ގުދުރަތީ ގޭހުގެ ވިޔަފާރިއަށް ބަރޯސާވެފައިވާ މުއްސަނދި އިގުތިސާދެއްގެ ވެރި ގަތަރަށް ވޯލްޑް ކަޕް ބާއްވަން ލިބުނު ހިސާބުންވެސް ހަރަދު ބޮޑުވާނެކަން އެނގުނެވެ. ގަލްފުގެ މުއްސަނދިކަމުގެ ތެރެއިން މި ފަހަރުގެ ވޯލްޑް ކަޕަކީ އެންމެ ބޮޑު ހަރަދެއް ހިނގި ވޯލްޑް ކަޕެވެ. ގަތަރުން ދުރާލައި ވޯލްޑް ކަޕަށް ތައްޔާރުވީ އިމާރާތްކުރުމުގެ ބޮޑު ބިޔަ މަޝްރޫއަކާވެސް އެކުގައެވެ. ޖުމުލަ ގާތްގަނޑަކަށް 220 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހަރަދެއް ގަތަރުން ވޯލްޑް ކަޕަށް ކޮށްފިއެވެ.

އަންދާޒާތަކަށް ނަޒަރު ހިންގާލާ އިރު، އާ އަށް ސްޓޭޑިއަމަށް އެކަނިވެސް ގަތަރުން ހަތް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްފިއެވެ. ޑްރައިވަރެއް ނެތި އޮޕަރޭޓް ކުރާ މެޓްރޯ ސިސްޓަމަކުން ވޯލްޑް ކަޕަށް ދާ ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ގެނެސްދިނުމަށް ގާތް ގަނޑަކަށް 36 ބިލިއަން ޑޮލަރު ގަތަރުން ހަރަދުކުރިއެވެ. ފުރިހަމަ ވޯލްޑް ކަޕަކަށް އެއާޕޯޓުތަކަށް ދާންދެން އާ ކޮށްފިއެވެ. މަގުތައް އަލުން ހަދައި، މުސްތަގުބަލަށް އާ ސިޓީއެއްވެސް ގަތަރުން ބިނާކޮށްފިއެވެ.

އަޅައިކިޔައިލަމާ ހިނގާށެވެ. 1994 ވަނަ އަހަރު އެމެރިކާގައި ހޯސްޓް ކުރި ވޯލްޑް ކަޕަށް ހަރަދުވީ 0.5 ބިލިއަން ޑޮލަރެވެ. އޭގެފަހުން ފްރާންސް 1998 ގެ ވޯލްޑް ކަޕަށް 2.3 ބިލިއަން ޑޮލަރު ހަރަދުވި އިރު، ކޮރެއާ ޖަޕާން ވޯލްޑް ކަޕަށް ހަތް ބިލިއަން ޑޮލަރު ހަރަދުކުރިއެވެ. އެއީ ގަތަރުގެ އިތުރުން ދެން އޭޝިއާގައި ބޭއްވި ވޯލްޑް ކަޕެވެ. ޖަރުމަނު 2006 އަކަށް 4.3 ބިލިއަން ޑޮލަރު ހަރަދުކުރި އިރު، ދެކުނު އެފްރިކާގެ ވޯލްޑް ކަޕަށް ހިނގީ 3.6 ބިލިއަން ޑޮލަރެވެ. އެއަށްފަހު ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް 15 ބިލިއަން ޕައުންޑް ހަރަދު ކުރި އިރު، ރަޝިއާގެ ވޯލްޑް ކަޕަށް ކުރި ހަރަދުގެ ޖުމުލައަކީ 11.6 ބިލިއަން ޕައުންޑެވެ. އެ ހުރިހާ ހަރަދެއް އެއްކުރުމުންވެސް ގަތަރުގެ ބޮޑު ހަރަދާ ނުބައްދަލެވެ.

ގަތަރުގެ ވޯލްޑް ކަޕުގެ ހަރަދު އިންތިހާއަށް ބޮޑު ނަމަވެސް އެ ގައުމުން ނަމޫނާ ދައްކަނީ ދެމެހެއްޓެނިވި ވިސްނުމެއް ގެނެސްގެންނެވެ. ކުރިން ވޯލްޑް ކަޕުތަކަށްފަހު އެކިއެކި ގައުމުތަކުގެ ސްޓޭޑިއަމްތަކާއި ފޭން ޒޯނުތައް ވީރާނާވާ އަޑު އިވުނު ނަމަވެސް، ގަތަރުން އެގޮތަށް ވިޔަ ނުދޭނެކަމުގެ ޔަގީންކަން އެ ގައުމުން ދެއެވެ.

ހުރިހާ ސްޓޭޑިއަމްތަކެއް ފަހުން ބޭނުންކުރާނެ ރަނގަޅު ޕްލޭނެއް މިހާރުވެސް އިއުލާން ކޮށްފައިވާ އިރު، ގަތަރުން ބިނާކުރި އާ ސިޓީ، ލުސައިލް ސިޓީއަކީ ދެ ލައްކައަށްވުރެ ގިނަ މީހުންގެ ދިރިއުޅުމަށް ފައްކާ ކޮށްފައިވާ މުސްތަގުބަލުގެ ސިޓީއެކެވެ. ގަތަރުން ވޯލްޑް ކަޕަށް ހެދި ކޮންމެ ބިންގަލަކީ އެ ގައުމުގެ 2030 ވަނަ އަހަރުގެ ދުރުރާސްތާ ޕްލޭނުގެ ތެރެއަށް ފެތިގެންދާނެ ބިންގަލެކެވެ. އެ ގައުމުން ވޯލްޑް ކަޕަށް ކުރި ކޮންމެ ހަރަދަކީ ގައުމީ ތަރައްގީއަށް ހެދިފައިވާ ދުރުވިސްނޭ ޕްލޭނެއްގެ ފެށުމެކެވެ. އެހެންކަމުން ވޯލްޑް ކަޕަށް ކުރި ހަރަދު އެއީ ގެއްލުމެއް ނޫން ކަމަށް އެ ގައުމުން ބުނެއެވެ. ތިމާވެއްޓާ ރައްޓެހި ވިސްނުންތަކުގައި ގަތަރުން ކުރި ހިތްގައިމު ކޮންމެ ބިނާއަކީ ފަހުން ބޭނުންކުރެވޭނެ އިންތިޒާމުތައް މާ ކުރިޔާލައި ނިމިފައިވާ ބިނާތަކެކެވެ.

