ދިވެހިރާއްޖޭގެ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 18

އަބްދުﷲ ފާރޫގް ހަސަން

14 ނޮވެމްބަރުގެ އަދަދާ ގުޅޭ)

7. މުސްލިމުންގެ އަމީރު ނުވަތަ خـلـيفـــة އެބޭފުޅެއްގެ ޤައުމު އިޤްތިޞާދީގޮތުންނާއި ސައިންސީގޮތުންނާއި ޢަސްކަރީގޮތުންނާއި ފަންނިއްޔާތުގެ ދާއިރާއިން ކުރިއަރުއްވައި ވަރުގަދަކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ. ޣައިރުއިސްލާމީ އެއްވެސް ބާރަކަށް އެދައުލަތާ ދިމާޔަށް އިސްއުފުލައި ބަލައިވެސް ނުލެވޭވަރަށެވެ. ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި އެއްވެސްބަޔަކަށް ކިތަންމެކުޑަ އިސްލާމީ ޤައުމަކަށްވެސް މުސްލިމުންގެ ކިތަންމެކުޑަ އާބާދީއަކަށްވެސް ޙަމަލަދޭން ހިތަށްވެސް އަރުވައިލަން ނުކެރޭވަރަށެވެ. އާދެ، މުސްލިމުން ބާރުގަދަކުރާންޖެހެނީ މާތް اللّــه ގެ ޢަދުއްވުންނާއި މުސްލިމުންގެ ޢަދުއްވުން ބިރުގަންނަ ވަރަށެވެ. ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި މުސްލިމު އާބާދީއަކަށް ބޭރުގެ ޙަމަލައަކާ ނުވަތަ ބޭރުބައެއްގެ އަނިޔާއާ ކުރިމަތިލާން ޖެހިއްޖެކަމުގައިވާނަމަ އެބަޔަކު ދިފާޢުކޮށްދިނުމަކީ އިސްލާމީ ޚިލާފަތެއް ޤާއިމުވެފައި އޮތްކަމުގައިވާނަމަ ޚިލާފަތުގެ ޒިންމާއެކެވެ. ޚިލާފަތެއް ޤާއިމުވެފައި ނެތްކަމުގައިވާނަމަ މުޅި އުންމަތުގެ ވާޖިބެކެވެ. މުސްލިމުންނަށް ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވެސް ޢިއްޒަތާއި ކަރާމާތާއި ޙުރުމަތާއެކު ދިރިއުޅެވޭނެ ގޮތުންނެވެ. އެހެންކަމުން އިސްލާމީ ޚިލާފަތުގެ ނިޒާމު އަލުން ޤާއިމުކުރުމަކީ އުންމަތުގެ މަޞްލަޙަތާ ނުހަނު ގުޅުންހުރި ކަމެކެވެ. ވަރަށް މުހިންމު ކަމެކެވެ. ނުހަނު ބޭނުންތެރި ކަމެކެވެ. حـكــيـــــم الأمّـــــة عـــلاّمـــــة إقـبـــال ވަނީ މިކަމަށް ވަރަށްބޮޑަށް ވަކާލާތު ކުރައްވައިފައެވެ. ވަރަށް މުހިންމު ކަމެކެވެ. ނުހަނު ބޭނުންތެރި ކަމެކެވެ. ހުޅަނގުގެ އިސްތިޢުމާރުންވަނީ އިސްލާމީ ޚިލާފަތުގެ ނިޒާމު އުވައިލުމުގައި ކާމިޔާބު ހޯދައި މުސްލިމުން ބަލަދުވެރިކަމުން މަޙްރޫމުކޮށްފައެވެ. އުންމަތް ޔަތީމުކޮށްފައެވެ. އިސްލާމީ އުންމަތުގެ ވެރީން މި މައްސަލައިގައި މަޝްވަރާ ކުރައްވަން ޖެހެއެވެ. ޤައުމިއްޔަތުގެ ޖަޒުބާތު ދޫކޮށްލާންޖެހެއެވެ. އިސްލާމީ އުންމަތުގެ އެންމެން އެބައެއްގެ ވަޒަނާއި ޤައުމާއި ނަސްލާއި ޚާންދާނު ނެގެހެއްޓުމުގެ ޖަޒުބާތު ދަމަހައްޓާކަމުގައިވާނަމަ އިސްލާމީ ޚިލާފަތު ޤާއިމުކުރުންވާނީ އުނދަގޫ ކަމަކަށެވެ. މުޝްކިލު ކަމަކަށެވެ.

