އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ބަޖެޓް ކޮމިޓީން ފާސްކޮށްފައިވާ ބަޖެޓަށް އިސްލާހު ހުށަހެޅުމަށް މަޖިލިސް މެންބަރުންނަށް ތިންދުވަހުގެ މުއްދަތެއް ދީ އެކަމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 އަށް ކަމަށެވެ. އެހެންކަމުން ބަޖެޓަށް ގެންނަން ބޭނުންވާ އިސްލާހެއް އޮތްނަމަ އެ މުއްދަތުގެ ތެރޭގައި ފޮނުވުމަށް މަޖިލިސް އިދާރާއިން ވަނީ މެންބަރުންނަށް އަންގައިފައެވެ.

އަންނަ އަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެއް ބަޖެޓް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީން މި ގެނައި ބަދަލާއެކު ބަޖެޓް ކޮމިޓީގެ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓަށް ވާހަކަ ދެއްކުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓްގެ ފުރުސަތެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު، ބަޖެޓަށް ހުށަހަޅާ އިސްލާހުތަކަށާއި، ބަޖެޓް ފާސް ކުރުމަށް ވޯޓަށް އަހަން ހަމަޖެހިފައި ވަނި މިމަހުގެ 30 ވަނަ ދުވަހުއެވެ.