަމުންދާ އެންމެ ބޮޑު މުޒާހަރާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ދަނީ "ޒާން ޒިންދަގީ، އާޒާދީ"ގެ އަޑުން އަޑު އުފުލަމުންނެވެ. ބުނަމުން އެދަނީ "އަންހެނުން، ދިރިއުޅުން، މިނިވަންކަން،" މި ބަސްތަކެވެ. އިރާނުގެ ސަރުކާރުން ބުނަމުންދަނީ އެ މުޒާހަރާއަކީ ހުޅަނގުން ބާރު ދީގެން ސަރުކާރަށް ޕްރެޝަރު ކުރަން ކުރާ މުޒާހަރާއެއް ކަމަށެވެ. ސަރުކާރުން ބާރުގެ ބޭނުން ކޮށްގެންވެސް އާންމު ރައްޔިތުން ހުއްޓުވަނީ އެހެންވެގެން ކަމަށެވެ.

ގައުމުގައި މުޒާހަރާ ކުރަމުންދާ އެތައް ހާސް ރައްޔިތުންނަކާ އެކު ގައުމީ ޓީމު ތިބިކަން ދެއްކުމަށް، ސަރުކާރުގެ ސަމާލުކަމަށްވެސް އެކަން ގެނައުމަށް އިރާން ޓީމުން ގައުމީ ސަލާމް ކިޔަން އިންކާރު ކުރި އިރު، ސަޕޯޓަރުން ދިޔައީ ގައުމީ ސަލާމަށް "ބޫ" ކުރަމުންނެވެ. އަރަބި ނޫސްތަކުން ބުނެފައި ވަނީ ގައުމީ ޓީމުން ދެއްކީ ހިތްވަރު ގަދަ ސްޓޭންޑެއް ކަމަށާއި ވޯލްޑް ކަޕް ފަދަ ބޮޑު ޕްލެޓްފޯމަކުން، ގައުމުގެ ރައްޔިތުންނަށް ދިނީ ހިތްވަރެއް ކަމަށެވެ.