ބަޑިބޭހާއެކު މުޅި ސަރަހައްދު ދިއްލާލާނެ ވަރުގެ ހުޅުވުމުގެ ރަސްމިއްޔާތަކަށް ގަތަރު ވޯލްޑް ކަޕް 2022 އޮތީ ތައްޔާރުވެފައެވެ. ރާއްޖޭ ގަޑިން މިރޭ 7:00 އިން ފެށިގެން ހުޅުވުމުގެ ރަސްމިއްޔާތު އަލް ބައިތު ސްޓޭޑިއަމްގައި ކުރިއަށްދާނެއެވެ. އެ ސްޓޭޑިއަމަކީ ގަތަރުގެ ތާރީހީ ބަދަވީންގެ ފޭލިގެތަކުގެ ރަމްޒެއްވެސް މެއެވެ. ސްޓޭޑިއަމުން މިރޭ ފެނިގެންދާނީ ވޯލްޑް ކަޕް ތާރީހުގައި އެންމެ ކުޅަދާނަ ހުޅުވުމުގެ ރަސްމިއްޔާތު ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގެ ތީމަކީ ދުނިޔެ އެކުވުމެވެ. ހާއްސަކޮށް ތަފާތުކުރުންތަކަށް ނޫނެކޭ ބުނާ ބުނުމެވެ. އޭގެ އިތުރުން ހުޅުވުމުގެ ރަސްމިއްޔާތުން ގަތަރު ދައްކުވައިދޭން ބޭނުންވަނީ އިހުތިރާމާއި އެންމެންގެ ބައިވެރިކުރުވުމެވެ. ފޭލިގެއެއް ރަމްޒުކޮށްދޭ ސްޓޭޑިއަމްގައި ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ އެއްސަބަބަކީ ދޭން ބޭނުންވާ މެސެޖު ފުރިހަމައަށް ދިނުމެވެ. އެގޮތުން އެ ފޭލިގެއަކީ ދުނިޔޭގެ ރަމްޒެއް ކަމަށް ބަލައި، އެންމެން ފުޓުބޯޅައަށް އެކުވާ މަންޒަރު ގަތަރުން ދައްކުވައިދޭން ބޭނުންވެއެވެ.

ހަތް ސީކުއެންސެއް ފެނިގެންދާ ހުޅުވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ވަރުގަދަ ތަރިންގެ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ. އޭގެ އިތުރުން ވޯލްޑް ކަޕްގައި ވާދަކުރާ 32 ގައުމުގެ ސަގާފަތާއި ތާރީހަށް ހާއްސަ ޓްރިބިއުޓެއް ދޭން އިންތިޒާމުކުރާ ފަރާތުން ވިސްނާފައިވާ އިރު، އެތައް ހާސް ބަޔަކު ހުޅުވުމުގެ އިވެންޓްތަކުގައި ބައިވެރިވާނެއެވެ. އެ ހުށަހެޅުންތެރީންނާއެކު ފީފާ ވޯލްޑް ކަޕް އެމްބެސެޑަރު ގާނިމް އަލް މުފްތާހާއި ގަތަރު ލަވަކިޔުންތެރިޔާ ޑާނާ، މުޅި ދުނިޔެއަށް ހާއްސަ މެސެޖެއް ދޭނެއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮރެއާގެ މަޝްހޫރު ޕޮޕް އާޓިސްޓް، ބީޓީއެސްގެ ޖަން ކޫކް އަދި ގަތަރު ލަވަކިޔުންތެރިޔާ ފަހަދު އަލް ކުބައިސީ، ފީފާގެ ވޯލްޑް ކަޕް ލަވަތަކުގައި ހިމެނޭ "ޑްރީމާސް" ހުށަހަޅާ ދޭނެއެވެ.