މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީއަށް ހަމަލާދިނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޝިމާޒަށް ހަމަލާދީފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާއަށް ބަޔަކު ހަމަލާދިނީ މަގުމަތިން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝިމާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އޭނާއަށް ދިން ނުރައްކާތެރި ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ.
ޝިމާޒު ވިދާޅުވީ މި ހަމަލާ ދިނުމުގެ ކުރިން އެކިގޮތްގޮތުން އެތައް އިންޒާރެއް ދިން ކަމަށެވެ.
މި މައްސަލަ ފުލުހުން ވީހާވެސް އަވަހަކަށް ބަލައި މިކަން ކުރި ފަރާތްތަކާއި އަދި މި ހަމަލާ ދިނުމުގެ އަޑީގައި ތިބި ފަރާތްތައް ހޯދައި ވީހާވެސް އަވަހަކަށް އިންސާފު ގާއިމުކޮށްދިނުމަށް ޝިމާޒު ވަނީ އެދިވަޑައިގެންފައެވެ.
ޝިމާޒުގެ ފަރާތުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮރަޕްޝަންގެ މައްސަލަތަކެއްގައި ޝިމާޒު ހިމެނޭ ކަމަށް ތުހުމަތުކުރެވިގެން އޭނާގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުވާ މައްސަލަތަކެއްވެސް ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޝިމާޒަށް ތުހުމަތު ކުރެވޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށްވެސް ހުށަހަޅައިފައެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޝިމާޒަށް ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު