ޚަބަރު

އަދީބާއި ޒިޔަތު ދިނީ އުފައްދާފައިވާ ހެކިބަހެއް ކަމަށް ބުނެ ޔާމީންގެ ވަކީލުން ފާޑު ކިޔައިފި

އަލީ ޔާމިން

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ނުއަގުގައި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދެއްވި ހެކިބަހަށް ޔާމީންގެ ވަކީލުން ފާޑު ވިދާޅުވެއްޖެއެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި އިރު، އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައެވެ. ޒިޔަތު ހުންނެވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައެވެ. އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މިހާރުވެސް ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ.

އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ، އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންފައެވެ. އެއީ އެ ބޭފުޅުންނަކީ "ފާސިގުން" ކަމަށް ގަބޫލު ކުރާތީ ކަމަށް ދިފާއީ ވަކީލުން ވިދާޅުވެފައިވެއެވެ. އަދި އަދީބާއި ޒިޔަތަކީ އަދުލުވެރި ހެކިބަހެއް ދޭނެ ބައެއް ނޫންކަން ދިފާއުން އޭރުވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގެންފައެވެ.

ހެކިބަސް ދެމުން އަދީބާއި ޒިޔަތު ވިދާޅުވީ ކީކޭ؟

އާރަށް މައްސަލައިގައި އަދީބުގެ ހެކިބަސް ނަގައިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ކޯޓަށް ހާޒިރުވެ، ހެކިބަސް ދެއްވަމުން އެމްއެމްޕީއާރްސީގެ މައްސަލައިގައި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު ވިދާޅުވީ، އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ކުރިޔަށް ގެންގޮސްފައިވަނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން އެރަށުގެ އެކުއިޒިޝަން ކޯސްޓަށް ފުރަތަމަ ކަނޑައެޅި ފަސް މިލިއަން ޑޮލަރު، ތިން މިލިއަން ޑޮލަރަށް ކުޑަކޮށް އެގްރީމަންޓް ކުރި އަދަދު ދެ މިލިއަން ޑޮލަރަށް ކުޑަކުރީ ރައީސް ޔާމީންގެ އެންގެވުމަށް ކަމަށެވެ. އަދި އެ ފައިދާ ދެ ޕޭމަންޓަކުން ދައްކަވަންޖެހޭ ގޮތް ހެދުމަށް އިރުޝާދު ދެއްވި ކަމަށްވެސް އަދީބު ވިދާޅުވެފައިވެއެވެ.

އަދީބު ވިދާޅުވި ގޮތުގައި އާރަށް ކުއްޔަށް ދޫކުރުމުން ބޮޑެތި އަދަދުތަކުން ޔޫސުފް ނައީމް، ޔާމީނަށް ފައިސާ ދެއްވިއެވެ. އެގޮތުން އެއް މިލިއަން ޑޮލަރުވެސް ޔާމީނަށް ދެއްވި ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އާރަށް މައްސަލައިގައި އަދީބާއި އެއްދުވަހެއްގައި ހެކިބަސް ދެއްވަމުން ޒިޔަތު ވިދާޅުވެފައިވަނީ، އާރަށުގެ އިކުއިޒިޝަން ކޯސްޓަކީ ފަސް މިލިއަން ޑޮލަރު ކަމަށް ކަނޑައެޅި ނަމަވެސް އެ އަގު ކުޑަކުރަން އަދީބު އެންގެވި ކަމަށާއި އެކަންވެސް އެންގެވީ ޔާމީން ކަމަށްވެސް ޒިޔަތު ވިދާޅުވެފައިވެއެވެ. އެގޮތުން އެރަށުގެ އަގު ތިން މިލިއަން ޑޮލަރަށް ކުޑަކުރުމަށްފަހު އެގްރީމަންޓް ކުރެވުނު އިރު، އެއަށްވުރެ ވެސް ކުޑަކޮށް ދެ މިލިއަން ޑޮލަރަށް އެރަށް އެގްރީމަންޓް ކޮށްފައިވާ ކަމަށް ޒިޔަތު ވިދާޅުވެފައިވެއެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި، ވ. އާރަށް ދޫކޮށްފައިވަނީ ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ކަމަށާއި އެކަމުގެ އެގްރީމަންޓްގައި ސޮއިކުރެއްވީ 9 ސެޕްޓެމްބަރު 2015 ގައި އެމްއެމްޕީއާރުސީގެ މީޓިން ރޫމުގައި ކަމަށެވެ. އަދި ސޮއިކުރުމުގެ މަޖިލީހުގައި އަދީބާއި ނައީމާއި އިޓަލީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޔޮބާޓޯއާއި އެމްއެމްޕީއާރުސީގެ ހެކިވެރިއެއް ކަމަށްވާ މުހައްމަދު ޝިފާއު އިންނެވި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސުވާލުގެ ބޭރުން އަދީބާއި ޒިޔަތު ޖަވާބުދިން!