އިސްލާމީ ޤައުމުތަކުގެ ވެރީން އެބޭފުޅުންގެ އެޖެންޑާގައި ޚާއްޞަކަމެއް ދެއްވަންޖެހެނީ ސައިންސާއި ފަންނިއްޔާތާއި މަސައްކަތްތެރިކަމުގެ ރޮނގުން އުންމަތް ކުރިއެރުއްވުމަށެވެ. އައު އީޖާދުތަކާ ދިމާޔަށް އުންމަތުގެ ޤާބިލު ޒުވާނުން ސަމާލުކުރުއްވުމަށެވެ. ތަމައްދުނުގެ ވަސީލަތްތަކާއި ހުނަރުވެރިކަމުގައި ފިށައްސެލިވެފައިތިބި އަނެކުންނަށް އާދޭސްކުރާން ޖެހިފައިވާ ބަޔަކުކަމުގައި އުންމަތް ވިޔަދެއްވައިގެން ނުވާނެއެވެ. މުސްލިމުންގެ އަމީރުން ނުވަތަ ޙާކިމުން ނުވަތަ خـلـيفـــة އިންގެ ޒިންމާއަކީ މާއްދީގޮތުންވެސް ޢަސްކަރީގޮތުންވެސް އުންމަތް ކޮޅަށްނަންގަވައި ފައިތިލަ ހަރުލައްވައި ސާބިތުކޮށްދެއްވުމެވެ. ހުސްއެކަނި އެޤައުމެއްގެ ސަރަޙައްދު ދިފާޢުކޮށްލެވޭ ވަރަކަށެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ދުނިޔޭގެ މުސްލިމުންނަށް ހިޔާވަހިކަން ލިބިދޭ ތަނަކަށް އެޤައުމެއް ހެދޭވަރަށެވެ. މުސްލިމުން ޙިމާޔަތް ކޮށްދެވޭފަދަ އާރާއި ބާރުހުރި ޤައުމަކަށް ވެވޭވަރަށެވެ.

8. އިސްލާމީ ޤައުމެއްގައި ޙާކިމާއަކީ ބައިތުލްމާލުގެ ބަނޑޭރިއެވެ. ނުވަތަ ޙަވާލުދާރެވެ. އަޅުގަނޑުމެންގެ ވެރީން ދެރަފުޅުވެދާނެތީ ތަންކޮޅެއް ރީތި ނަމެއް ހޯދަމާ ހިންގަވާށެވެ. އާދެ ސަރުކާރުގެ ބައިތުލްމާލަކީ ރައްޔިތުންގެ އަމާނަތެކެވެ. ޤައުމުގެ އިސްވެރިޔާއަކީ އެ އަމާނަތާ ޙަވާލުވެވަޑައިގެން ހުންނަވާ އަމީނެވެ. ބައިތުލްމާލަކީ މުޅި އުންމަތުގެ މިލްކިއްޔަތެކެވެ. ޙާކިމު ނުވަތަ އަމީރު ނުވަތަ خـلـيفـــة ގެ އަމިއްލަފުޅު ގޭގެ ކޮށާރެއް ނޫނެވެ. އެބޭފުޅުންގެ ހިތްޕުޅަށް އެރިހައިގޮތަކަށް ޚަރަދެއް ނުކުރެއްވޭނެއެވެ. (ޚަރަދު ކުރެއްވޭނީ ދުރާލައި ބަޖެޓުގައި ޖައްސަވައި ރައްޔިތުންގެ މަންދޫބުން ގަންނަވައި ފާސްކުރައްވައިގެންނެވެ. ދެކޮމަންޑޫ ގުޅައިލައްވަން ޚަރަދު ކުރައްވާގޮތަކަށެއް ނޫނެވެ. ސެނެޓައިޒަރގެ ބަދަލުގައި ބޭނުންކުރައްވާނެ ސެންޓެއް ބައިތުލްމާލުގެ ޚަރަދުގައެއް ބައްލަވައެއް ނުގެންނެވޭނެއެވެ.) މިއަދުގެ ދުނިޔޭގައި ވެރީން ބައިތުލްމާލުން ކުރައްވާ ޚަރަދުގެ ވަކިލާރިކޮޅުކޮޅުގެ ހިސާބުވެސް ރައްޔިތުންނަށް ދައްކަވައެވެ. އިސްލާމީ ސަރުކާރަކުން އެގޮތާ ޚިލާފަށް ޢަމަލުކުރާ ކަމުގައިވާނަމަ އެ ސަރުކާރަކުން އިސްލާމީ އުސޫލާ ޚިލާފުވަނީއެވެ.

