ގަތަރު ވޯލްޑް ކަޕް 2022

ޖޫރިމަނާކުރިއަސް ޔޫރަޕުގެ 8 ޓީމެއްގެ ކެޕްޓަނުން ވިއްސާރަދުނީގެ ބޭންޑު އަޅާނެ

ފީފާގެ އުސޫލުތަކާއި އަދި ވޯލްޑްކަޕް ބާއްވާ ގައުމުކަމަށްވާ ގަތަރުގެ ގާނޫނުތަކާއި އާދަކާދަތައް މުގުރާލައި ޔޫރަޕުގެ 8 ޓީމެއްގެ ކެޕްޓަނުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް ވިއްސާރަދުނީގެ ބޭންޑު އަޅަން ނިންމައިފިއެވެ.

މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭ 32 ޓީމުގެ ތެރެއިން 13 ޓީމު ނިސްބަތްވަނީ ޔޫރަޕަށެވެ. މި 13 ޓީމުގެ ތެރެެއިން އެއްޖިންސުން ގުޅުން ހިންގުމަށް ތަރުހީބުދިނުމުގެ ބޭންޑު އަޅަން ނިންމި 8 ޓީމުގެ ތެރޭގައި ހިމެނެނީ އިންގްލެންޑާއި، ޖަރުމަނާއި، ފްރާންސާއި، ބެލްޖިއަމާއި، ޑެންމާކާއި، ހޮލެންޑާއި، ސުވިޒަރލެންޑާއި ވޭލްސްއެވެ.

ފީފާއިން މިޓީމުތައް ޖުރިމަނާކުރިއަސް ފަރުވާލެއްނެތް ކަމަށް ނިންމައި މިކަމަށް އިސްވެގަތް ކުޅުންތެރިޔަކީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭންއެވެ. މީނާގެ މަސައްކަތަށް ފާޅުގައި ނޫނެކޭ ބުނެ މި ބޭންޑް ނާޅަން ނިންމި ޓީމުތަކަކަކީ ސްޕޭނާއި، ޕޯޗުގަލްއާއި، ޕޮލެންޑާއި، ކްރޮއޭޝިޔާ އާއި ސާރބިޔާ އެވެ.

ވިއްސާރަދުނީގެ ކުލަތަކަކީ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރަން ވަކާލާތުކުރާ މީހުންގެ ހަރަކާތްތައް ރަމްޒުކޮށްދޭ ކުލަތަކެވެ. މިކުލަތައް ހިމެނޭ ބޭންޑު ހުއްދަކުރުމަށް ފީފާއަކުން ނުނިންމައެވެ. ފީފާގެ އުސޫލަކީ ހުއްދަނޫން ކަމެއް ކޮށްފިނަމަ ޖޫރިމަނާކުރުމެވެ. ބަދުއަޚުލާގީ އަމަލުތަކަށް ތަރުހީބުދިނުމުގެ ބޭންޑު އަޅަން ނިންމި ކެޕްޓަނުން ބުނަނީ ކިތަންމެ ގިނައިން ޖުރިމާނާކުރިއަސް ފަރުވާލެއް ނެތްކަމުގައެވެ. އެކަމަކު ޖުރިމާނާނުކޮށް ފަރުޖެއްސޭނޭ ހައްލެއް ހޯދައިދިނުމަށް އެދިފައިވެއެވެ.