އުރީދޫ މޯލްޑިވްސް އިން ވޯލްޑް ކަޕަށް ހާއްސަކޮށް ދިވެހި ލަވަ އެއް ރޭ ނެރެފިއެވެ.
މި ލަވައަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް ސައުންޑް ޓްރެކެއް ކަމުގައިވާ "އަރްބޯ" ލަވައިގެ މިއުޒިކަށް ތައްޔާރުކޮށްފައިވާ ދިވެހި ލަވައެކެވެ. މި ލަވައިގައި ދިވެހި ޒުވާން ފަންނާނުންތަކެއް ފެނިގެންދާ އިރު، ދިވެހިންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ފޯރި މިލަވައިން ދައްކުވައިދެއެވެ.
މިލަވަ ކިޔާފައިވަނީ ހަބޭސް ބޮޑުބެރު ގްރޫޕާއި މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުން ތައާރަފްވި އައިޝަތު ޖައިޝާ ވަހީދުއެވެ. ލަވަ ކޮރިއޮގްރާފް ކޮށްފައިވަނީ "ވަންޝޮޓް" ޓީމާ ގުޅިގެން ކަމަށް އުރީދޫން މިއަދު "ވަން" އަށް ބުންޏެވެ.
އުރީދޫ ފުޓްބޯޅަ ފޯރި އޮފިޝަލް ލަވަ ރޭގައި އުރީދޫ މޯލްޑިވްސް އިން ލޯންޗުކޮށްފައިވާ އިރު، އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަޖާ އަދި ކުލަގަދަ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގުސަދުގައި ވޯލްޑް ކަޕަށް ތަފާތު އޮފާތަކާއި ޕްރޮމޯޝަންތަކެއްވެސް ތައާރަފުކޮށްފައެވެ.
އެގޮތުން އުރީދޫން އަންނަނީ އެ ކުންފުނީގެ ވޯލްޑް ކަޕް ޕްރޮމޯޝަނެއްގެ ދަށުން ކޮންމެ ހަފުތާއަކު ސެމްސަންގް ގެލްކްސީ ބަޑްސް، އެއާޕޮޑްސް، އެއާޓެގް ފަދަ އިނާމުތައް ދެމުންނެވެ. މީގެ އިތުރުން ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗު ބެލުމުގެ ފުރުސަތު ހަތަރު މީހަކަށް ދީފައެވެ.
އުރީދޫއިން އިއްޔެ ވަނީ ވޯލްޑްކަޕް މެޗުތަކުގެ ސްކޯ ދިމާކޮށްގެން އަގުހުރި އިނާމުތައް ލިބޭ އުރީދޫ ފުޓްބޯލް ފޯރި ލީގުވެސް ތައާރަފްކޮށްފައެވެ. އެގޮތުން ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ހާއްސަ އިނާމް ތަކެއް ހޯދުމުގެ ފުރުސަތު ވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވިގެން ދާނެއެވެ. ލީގު ނިމުމުން އެންމެ މަތިން ޕޮއިންޓް ހޯދާ ހަތް ފަރަތާކަށް ސީ ގިއާ އަދި ކްރޮސްރޯޑް އިން ވަރަށް އަގުހުރި އިނާމުތަކެއް ދޭން ވަނީ ހަމަޖެހިފައެވެ.
ވޯލްޑް ކަޕްގެ ފޯރިއާ ގުޅުވައިގެން ރާއްޖޭގެ ހަތަރު ސިޓީ ހިމެނޭހެން އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް އެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ އިރު، މުބާރާތުގައި ވާދަކޮށްގެން އެއް ވަނައަށް ހޮވޭ ފަރާތަށް ވެސް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޑިސެމްބަރު ތިން ވަނަ ދުވަހު ފެށުމަށް ހަމަ ޖެހިފައިވާ އެ ޓޯނަމެންޓް ކުރިއަށްދާނީ މާލެ ސިޓީގައި ހުންނަ ވީއާރް ކެފޭ އާއި ކުޅުދުފުށި ސިޓީގައި ހުންނަ ބައި ކަޅު ކެފޭ އާއި ފުވައްމުލަކު ސިޓީގެ ފުވައްމުލަކު ސްޓޭޑިއަމްއަދި އައްޑޫ ސިޓީގައި ހުންނަ އުރީދޫ ފިހާރައިގައެވެ.
މީގެ އިތުރުންވެސް މީޑިއާނެޓާއި ކައުންސިލްތަކާއި އެހެނިހެން ޕާޓްނަރުންނާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އުރީދޫގެ ފޭން ޒޯންތަކެއް ތައްޔާރު ކޮށްފައިވާ އިރު، ކަސްޓަމަރުންނަށް އެ ފޭން ޒޯންތަކުން މެޗްތައް ފޯރީގައި ބަލައޮލުމުގެ ފުރުސަތު ފަހި ވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.