ގަތަރު ވޯލްޑް ކަޕް 2022

ޕްރިވިއު: ގަތަރުން ތާރީހުގެ ފުރަތަމަ ވޯލްޑް ކަޕަށް، އެކުއެޑޯ 2006ގެ ކާމިޔާބު ތަކުރާރުކުރަން!

މުޙައްމަދު ޝަމްޢޫން

ގަތަރު ވޯލްޑް ކަޕް 2022 އަށް ކުރަމުން އައި އިންތިޒާރު ނިމުމަށް މަދު ވަގުތު ކޮޅަކަށް ވެއްޖެއެވެ. ހަތަރު އަހަރުފަހުން އަނެއްކާވެސް ފުޓުބޯޅައިގެ ބޮޑު އީދަކަށް ތައްޔާރުވެއްޖެއެވެ. ހޯސްޓަކީ ގަތަރެވެ. ހޯސްޓް ގައުމުން މިރޭ ނުކުންނާނީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއް ކުޅުމަށެވެ. ތާރީހީ އެ ވަގުތު ކޮޅަށް އެގައުމުގެ ތިން މިލިއަނާ ގާތްކުރާ އަދަދެއްގެ ރައްޔިތުން އިންތިޒާރުކުރަމުން އަންނައިރު، ގަތަރާ ދެކޮޅަށް ނުކުންނާނީ ދެކުނު އެމެރިކާގެ އެކުއެޑޯއެވެ.

އުރުގުއޭގެ އިފްތިތާހީ ވޯލްޑް ކަޕު މުބާރާތަށް އެކުއެޑޯއަށް ދައުވަތު ލިބުނު ނަމަވެސް ހަރަދު ބޮޑުކަމުން ނުދާން ނިންމިއެވެ. އޭރު އެކުއެޑޯގެ ފުޓުބޯޅަ އޮތީ ފައިސާގެ ދަތި ހާލަތެއްގައެވެ. އެގައުމުން ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދިޔައެވެ. އެއީ ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. ތިން ވޯލްޑް ކަޕެއްގައި މިހާތަނަށް ވާދަކުރި އެކުއެޑޯ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައި ކުޅުނެވެ.

ފައިސާގެ އިތުރުން އެހެނިހެން މައްސަލަތަކުގެ ތެރޭގައި ފެށި އެކުއެޑޯގެ ފުޓުބޯޅަ ތަރައްގީވެ، މިހާރު އަންނަނީ ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ ބާރެއްގެ ގޮތުގައި ވަޒަން ކުރެވެމުންނެވެ. އެކުއެޑޯއިން މިފަހަރު ނުކުންނާނީ 2006 ވޯލްޑް ކަޕް ކާމިޔާބީ ކަޑައްތުކޮށް، ގަދަ 16 ފަހަނައަޅައި ދިޔުމުގެ އުއްމީދުގައެވެ.

ގަތަރަށް މިފަހަރު އޮތް އެންމެ ބޮޑު އިތުބާރަކީ އެގައުމުން އޭޝިއަން ކަޕް ހޯދައިފައި އޮތުމެވެ. މީގެ ކުރިން ސަރަހައްދީ އެންމެ ބޮޑު މުބާރާތް އޭޝިއަން ކަޕްގައި ގަތަރުން 10 ފަހަރު ވާދަކޮށްފައިވެއެވެ. ވޯލްޑް ކަޕަށް އެޓީމަށް އޮތް ހިތްވަރަކީ 2019 ވަނަ އަހަރު އޭޝިއަން ކަޕް ކާމިޔާބު ކުރެވިފައި އޮތުމެވެ. ގަތަރުން ވޯލްޑް ކަޕަށް ތައްޔާރުވަނީ ޒުވާން ސްކޮޑެއް އެކަމަށް ތައްޔާރުކޮށްގެންނެވެ. އެ ސްކޮޑުގައި ގައުމުން ބޭރަށް އުފަން ކުޅުންތެރިން ހިމަނާފައިވެއެވެ.

ގަތަރުގައި މިހާރު އޮތް ސްކޮޑަކީ ވޯލްޑް ކަޕަށް ހޯދަން ޖެހޭ ތަޖުރިބާތައްވެސް އެކިއެކި ފުރުސަތުތަކުން ލިބިފައިވާ ސްކޮޑެކެވެ. އެގޮތުން އެގައުމުން ވަނީ އެމެރިކާ ބައްރުގެ ދެ މުބާރާތް ކަމަށްވާ، 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާއާއި މިދިޔަ އަހަރުގެ ގޯލްޑް ކަޕްގައި ދައުވަތުއެރުވިގެން ވާދަކޮށްފައެވެ.