މަތީގައި ބަޔާންކޮށްފައި އެވަނީ ސަރުކާރެއްގެ އިސްލާމީ ވަންތަކަން ކިރައިލެވިދާނެ "ތުޅުދަނޑި" އެއްގައި ބޭނުންކުރެވިދާނެ ބައެއް ބަރުދަންތަކެވެ.

އިސްލާމީ ސަރުކާރުތަކުން އެންމެބޮޑަށް ސަމާލުވާންޖެހޭ ކަންތައްތައް

ކީރިތި ޤުރްއާނުގައި ބައެއްކަންކަމުގެ ޙުކުމްފުޅުތަކާ ބެހޭގޮތުން މުޚާޠަބު ކުރައްވައިފައިވަނީ އަފްރާދުންގެ ބަދަލުގައި އިސްލާމީ އުންމަތާއެވެ. އިސްލާމީ ދައުލަތާއެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ އެފަދަ އެއް ޙުކުމަކީ ހަނގުރާމައިގެ ހަތިޔާރު އުފެއްދުމުގެ ޙުކުމެވެ. އަމުރުކުރައްވަނީ ހަނގުރާމައިގެ ހަތިޔާރު އުފައްދާށެވެ. ކޮންކަހަލަ ކޮން ފެންވަރެއްގެ ހަތިޔާރެއްތޯއެވެ؟ މުސްލިމުންގެ ދުޝްމަނު ބާރުތައް ޖެހިލުންވެ ބިރުގަންނަ ފެންވަރުގެ ހަތިޔާރެވެ. ހަމައެފަދައިން އަމުރުކުރައްވަނީ ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި މުސްލިމުންގެ އާރާއި ބާރާއި ހަރުދަނާކަމާއި ސާބިތުކަން ފާޅުކުރުމަށެވެ. މުސްލިމުންގެ ކީރިތިކަމާއި މޫރިތިކަން ދެއްކުމަށެވެ. އެއްވެސް ޙާލެއްގައި ބަލިކަށިކަމެއް ޖެހިލުންވުމެއް ސިހުންތެރިކަމެއް ނުދެއްކުމަށެވެ.

އެކަމަކު ކަންހުރީ ކިހިނަކުންތޯއެވެ. އަރަހުށި މާތް اللّــه އެ ޤައުމުތަކެއްގެ ފައިތިލަތަކުގެ ދަށުން ކަޅުރަނުގެ އާރުތައް ހިންގަވައިދެއްވައިފައިވާ ޤައުމުތަކުގެ ވެރީން ވަނީ އެބޭފުޅުންނަށްޓަކައި މަލުގެ ދާންތައް ތައްޔާރުކުރައްވައިފައެވެ. ދަތްކޮއްޓަވާ އިލޮށްޓަށް ދަންދެން ބޭރުން ބައްލަވައިގެން ހުރިހާ ޤައުމުތަކެއް ކޮންޒިއުމަރު ޤައުމުތަކަކަށް (ސާރިފުންގެ ޤައުމުތަކަކަށް) ހައްދަވައިފައެވެ. ދުނިޔޭގެ އެންމެން އެ ސާރިފުންގެ ބާޒާރަށް އެބައިމީހުންގެ މުދާ ވިއްކާންވެއެވެ. ޝައްކެއްނެތެވެ. މިއީ އަރަހުށި މާތް اللّــه އެޤައުމުތަކަށް ދެއްވައިފައިވާ މުއްސަނދިކަން ނުރަނގަޅު ގޮތްގޮތަށް ބޭނުންކުރެއްވުމެވެ. އެހެންކަމުން އެޤައުމުތަކަކީ މުސްލިމުންގެ ކިބައިން އެދެވިގެންވާ މިންގަނޑަށް ފެތޭ ޤައުމުތަކެކޭ ދެންނެވޭކަށެއް ނެތެވެ. އަދި ކީއްތޯއެވެ؟ މުއްސަނދި އިސްލާމީ ޤައުމުތަކަކީ މުސްލިމުންނަށް ލިބިފައިވާ ބަލިކަށިކަމާއި ނިކަމެތިކަމުގެ ސީދާ ޒިންމާދާރުންނެވެ.