ގަތަރު ވޯލްޑް ކަޕަށް އޮންލައިން ޓިކެޓިންނަށް ފީފާއިން ފުރުސަތު ހުޅުވާލައި ފުރަތަމަ ފޭސްގައި ޓިކެޓް ވިއްކީ މި އަހަރު ޖެނުއަރީ މަހުގައެވެ. ފީފާގެ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ފުރުސަތު ހުޅުވާލީ ހަތަރު ކެޓަގަރީއެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޓިކެޓުތަކަށެވެ. އޭގެ ތެރެއިން ހަތަރުވަނަ ކެޓަގަރީ ހާއްސަކުރީ ހޯސްޓް ގައުމު، ގަތަރުގެ ރައްޔިތުންނަށެވެ. ގަތަރީ ރިޔާލުން އަގުކޮށް ޓިކެޓުގެ އަގުތައް ފީފާއިން ދޫކޮށްލުމާއެކު ޕޯޓަލްއަށް ބާރުބޮޑުވީ އެތައް ލައްކަ ބަޔަކު ޓިކެޓެއް ކުރި ރިކުއިސްޓް ތަކުންނެވެ.

ހަބަރުތައް އޭރު ބުނެފައިވާ ގޮތުން ފީފާއަށް 23 މިލިއަން ޓިކެޓް ރިކުއެސްޓް ލިބުނެވެ. އޭގެ ތެރެއިން މިހާތަނަށް އައި އިރު، ތިން މިލިއަނެއްހާ ޓިކެޓު ވިއްކައިފިއެވެ. ބާކީ ނުވިއްކާ އޮތް ހަތް ޕަސެންޓެއްހާ ޓިކެޓަށް ފަހުވަގުތު ފުރުސަތު ދިނެވެ. އެއީ ސްޕޮންސަރުންނާއި ސްޓޭކް ހޯލްޑަރުންނަށް ދީފައިވާ ޓިކެޓުތަކުން ދޫކޮށްލާނެ ޓިކެޓުތަކުގެ ފުރުސަތެކެވެ. އެ ފުރުސަތުގައި ބާކީވާ ޓިކެޓު އެންމެ ފަސޭހައިން ލިބޭނެ ކަމަށް ބެލެވެނީ ގަތަރުގެ ޓިކެޓް ސެންޓަރުތަކުންނެވެ. މުބާރާތް ނިމެންދެން އެ ޓިކެޓުތައް ވިއްކާނެއެވެ.

ގަތަރު ނެގުމަށްފަހު، ޓިކެޓު ގަތުގައި އެންމެ ކުރީގައި އުޅެނީ ސައުދީ އަރަބިއްޔާއާއި އެމެރިކާ ރައްޔިތުންގެ އިތުރުން އިނގިރޭސީންނެވެ.

  • ލަގްޒަރީ ޕެކޭޖުތައް ފެށޭ އަގަކީ 950 ޑޮލަރުން، އެންމެ މަތީ ފަންތީގެ ޕެކޭޖުތައް 34،300 ޑޮލަރަށްވެސް އަރާ
  • މެޗު ކްލަބު، ޕަވެލިއަން، ގެލެރީ ސީޓްގެ އިތުރުން ޕާލް ލޯންޖުގެ ޕެކޭޖުތައް ފީފާއިން ތައާރަފުކުރި
  • އިހުތިޔާރު ކުރާ މެޗުތަކެއް ނެގޭނެ، ވަކި ޓީމެއްގެ މެޗުތައް ވަކިން ނެގޭނެ ޕެކޭޖުތައްވެސް ހިމެނޭ
  • ހޮޓެލް ރޫމާއެކު، އެތައް ރެކްރިއޭޝަނަލް އެކްޓިވިޓީތަކަކަށް ފުރުސަތު ލިބޭ، ޕްރައިވެޓް ސޫޓްތަކުގައި މެޗު ބެލޭނެ ޕެކޭޖުތައް އަގުބޮޑު
  • އެންމެ މަގުބޫލުވީ އެމޭޒިން ސީރީސް ޕެކޭޖު، 19 މެޗު ޕްރައިވެޓް ސޫޓްތަކުން ބެލޭނެ ޕެކޭޖުގައި ހިމެނެނީ އަލް ބައިތު އަދި ލުސައިލް ސްޓޭޑިއަމްގެ މެޗުތައް
  • ސިންގަލް މެޗު ޕެކޭޖުގައި ބޭނުން މެޗެއް ނެނގޭނެ. 1000 ޑޮލަރުން އަތުވާނެ އެ ޕެކޭޖުގައި ސްޓޭޑިއަމްގެ ގިނަ ހިދުމަތްތައް ހިމެނޭ
  • ދޯހާގެ އެންމެ މަގުބޫލު ހޮޓެލްތަކުގެ ބުކިންއާއެކު ހިމެނޭ މެޗު ޕެކޭޖުތައްވެސް ފީފާއިން ވަނީ ހޮސްޕިޓާލިޓީ ޕެކޭޖުތަކުގައި ހިމަނާފައި