އާރަށް މައްސަލައިގައި ކުރިިމިނަލް ކޯޓުގައި މިއަދު އޮތީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމެވެ. އެގޮތުން ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވީ، އަދީބާއި ޒިޔަތުގެ ހެކިބަސް އަދާ ކުރެއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ކުރެއްވި ސުވާލުތަކުގެ ބޭރުންވެސް އެ ދެބޭފުޅުން ޖަވާބު ދެއްވާފައިވާ ކަމަށެވެ. އެގޮތުން 2015 ގެ ފަހުން އަދާކުރެއްވި ވަޒީފާއާ ގުޅޭ ގޮތުން އަދީބާ ސުވާލުކުރުމުން، ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ އިސް ވަކީލު އަދި އޭރު ނައިބު ރައީސް ކަމުން ވަކިކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދަށް އަމާޒުކޮށް އެކި ވާހަކަ ދެއްކެވި ކަން ޔާމީންގެ ވަކީލު މިއަދު ފާހަގަ ކުރެއްވިއެވެ.

"ދައުލަތުން އަދީބާ ކުރި ސުވާލެއް، 2013 އިން 2015 އަދާ ކުރީ ކޮން ވަޒީފާއެއްތޯ. އެހެން އެހީމާ ފުރަތަމަ ވެސް ވާހަކަ ދައްކަމުން ފާހަގަކުރެއްވީ ޑރ. ޖަމީލް ކިޔާ މީހަކަށް އިތުބާރު ނެތް ވާހަކަ. މައްސަލައާ ނުވެސް ގުޅޭ ވާހަކަތަކެއް ދެއްކެވީ. އަޅުގަނޑުމެންގެ ވަކީލުންގެ ބެންޗުގައި ހިމެނޭ އިސް ވަކީލަށް ޒާތީގޮތުން ވާހަކަދެއްކެވީ،" ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަމީމް ވިދާޅުވިއެވެ.

އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ލިބޭ އެހެން ގަރީނާއެއް ނެތްކަންވެސް ދިފާއީ ވަކީލުން ފާހަގަކުރެއްވިއެވެ. އެގޮތުން އާރަށް ފަސް މިލިއަން ޑޮލަރަށް ކުއްޔަށްދޭން މި ދެ މީހުން މަޝްވަރާކުރި ތަން ދުށް ބަޔަކު އަދި އިވުނު ބަޔަކު ނެތް ކަމަށާއި އެ އަގު ކުޑަ ކުރަން ޔާމީން އަދީބު ކައިރީ ދެންނެވިކަން އެނގޭ މީހަކު އަދި ދުށް މީހަކު ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ ދިފާއީ ވަކީލުން ތުހުމަތުކުރެއްވި ގޮތުގައި އަދީބާއި ޒިޔަތުގެ ހެކިބަހަކީ ވަކި ގޮތަކަށް ފަރުމާކޮށްގެން ދީފައިވާ ދޮގު ހެކި ބަހެކެވެ.

ދައުލަތުން ޔާމީނާ ދެކޮޅަށް ހުށަހެޅި 83 ހެއްކަށް ވެސް ރައްދު ދިނުމަށް ޔާމީންގެ ވަކީލުން ގަސްތުކުރައްވައެވެ. ނަމަވެސް އޭގެ ތެރެއިން އަދި ރައްދު ދެވިފައިވަނީ މަދު ހެއްކަކަށެވެ.

އާރަށް މައްސަލައިގައި ޔާމީނަށް ކުރާ ދައުވާ!

އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.