ގަތަރު ވޯލްޑް ކަޕް ފެށުމުގެ ގޮތުން، މިރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ދެކުނު އެމެރިކާގެ އެކުއެޑޯ އިން ހޯސްޓް ގަތަރުގެ މައްޗަށް ކުރި ހޯދައިފިއެވެ.
ވޯލްޑް ކަޕްގެ 92 އަހަރުގެ ތާރީހުގައި ހޯސްޓް ގައުމު، ފުރަތަމަ މެޗުން ބަލިވެފައި ނެތުމުގެ ރެކޯޑަށް މިރޭ އެކުއެޑޯ އިން ނިމުން ގެނައީ ގަތަރުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ފެށި ގަތަރު ވޯލްޑް ކަޕް 2022 ފެށީ ހިތްގައިމު ހަރަކާތްތަކާއެކުގައެވެ. ވަރުގަދަ މެސެޖުތައް ދިން ފެށުމުގެ ރަސްމިއްޔާތު ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ގުރުއާނުގެ ބަރަކާތުން ފެށި އިރު، ހޮލީވުޑްގެ މަޝްހޫރު ސުޕަ ސްޓާރު މޯގަން ފްރީމަން ވަނީ ދުނިޔެއަށް އެކުވެރިކަމުގެ ފުން މެސެޖެއް ދީފައެވެ.
ގަތަރުގެ ސަގާފަތް ދައްކުވައިދޭ ޖަމަލުތަކާއި އަރަބީންގެ ކަންކަން ފެށުމުގެ ރަސްމިއްޔާތުގައި ފެނިގެން ދިޔަ އިރު، ވޯލްޑް ކަޕްގެ މެސްކޮޓުގެ ހަރަކާތްތަކެއްވެސް ފެނިގެން ދިޔައެވެ. ހުޅުވުމުގެ ރަސްމިއްޔާތުގެ އެންމެ ފޯރިގަދަ ހުށަހެޅުން ފެނިގެން ދިޔައީ ދެކުނު ކޮރެއާގެ ޕޮޕް އާޓިސްޓް، ބީޓީއެސްގެ ޖަންގް ކޫކްގެ ފަރާތުންނެވެ.
ހޯސްޓް ގައުމުން އެގައުމުގެ ފުޓުބޯޅަ ތާރީހުގެ ފުރަތަމަ ވޯލްޑް ކަޕް މެޗަށް މިރޭ ނުކުތީ ތާރީހު ލިޔެލުމަށެވެ. އެގައުމުގެ ފުޓުބޯޅައަށް ކުރަމުން އައި ބުރަ މަސައްކަތުން އާ ޖީލެއް ބިނާކޮށް މިރޭގެ މެޗަށް ނުކުތީ 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަނުން ގޮތުގައެވެ.
އަނެއްކޮޅުން ނުކުތް އެކުއެޑޯ މިފަހަރު ނުކުތީ ފެންވަރު ސާބިތުކޮށްދޭން ކަން މެޗުގެ ކުރިން އާޖެންޓީނާއަށް އުފަން ކޯޗު ގުސްޓާވޯ ޖޫލިއޯ އަލްފާރޯ ބުނެފައިވެއެވެ. އެޓީމުން ހަތަރު ވަނަ ވޯލްޑް ކަޕަށް ނުކުތީ 2006 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރުކޮށް، އެއަށްވުރެވެސް ދުރަށް ދިޔުމަށެވެ. އެފަހަރު އެކުއެޑޯ ވަނީ ގަދަ 16 ގައި ކުޅެފައެވެ.
