ޚަބަރު

އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު، މިހާރު އޮތީ ވޯޑުގައި

ރިފާ ހަލީލު

މ. ނިރުފެހި ގޭގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާދެމުން އަންނަ މީހާ ވެންޓިލޭޓަރުން މިހާރު ނަގާފައިވާ އައިޖީއެމްއެޗުން ބުނެފިއެވެ.

ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެކަކީ ހާދިސާގައި ފިހިގެން އައިޖީއެމްއެޗަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލަށް ގެންދިޔަ އަނެއް މީހާގެ ހާލު ރަނގަޅު ކަމަށާއި މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށެވެ.

"ވެންޓިލޭޓަރުން ނަގައި އައިސީޔޫ އިން ރޭގެ ވަގުތެއްގަ މިވަނީ ވޯޑަށް ޝިފްޓު ކޮށްފަ. ހާލު ރަނގަޅު." އޭނާ ވިދާޅުވިއެވެ.

އަލިފާނުގެ މިހާދިސާގައި ފިހިގެން ފަރުވާދެމުން އަންނަނީ ކޮން ގައުމެއްގެ މީހެއްކަން އައިޖީއެމްއެޗަކުންވެސް އެމްއެންޑީއެފަކުންވެސް ނުބުނެއެވެ. އޭނާގެ ހަށިގަނޑުން ފިހިފައިވަނީ ކިހާ ވަރެއްކަމެއް ނުވަތަ ލިބިފައިވަނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއްވެސް ވިދާޅެއް ނުވެއެވެ.

މި ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެ މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ ގައުމުތަކަށް ފޮނުވާލާފައެވެ.