އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ފާޑު ކިޔުމުން އަރަބިއްޔާގެ ސްކޫލުގެ މުދައްރިސެއް ކަމަށްވާ ޝެއިހް ޒަމްޒަމް ފާރިޝް ސަސްޕެންޑް ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމް ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. އެފަހަރު އޭނާ ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ނުލިބޭ ގޮތަށް ދެ މަސް ދުވަހަށެވެ. ނަމަވެސް ފަހުން އެޑިއުކޭޝަނުން ބުނެފައި ވަނީ ޒަމްޒަމް ސަސްޕެންޑް ކުރެވިފައިވަނީ އޮޅަމަކުން ކަމަށެވެ.
ވަޒީފާއިން ސަސްޕެންޑް ކުރުމުން ޒަމްޒަމް ވަނީ އެ މަސައްލަ ޓްރައިބިއުނަލަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު ޓްރައިބިނަލުން މިއަދު ނިންމީ، ޒަމްޒަމް ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނީ ސިވިލް ސާވިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެހެންކަމުން ޒަމްޒަމް ވަޒީފާއަށް ނުކުތުން ދެ މަސް ދުވަހަށް މަނާ ކުރީ އެކަށީގެންވާ ހާލަތެއް އޮވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމައިފިއެވެ.
އެހެންކަމުން ޒަމްޒަމް ވަޒީފާއަށް ނުކުތުން މަނާކޮށް ފޮނުވި ލިޔުން އެޑިއުކޭޝަނުން ބާތިލުކުރަން ޖެހޭ ކަމަށް ޓްރައިބިއުނަލުން ވަނީ ކަނޑައަޅައިފައެވެ.