މެޗު ވަރުގަދަކޮށް ފެށީވެސް އެކުއެޑޯއިންނެވެ. އެޓީމުން ވަނީ ކުރިއަށް ޖެހި ގަތަރު ހާސްކޮށްލައިފައެވެ. ކުރީކޮޅުގައި އެކުއެޑޯގެ ކެޕްޓަން އެނަ ވެލެންސިއާ ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް، ވީއޭއާރާއި ތްރީޑީ އޮފްސައިޑް ސިސްޓަމުގެވެސް ބޭނުން ހިފައި، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ގަތަރަށް ދިން ސިގްނަލެކެވެ. ދަނޑަށް ވަދެ ތިބި އެތައް ހާސް ގަތަރުގެ ސަޕޯޓަރުންގެ ފޯރިގަނޑު ކޮންމެވެސް ވަރަކަށް މަޑު ޖެހިގެން ދިޔައީ އެކުއެޑޯ އިން މެޗު ކޮންޓްރޯލް ކުރަމުން ދިޔުމުންނެވެ. އެ އޮއިވަރުގައި އެކުއެޑޯން ލީޑު ނެގީ މެޗުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެކުއެޑޯ ކެޕްޓަން ވެލެންސިއާއަށް ގަތަރުގެ ކީޕަރު ސާދް އަލް ޝީބް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީގައެވެ. ޕެނަލްޓީ ހަމަޖެހިލައިފައި ޖެހީ ވެލެންސިއާއެވެ.
އެ ޕެނަލްޓީއާއެކު ލީޑު ނެގި އެކުއެޑޯ އިން މެޗުގެ 31 ވަނަ މިނެޓުގައި ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ބޮލުން ޖެހީވެސް ހަމަ ވެލެންސިއާއެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެކުއެޑޯ އިން ޖެހި ތިން ގޯލުވެސް ޖެހި ވެލެންސިއާއަކީ އެގައުމުގެ ރެކޯޑު ގޯލު ޖެހުންތެރިޔާއެވެ. އެކުއެޑޯ އިން ވޯލްޑް ކަޕްގައި އެންމެފަހުން ޖެހި ފަސް ގޯލުވެސް ޖެހި ވެލެންސިއާ މިހާތަނަށް ގައުމީ ޓީމަށް 37 ގޯލު ޖަހައިދީފައިވެއެވެ.
ފުރަތަމަ ހާފުގައި ގަތަރަށް ތަނަވަސްކުރެވުނު ހަމައެކަނި ފުރުސަތު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިބުނީ އަލްމޮއެޒްއަށެވެ. ގަތަރުން ހުރަސްވި ބޯޅަ، އޭނާ އޭރިއާ ތެރޭގައި ހުސްކޮށް އޮވެ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ ކޮޅުގައި އަނެއްކާވެސް ނުރައްކާ ކުރީ އެކުއެޑޯ އިންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން އެކުއެޑޯގެ އިބާރާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގަތަރުގެ ކީޕަރު ސާދް އަލް ޝީބެވެ. އޭގެ ފަހުން ގަތަރުން ކޮންމެވެސް ވަރަކަށް ބޯޅަ ކޮންޓްރޯލްކޮށް ކުޅުނު ނަމަވެސް ހަމަލާތައް އުފައްދަން އެޓީމަށް އުނދަގޫވިއެވެ. ރަނގަޅު ޕާސްތަކެއް މެދުތެރެއިން ނުފެނުންވީ ހޯސްޓް ގައުމުގެ މާޔޫސީ ފެށުން ދިގުލައިގެން ދިޔަ ކަމަކަށެވެ.
މެޗުގެ ފަހު ކޮޅުގައިވެސް ގަތަރަށް ފުރުސަތެއް ހޯދަން އުނދަގޫތަކާ ދިމާވެފައިވާ އިރު، އަނެއްކޮޅުން އެކުއެޑޯ ދިޔައީ ތިންވަނަ ގޯލަކަށް މަސައްކަތް ކުރަމުންނެވެ. އެޓީމަށް ކުރިއަށް ޖެހި ކުރި މަސައްކަތްތަކުގައި އިތުރު ގޯލެއް ޖެހިފައިނުވާ އިރު، އަނެއްކޮޅުން ގަތަރަށްވެސް ގޯލާ ދިމާކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
18:00 އިންގްލެންޑް - އިރާން (ގްރޫޕް ބީ)
21:00 ސެނެގާލް - ނެދަލޭންޑްސް (ގްރޫޕް އޭ)
00:00 އެމެރިކާ - ވޭލްސް (ގްރޫޕް ބީ)
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022