މެދުއިރުމަތީގެ ޙާލަތަށް ކަޅިޔެއް ހިންގައިލަމާ ހިންގަވާށެވެ. އިސްރާއީލުންވަނީ ފަލަސްޠީނު މީހުން ފަލަސްޠީނުން ބޭރުކޮށް ފައްސައިލައިފައެވެ. އެތައްލައްކަ ބަޔަކުވަނީ ގެދޮރު ނެތިފައެވެ. އިސްރާއީލުގެ އެކިއެކި ޙަމަލަތަކުންވަނީ ފަލަސްޠީނުގެ އެތަކެއްހާސް ބަޔަކު ޝަހީދުކޮށްފައެވެ. ޞަބްރާއާއި ޝަތީލާ ކޭމްޕުގައިވަނީ ޤަތުލުޢާންމު ހިންގައިފައެވެ. މިހިރީ އިސްލާމީ އުންމަތް އިސްރާއީލާ ދެކޮޅަށް ޖިހާދަކަށް ތައްޔާރުވާން ލާޒިމުވާފަދަ ސަބަބުތަކެވެ. އެކަމަކު ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ވަގުރަޙުމަތްތެރިކަން ބާއްވަމުންއައިސް މިހާރުވަނީ ފާޅުގައި އަތާއަތްގުޅައިފައިފައެވެ. ޣީރަތެއްނެތް ޢަރަބިވެރީން ވަފާތެރިވެވަޑައިގަންނަވަނީ އިސްލާމްދީނަށާއި މުސްލިމުންނަކަށެއް ނޫނެވެ. އެމެރިކާއަށާއި އިސްރާއީލަށެވެ. ހަންހާރަވެތިވެވަޑައިގަންނަވަނީ އެދެފަރާތަށެވެ.

