އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި، ދައުލަތުގެ ބަޖެޓް ދިރާސާކޮށް، ބަޖެޓު ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބަޖެޓް ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސް ފަށައި، އެ ބަހުސްގައި މަޖިލިސް މެންބަރުން ބައިވެރިވުމަށް ހުށަހެޅުމުގެ ފުރުސަތު މާދަމާ 2:00 އާ ހަމައަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ކޮމިޓީގެ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބަޖެޓް ކޮމިރީ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް ހަތްމިނިޓް ދެއްވާނެ ކަމަށެވެ. މަޖިލީހުގެ 87 މެންބަރުން ބަޖެޓް ރިޕޯޓަށް ވާހަކަ ދައްކަވައިފިނަމަ އެއީ ޖުމްލަ 10 ގަޑިއިރުގެ ބަހުސެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ބަޖެޓް ރިޕޯޓަށް ވާހަކަ ދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުން މާދަމާ 2:00 ގެކުރިން ފުރުސަތަށް އެދިވަޑައިގެންނެވުމަށް ވެސް މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ.
އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
އެހެންކަމުން ބަޖެޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ވަނީ ހުޅުވައިލައިފައެވެ.
ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު، ބަޖެޓަށް ހުށަހަޅާ އިސްލާހުތަކަށާއި، ބަޖެޓް ފާސް ކުރުމަށް ވޯޓަށް އަހަން ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ބަޖެޓް ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން، ކޮމިޓީގެ މުގައްރިރު ވަނީ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި، ބަޖެޓަށް ފައިސާ އިތުރު ކުރަން ކޮމިޓީން ނިމުމުގައި ކަން ހިނގާފައިވާގޮތްވެސް ތަފްސީލު ކޮށްދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު