ޚަބަރު

މަޝްރޫއުތައް ނިމުނުން އިގުތިސޯދު ހަތަރު ގުނަ ފުޅާވެގެންދާނެ: އަމީރު

މުހައްމަދު އިޝާން

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ނިމުމުން އިގުތިސޯދު ހަތަރު ގުނައަށް ފުޅާވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ޕްރޮގުރާމެއްގައި ރޭ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިގުތިސޯދަށް އެތައް ގޮތަކުން ބޮޑެތި ގޮންޖެހުންތައް ދިމާވަމުންދިޔަ ކަމަށެވެ. އެކަންކަމާ ގުޅިގެން ދަރަނި ނަގަން ޖެހުނު ކަމަށާއި އެ ދަރަންޏާއެކުވެސް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދަރަންޏަށް އިތުރުވީ 39 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދަރަނި ނަގައިގެން ކުރިއަށް ގެންދަނީ އިގުތިސޯދީ ގޮތުން މަންފާ ލިބޭނެ ބޮޑެތި މަޝްރޫއުތައް ކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން އިގުތިސޯދަށް ކުރިއެރުން ލިބޭނެ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ތިލަމާލެ ބުރިޖު، ގުޅިފަޅުގައި ތަރައްގީކުރާ ޕޯޓުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން މިހާރަށްވުރެ އެތައް ގުނައެއް އިގުތިސޯދު ކުރި އަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގެ އިގުތިސާދުގެ ސައިޒަކީ 6 ބިލިއަން ޑޮލަރުކަމުގައިވާ ނަމަ، މި މަޝްރޫއުތައް ނިމުމުން ތިން ގުނަ ހަތަރު ގުނައަށް ފުޅާވުމުގެ ފުރުސަތު އޮތް އިގުތިސާދަކަށް ވެގެންދާނެ،" އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބައެއް ފަރާތްތަކަށް ރާއްޖެއަށް އަންނަ ތަރައްގީގެ މަޝްރޫއުތައް ނުފެނުނު ނަމަވެސް 2022 ވަނަ އަހަރާ ހަމައަށް އަންނައިރު ރަށްތަކުގައި ފެނާއި ނަރުދަމާ ނެތުމަކީ ގައުމެއްގެ ގޮތުގައި ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދަށް މުހިންމު އިންޑަސްޓްރީއެއް ކަމަށްވާ ކޮންސްޓްރަކްޝަން ދާއިރާވެސް ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތަކުގެ ސަބަބުން ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރުން ވަށައިޖެހޭ ޓެކްސް ނިޒާމެއް އެކުލަވާލައި، އިންކަމް ޓެކްސްއާއި ޖީއެސްޓީ އަދި ޓީޖީއެސްޓީ ނަގަންޖެހޭ ގޮތް އިސްލާހުކޮށްފައިވާ ކަމަށެވެ. އަދި ޓެކްސް ބޮޑުކުރުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުކަން ހާމަކޮށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށާއި ޓެކްސް ބޮޑުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އެ ފަރާތްތަކުންވެސް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.