މީގެ ކުރިން ވާދަވެރި މުބާރާތެއްގެ މެޗެއް ނުކުޅޭ

މީގެ ކުރިން ގަތަރާއި އެކުއެޑޯ ވާދަކޮށްފައި ވަނީ އެކުވެރިކަމުގެ ތިން މެޗެއްގައި އެކަންޏެވެ. ދެގައުމުން ފުރަތަމަ ކުޅުނު އެކުވެރިކަމުގެ ދެމެޗަކީވެސް 1996 ވަނަ އަހަރު ކުޅުނު ދެމެޗެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވި އިރު، ދެން ކުޅުނު މެޗު އެކުއެޑޯ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ގަތަރާއި އެކުއެެޑޯ އެންމެފަހުން ކުޅުނީ 2018 ވަނަ އަހަރުއެވެ. އެއަހަރުގެ ކުޅުނު އެކުވެރިކަމުގެ މެޗު ގަތަރުން ކާމިޔާބު ކޮށްފައި އޮތީ 4-3 ގެ ނަތީޖާއަކުންނެވެ.

ކޯޗުންގެ ބަސް

ގަތަރުގެ ކޯޗު ފެލިކްސް ސަންޗޭޒްއަކީ ސްޕެއިނަށް ނިސްބަތްވާ ކޯޗެކެވެ. ބާސެލޯނާގައި ޒުވާން ކުޅުންތެރިން އުފައްދަން ސަންޗޭޒް މަސައްކަތްތަކެއް ކޮށް، ކެރިއަރުގެ ކުރީކޮޅުގައި ގަތަރުގެ އެސްޕަޔާ އެކަޑެމީގެ ކޯޗުކަށް އޭނާ ގޮސްފައިވެއެވެ. އެއީ 2006 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ސަންޗޭޒްއަކީ ގަތަރު ފުޓުބޯޅައިގައި ބުރަ މަސައްކަތްތަކެއް ކުރި ކޯޗެކެވެ. އެގައުމުގެ ފުޓުބޯޅަ ބަދަލުކޮށްލުމުގައި އެސްޕަޔާ އެކަޑެމީގެ ތަފާތު ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާ އިރު، ފުރަތަމަ ވޯލްޑް ކަޕަކީ ސަންޗޭޒްއަށްވެސް ހާއްސަ ވަގުތު ކޮޅެކެވެ.

"އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. އެއީ ކުރިން ވޯލްޑް ކަޕްގައި ކުޅެ، ކޮޕާ އެމެރިކާވެސް ކާމިޔާބުކޮށްފައިވާ ޓީމެއް. އެކުޅުންތެރިންގެ މަގާމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އެކުއެޑޯގައި އެބަތިބި. އޭގެ އިތުރުން ޔޫރަޕްގެ ތަޖުރިބާހުރި ކުޅުންތެރިންވެސް އެބަތިބި. އެހެންވީމަ އެކަމަށް ބަލަން ޖެހޭނެ. އެހެންނަމަވެސް ގަތަރުގެ ތާރީހީ ވޯލްޑް ކަޕަށް ނުކުންނާނީ ޖެހިލުން ނުވެ އިހުތިރާމު ކޮށްގެން،" ސަންޗޭޒް ބުންޏެވެ.

އެކުއެޑޯގެ ކޯޗަކީ އާޖެންޓީނާއަށް އުފަން ގުސްޓާވޯ ޖޫލިއޯ އަލްފާރޯއެވެ. އޭނާ އެކުއެޑޯގެ ކޯޗުކަމުގައި މަސައްކަތް ކުރަމުން އަންނަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗާ ގުޅިގެން އަލްފާރޯ ބުނީ ޓީމުގެ ފަރާތުން ތަފާތު ފެންނަން ބޭނުންވާ ކަމަށެވެ.

"ވޯލްޑް ކަޕަށް ދިޔައީ ހަމައެކަނި ބައިވެރިވެލަންތޯ، ނޫނީ އެކުއެޑޯއަކީ ދެކުނު އެމެރިކާ ފުޓުބޯޅައިގެ ތަފާތު މޮޅު ޓީމެއްކަން ދައްކަންތޯ އަހަރެން ޓީމު ކުރެން އެހިން. ޓީމަށް އޮތީ ފުރަތަމަ މެޗުން ފެށިގެންވެސް ތަފާތު ދެއްކުން. އެކުއެޑޯ އޮތީ ތައްޔާރަށް،" އަލްފާރޯ ބުންޏެވެ.

ގަތަރާއި އެކުއެޑޯ ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ. މެޗު ކުޅޭނެ ސްޓޭޑިއަމަކީ އަލް ހޯރުގެ އަލް ބައިތު ސްޓޭޑިއަމެވެ. ހުޅުވުމުގެ ރަސްމިއްޔާތު އެ ސްޓޭޑިއަމްގައި މިރޭ 7:00ގައި ފަށާނެއެވެ.