ގަލްފުގެ ކޮންމެވެސް ޢަރަބި ޤައުމެއްގެ ވެރިޔަކާ ސުވާލުކުރައްވައި ބައްލަވާށެވެ. އިސްރާއީލުގައި ނިއުކްލިޔަރ ހަތިޔާރު އެބަހުއްޓެވެ. އިސްރާއީލުންވަނީ ހުރިހައި ޢަރަބި ޤައުމުތަކެއްގައިހުރި ހަތިޔާރުގެ ސްޓޮކް އެއްކޮށްލުމުން ވާނެވަރަށްވުރެވެސް މާގިނަ ހަތިޔާރު ހޯދައި އުފައްދައި ގުދަންކޮށްފައެވެ. އެންމެމަތީ ފެންވަރުގެ ހަތިޔާރުތަކެވެ. އެހެންވީއިރު ޢަރަބި ޤައުމުތަކަށް المـسجــد الأقــصــــى މިނިވަންކުރެވޭނީ ކިހިނަކުންތޯއެވެ؟ ފަލަސްޠީނުގެ މައްސަލަ ޙައްލުކުރެވޭނީ ކިހިނަކުންތޯއެވެ؟ ފޭރިގަނެވިފައިވާ ބިންތައް ފޭރުނު މީހުންގެ އަތުން އަތުލެވޭނީ ކިހިނަކުންތޯއެވެ؟ މުސްލިމުންނަކީ މުލައްދަނޑީގައި ބާރުހުރި އުރައްޕުހުރި ބަޔަކުކަމުގައި ހަދައިލެވޭނީ ކިހިނަކުންތޯއެވެ؟ ކޮންމެވެސް މީހަކު ޢަރަބިވެރީންނާ ސުވާލުކޮށްލަބަލާށެވެ. المـسجــد الأقــصــــى މިނިވަންކުރެއްވުމާއި ވަޒަނުން ބޭރުކޮށްފައިވާ ފަލަސްޠީނީން އެބައިމީހުންގެ އަމިއްލަ ބިމުގައި ވަޒަންވެރިކޮށްދެއްވުމާ މިހިރީ ޚާލިޞް ދީނީ މައްސަލަތަކެއް ނޫންތޯއެވެ؟ އެހެންކަމުގައިވާނަމަ ފާއިތުވެދިޔަ ބައިޤަރުނުގެ ތެރޭގައި ތިޔަބޭފުޅުން އެކަމަށް ތައްޔާރުވެވަޑައިގެންނެވުމުގެގޮތުން ކުރެއްވި މަސައްކަތްޕުޅަކީ ކޮބައިތޯއެވެ؟ އެކަމަށް ޣާފިލުވެވަޑައިގެންނެވުމަށްފަހު ތިޔަބޭފުޅުންނަށްއޮތީ ވެރިކަން ކުރެއްވުމުގެ ކޮން ޙައްޤެއްތޯއެވެ؟ މާތް اللّــه ތިޔަބޭފުޅުންނާ ޙަވާލުކުރައްވައިފައިވާ ސުމާރެއްނެތްވަރުގެ މުއްސަނދިކަން އިސްލާމީ ޤައުމުތައް ޢިލްމާއި ސައިންސާއި ފަންނިއްޔާތާއި މަސައްކަތްތެރިކަމުގެ ދާއިރާއިން ތަރައްޤީކުރައްވަން ޚަރަދު ނުކުރެއްވީ ކީއްވެގެންތޯއެވެ؟ މާތް اللّــه ތިޔަބޭފުޅުންނާ ޙަވާލުކުރައްވައިފައިވާ ކަޅުރަނުގެ އާރު އުފާކުރެއްވުމާއި މަޖާނެންގެވުމާއި ޢައްޔާޝީކަމުގެ ތެރެޔަށް އަމިއްލަފުޅަށް ފެތިވަޑައިގެންނެވުމަށާއި ތިޔަބޭފުޅުންގެ ޤައުމު ފައްތަވާ ޒަރީޢާއަކަށް ހެއްދެވީ ކީއްވެގެންތޯއެވެ؟ ޢަރަބި ޤައުމުތަކުގެ ނޭކަށޭނަވެރީންގެ ލަފުގައި ހިއްޕަވައި ކަމުންދުރުކުރެއްވުމަކީ އެޤައުމުތަކުގެ ޢިލްމުވެރީންގެ ވާޖިބެކެވެ. އެބޭކަލުން އެކަމަށް ނުކުޅެދިވަޑައިގަންނަވާ ކަމުގައިވާނަމަ އެންމެކުޑަމިނުން ސިއްރާއި ފާޅުގައި އަސަރާއެކު ވެރީންނަށް ނަސޭހަތްޕުޅު އަރުވާން ޖެހިވަޑައިގަންނަވާނެއެވެ. ޢިލްމުވެރީން އެގޮތަށް ޢަމަލު ނުކުރައްވައިފި ކަމުގައިވާނަމަ މިޒަމާނުގައި އިސްލާމީ އުންމަތް އިނދަޖެހިފައި މިއޮތް އޮތުމުގެ ޒިންމާ ޢިލްމުވެރީންވެސް އުފުއްލަވާން ޖެހިވަޑައިގަންނަވާނެކަން ކަށަވަރެވެ.

އިސްވެދިޔަތާނގައި ހުށަހަޅައިފައިވާ ތުޅުދަނޑިއަކީ މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތާއި الخـــلـفــــاء الــــرّاشــــدون ގެ ޢަމަލުފުޅުތަކުން އިރުޝާދު ހޯދައިގެން ތައްޔާރުކޮށްފައިވާ ކިރާ އާލަތްތަކެވެ. އެ އާލަތްތައް ތައްޔާރުކޮށްފައިވަނީ އިސްލާމީ ވެރީންނާއި މުސްލިމު ޤައުމުތައް ކިރައިވަޒަންކޮށް ބަރުދަން ބެލުމަށްޓަކައެވެ. އެއްވެސް ބިމަކީ އެބިމެއްގައި މުސްލިމުންގެ އަކްސަރިއްޔަތު ދިރިއުޅޭތީ ނުވަތަ މުސްލިމުންގެ ތަނަވަސް އަޣުލަބިއްޔަތެއް ދިރިއުޅޭތީ އިސްލާމީ ޤައުމެކޭ ކިޔުމުގެ ޙައްޤު ލިބިގެންވާނެ ބިމެއް ނޫނެވެ. އިސްލާމީ ޙުކޫމަތެއްގެ ސިޔާސީ، އިޖްތިމާޢީ ޤާނޫނުތަކާއި އެހެނިހެން އަސާސީ އުޞޫލުތަކަށް ނުފެތޭހައި ހިނދެއްގައެވެ. މުސްލިމުންގެ ތަހްޒީބާއި ޘަޤާފަތުގެ މުއްސަނދި ރައުސުމާލު ހޯދާން އަޅުގަނޑުމެންނަށް ޖެހެއެވެ. އަޅުގަނޑުމެންނަށް މިތިބެވެނީ މުސްލިމުން ތިބުން އެދެވިގެންވާ މިންގަނޑަށްވުރެ ކިހައި އުހެއްގައިކަން ނުވަތަ ކިހައި ތިރިއެއްގައިކަން ދަންނާންޖެހެއެވެ. އަޅުގަނޑުމެންގެ ކޮށާރު ގުނައި ވިޔަކޮށްލައި އަތުގައިހުރިނެތް މިންވަރެއް ދެނެގަންނާންޖެހެއެވެ. އަޅުގަނޑުމެން މިއަދު ސަރުކާރު ހިންގާ ގޮތާމެދު އަޅުގަނޑުމެން ދެވަނަ ވިސްނުމަކަށް ދާންޖެހެއެވެ. ތިމާމެން އަމިއްލަޔަށް ތިމާމެންގެ އަރަނިދަރަނި ސާފުކޮށް އިޙްތިސާބުނުކުރާ ޤައުމުތަކަކީ ދުރުހިލޭ ދުޝްމިނު ބަޔަކަށް ދާދިއަވަހަށް ހިސާބުދައްކާން ޖެހިދާނެ ޤައުމުތަކެކެވެ.

އިސްވެދިޔަ ފޮޅުވަތްތަކުގައި އަޅުގަނޑު ބަޔާންކޮށްފައިއެވަނީ ރަނގަޅު އިސްލާމީ ޤައުމަކާއި ރަނގަޅު އިސްލާމީ ވެރިޔެއްގެ މީޢާރެވެ. މިހާރު ދުނިޔޭގައި ހުންނެވި އިސްލާމީ އެއްވެސް ވެރިޔެއް ނުވަތަ ދުނިޔޭގައިއޮތް އެއްވެސް ޤައުމެއް މި މިންގަނޑަށް ފެތޭތޯ އަމިއްލަފުޅަށް ބައްލަވާށެވެ. ވަކިފަރާތަކަށް ބުރަވެވަޑައިނުގެން އަމިއްލަފުޅު ނިންމެވުމެއް ނިންމަވާށެވެ. އިމްތިޙާނެއްގައި މާކްސްދޭ މީހަކު ފަދައިން އިސްލާމީ ޤައުމުތަކަށާއި އިސްލާމީ ވެރީންނަށް މާކްސް ދެއްވާށެވެ. އެއިން ވެރިޔަކަށް ފަސް މާކްސް ނުވަތަ ދިހަ މާކްސް ނުވަތަ ވިހި މާކްސް ދެއްވިދާނެއެވެ. އެކަމަކު ފަންސާހުން މައްޗަށް ނުގެންދެވޭނެކަމީ ކަށަވަރު ކަމެކެވެ.

(ނުނިމޭ)