ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އީދު، ވޯލްޑް ކަޕް ރޭ ފެށުނީ ގަތަރުގެ އިހުސާސްތަކުންނެވެ. ހުޅުވުމުގެ ރަސްމިއްޔާތުން ފެނިގެން ދިޔައީ ގަތަރުގެ ބަދަވީންގެ ތަރިކައެވެ. އެގައުމުގެ ތާރީހީ ސަގާފަތުގެ ރަމްޒެވެ. ވަކިން ހާއްސަކޮށް އިސްލާމީ މަރުހަބާއަކުން ގަތަރު ދުނިޔެއަށް މަރުހަބާ ކިޔައިފިއެވެ. އެ މަރުހަބާއަށް އެތައް ބައެއްގެ ޝައުގުވެރިކަން ހުއްޓި، އެކަމަށް ލޯބިވެސް ދީފިއެވެ.
ބަދަވީންގެ ފޭލިގެއެއްގެ ރަމްޒުން ފަރުމާކޮށްފައިވާ އަލް ބައިތު ސްޓޭޑިއަމްގައި ގަތަރު ވޯލްޑް ކަޕަށް ރަސްމީކޮށް މަރުހަބާ ވިދާޅުވީ ގަތަރުގެ އަމީރު ޝެއިޚް ތަމިމް ބިން ހަމަދު އަލް ޘާނީއެވެ. "ގަތަރުން، އަރަބި ދުނިޔެއިން، އަހަރެން ވޯލްޑް ކަޕަށް 2022 އަށް މަރުހަބާ ކިޔަން،" އަމީރް ވިދާޅުވިއެވެ. "އެތައް ބަޔަކު، އެތައް ތަފާތުތަކެއް އެއްކިބާކޮށް، އެއް ފުރާޅެއްގެ ދަށުގައި ތިބުމަކީ ހާދަ ނަލަކަމެކޭ،" އަމީރު އިތުރަށް ވިދާޅުވިއެވެ.
އެ ބަސްތަކާއެކު ބަޑިބޭހުގެ ޗާލު މަންޒަރުތަކުން ދެން ދައްކުވާލަ ދިނީ ހާއްސަ މެސެޖެއް ދިން މަންޒަރެކެވެ. ވޯލްޑް ކަޕް ގަތަރަށް ދޭން 12 އަހަރު ކުރިން ނިންމި ނިންމުމާއެކު އެގައުމަށް ކުރިމަތިވި އެތަކެއް ފާޑު ކިޔުމަކަށް ދިން ރިވެތި ރައްދަކަށްވެސް އެ މަންޒަރުތައް ފުދުނެވެ. އިސްލާމީ ގައުމަކަށް ގަތަރު ވީތީ، އެގައުމުގައި އެއްޖިންސުން ގުޅުން ހިންގަން ފުރުސަތު ނުދޭތީ، އެގައުމުގައި އާންމުކޮށް ބަނގުރާ ބޯން ހުއްދަ ނެތަތީ ކިޔާފައިވާ ފާޑުތަކަށް ރޭ ގަތަރުން ދިނީ ތަމައްދުން ރައްދެކެވެ.
އޮސްކާ އެވޯޑު ހާސިލު ކޮށްފައިވާ މަޝްހޫރު އެކްޓަރު މޯގަން ފްރީމެންއާއެކު ހުޅުވުމުގެ ރަސްމިއްޔާތަށް ނުކުތް އުމުރުން 20 އަހަރުގެ ގާރީ ގާނިމް އަލް މުފްތާހު ވޯލްޑް ކަޕް ފެށީ ގުރުއާނުގެ އާޔަތަކުންނެވެ. މުފްތާހް ކިޔައިދިނީ އަލް ހުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ އިންސާނުންގެ އުފެއްދުވުމުގެ ވާހާކައާއި އެކިއެކި ގަބީލަތަށް ދުނިޔޭގައި އިންސާނުން ލެއްވި ސަބަބުތަކުގެ ވާހަކައެވެ. އެ ގަބީލާތައް އެއްބަޔަކު އަނެއް ބަޔަކަށް މަރުހަބާ ކިޔައި ތައާރަފުވުމުގެ ވާހަކައެވެ. ތަގުވާވެރީންނަކީ އެ މަރުހަބާ ކިޔައި، ހެޔޮ ހުލްގު ދައްކާ މީހުން ކަމުގައި ބުނެފައިވާ ވާހަކަތަކެވެ.
އެ އާޔަތަށްފަހުވެސް އުފެދުމުގައި ހުރި ބައްޔެއްގެ ސަބަބުން ނުކުޅެދިފައިވާ، ވޯލްޑް ކަޕްގެ އެމްބެސެޑަރު މުފްތާހާއި މޯގަން ފްރީމެން ވަނި ހާއްސަ ވާހަކަތަކެއް ދައްކާފައެވެ. އެ ވާހަކަތަކުގައި ފްރީމެން މުފްތާހާ ސުވާލުކުރަނީ އެތައް ނަސްލެއްގެ، އެތައް ބަހަކުން ވާހަކަ ދައްކާ، އެތައް ސަގާފަތެއްގެ ބަޔަކު އެކުވެ ތިބި ސަބަބަކީ ކޮބައިތޯއެވެ.
ޖަވާބުގައި މުފްތާހުދެއްވީ ބަދަވީންގެ ފޭލިގެތަކަށް ގަތަރުގެ އާސާރީން ކިޔާ މަރުހަބާގެ ވާހަކައެކެވެ. އެއީ ސްޓޭޑިއަމްގެ ރަމްޒުން އޭނާ ދޭން ބޭނުންވި ތޫނުފިލި މެސެޖެވެ. އެ މެސެޖުން ދޭހަކޮށްދިނީ ގަތަރުގެ އިސްލާމީ މަރުހަބާއިން ފުޓުބޯޅައިގެ އީދަށް، އެގައުމުން މުޅި ދުނިޔެއަށް މަރުހަބާ ކީ ކަމެވެ. އެހިސާބުން ފްރީމެން ބުނީ، ލަވައެއް މިއުޒިކެއް ނޫން ގޮތެއްގައި އޭނާއަށް އިވުނީ މަރުހަބާ ކިޔައި، އުފާފާޅުކުރުމަށް ދިން ދައުވަތެއްގެ މެސެޖުގެ ވާހަކަ ކަމަށެވެ.
އެ ވަގުތު ކޮޅަށް ދުނިޔޭގެ ކަޅި އަމާޒުވެއްޖެއެވެ. ބިލިއަނުން މީހުން ބަލަން ތިބި ހުށަހެޅުމެއްގައި ގުރުއާނުގެ މޫރިތި އާޔަތްތައް އިއްވައިދީ ގަތަރުން އެތައް ބައެއްގެ ލޯބި ހޯދައިފިއެވެ. ވޯލްޑް ކަޕް ފެށީ ހިނިތުންވުމަކުން މަރުހަބާ ކިޔައިގެންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022