މިފަހަރު ގަތަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ތާރީހުގައި އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ވާނެ ކަމަށާއި، އެކިއެކި ކަންކަމުގައި ހުޅަނގުން ކިޔާ ފާޑުކިޔުމަކީ މުނާފިގުވެގެން ކިޔާ ފާޑުކިޔުންތަކެއް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
އިންފަންޓީނޯ ހުޅަނގުގެ ގައުމުތަކަށް އާމާޒުކޮށް ވަރުގަދަ ރައްދުތަކެއް މިއަދު ދީފައިވަނީ ވޯލްޑް ކަޕްގެ އެންމެފަހުގެ ތައްޔާރީތަކާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ. އެ ޕްރެސް ކޮންފަރެންސްގައި އިންފަންޓީނޯ ވަނީ އެއް ގަޑިއިރަށްވުރެ ގިނައިރު ވާހަކަ ދައްކަވައިފައެވެ. ޖަޒުބާތީ ވާހަކަތައް ފީފާގެ ރައީސް އިންފަންޓީނޯ ދައްކަވާފައިވާ އިރު، އޭނާ ވިދާޅުވީ 12 އަހަރު ކުރީގެ ނިންމުމަކަށް ކިޔާ ފާޑު މިހާރު ބަލައެއް ނުގަނެވޭނެ ކަމަށެވެ.
"ގަތަރަށް ކިޔާ ފާޑުކިޔުންތަކަކީ ބަލައިގަނެވޭނެ ފާޑުކިޔުންތަކެއް ނޫން. 12 އަހަރު ކުރިން ނިންމާފައި އޮތް ނިންމުމަކަށް މިއަދު ކިޔާ ފާޑު ބަލައެއް ނުގަނެވޭ. ގަތަރު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ގަތަރުގެ ވޯލްޑް ކަޕަކީ އެންމެ ފުރިހަމަ ވޯލްޑް ކަޕަށްވާނެ،" އިންފަންޓީނޯ ވިދާޅުވިއެވެ.
ގަތަރު ވޯލްޑް ކަޕަށް އެންމެ ބޮޑަށް އަމާޒުވާ ފާޑު ކިޔުންތަކަކީ ވޯލްޑް ކަޕަށް ވި ތައްޔާރީތަކުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން މަރުވި ކަމަށް ބުނެ ކުރިމަތިވި ކުރުވާ ފާޑުކިޔުންތަކުގެ އިތުރުން، އެގައުމުގައި ބަނގުރާ ގަނެ، އެ ބޭނުންކުރުން މަނާކޮށްފައި އޮންނަ އޮތުމަށް ކުރިމަތިކުރުވާ ފާޑު ކިޔުންތަކުގެ އިތުރުން، ވޯލްޑް ކަޕްގެ ތެރެއިން އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރެވޭތީ އޮތް އޮތުމަށް ކިޔާ ފާޑުކިޔުމެވެ.
ވޯލްޑް ކަޕްގެ ތެރެއިން އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް އިނގިރޭސި ޓީމާއި ޔޫރަޕްގެ ބައެއް އެހެން ޓީމުތަކުންވެސް މަސައްކަތް ކޮށްފައިވާ އިރު، އިންފަންޓީނޯ ޓީމުތަކަށް އެންގެވީ ފުޓުބޯޅަ ސިޔާސީ ނުކޮށް، މުބާރާތުގެ މެޗުތަކަށް ފޯކަސް ބެހެއްޓުމަށެވެ. އަދި ވަކިން ހާއްސަކޮށް ގަތަރުގެ ސަގާފަތަށް އިހުތިރާމް ކުރަން ދަސްކުރުމަށްވެސް ފީފާއިން ޓީމުތަކަށާއި، ސަޕޯޓަރުންނަށް އެދިފައިވެއެވެ.
"މިއަދު އަހަންނަށް އިހުސާސްވޭ، ގަތަރު، އަރަބި، އެފްރިކާގެ މީހެއްގެ އިހުސާސް. އަހަންނަށް އިހުސާސްކުރެވޭ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ އިހުސާސް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިހުސާސް. އަހަންނަށް އިހުސާސްކުރެވޭ ބިދޭސީ މަސައްކަތްތެރިންގެ ޖަޒުބާތުވެސް. އަހަންނަކީ ޔޫރަޕްގެ މީހެއް. މުޅި ދުނިޔޭގައި އަހަރެމެން 3،000 އަހަރު ވަންދެން ކުރި ކަންކަމަށް ކުރިއަށް އޮތް 3،000 އަހަރު މައާފަށް އެދެން ޖެހޭ. އެހެން ބަޔަކަށް ފާޑު ކިޔެން އޮތީ އެ ވާހަކަތައް ދެއްކުމަށްފަހު،" އިންފަންޓީނޯ ޖަޒުބާތާއެކު ވިދާޅުވިއެވެ.
އިންފަންޓީނޯ ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގައި މަސައްކަތް ކުރުމަށް މަސައްކަތްތެރީންނަށް ފުރުސަތު ނޯންނަ ކަމަށާއި، ގަތަރު ކަހަލަ ގައުމުތަކުގައި މަސައްކަތް ކުރާ މީހުން އެ މަސައްކަތް ކުރަނީ އާއިލާތަކަށް ބަނޑުފުރާނަ މުއްތިކޮށްދިނުމަށް ކަމަށެވެ. އެ މަސައްކަތްތެރީންނަށް ގަތަރުން ހުޅުވާލާފައިވަނީ ފުރުސަތު ކަމަށް އިންފަންޓީނޯ ގަތަރުގެ ދިފާއުގައި ވިދާޅުވިއެވެ.
ގަތަރުން މަސައްކަތްތެރިންގެ ސިއްހީ އަދި އެހެނިހެން ޒަރޫރީ ކަންކަމުގައި އަމަލު ކޮށްފައިވާ ގޮތަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެގޮތުން މަސައްކަތުގެ ތެރޭގައި އެކިއެކި ހާދިސާތައް ދިމާވެ މަރުވި މީހުންގެ އަދަދު ގަތަރުން ސިއްރު ކުރި ކަމަށްވެސް ވަނީ ތުހުމަތުތައް އަމާޒުވެފައެވެ.
ގަތަރުން ބުނެފައިވަނީ ވޯލްޑް ކަޕްގެ މަސައްކަތުގައި 2014 އިން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް މަރުވެފައިވަނީ ޖުމުލަ 37 މީހުން ކަމަށެވެ. އޭގެ ތެރެއިން މަސައްކަތާ ގުޅުން ހުރި ގޮތެއްގައި މަރުވެފައިވަނީ ތިން މީހަކު ކަމަށެވެ. އެހެން ނަމަވެސް ގާޑިއަންއިން 2021 ވަނަ އަހަރު ފެބްރުއަރީ މަހު ރިޕޯޓު ކޮށްފައިވަނީ ގަަތަރުގެ ވޯލްޑް ކަޕް މަސައްކަތްތަކުގައި 6،500 މީހުންނަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
މިއަދުގެ ޕްރެސްގައި އިންފަންޓީނޯ ފާހަގަކުރެއްވީ ގަތަރަށް އަމާޒުކޮށް ހުޅަނގުން ކިޔާ ފާޑު ކިޔުމަކީ އެއް ކޮޅަކަށް ބުރަވެ، މުނާފިގުވެގެން ކިޔަމުންދާ ފާޑުކިޔުންތަކެއް ކަމަށެވެ.