ފީފާގެ ރައީސް ކަމުގެ މަގާމުގައި މިވަގުތު ދެވަނަ ދައުރެއް ފުރިހަމަކުރަމުން އަންނަ، ޖިއާނީ އިންފަންޓީނޯއާ ވާދަކުރާނެ އިތުރު ކެނޑިޑޭޓަކު ނެތް ކަމަށް ފީފާއިން ބުނެފިއެވެ.

ފީފާ ރައީސްކަމުގެ އިންތިހާބާ ގުޅިގެން އެއިދާރާއިން ނެރުނު ބަޔާނުގައި ބުނީ މިއަހަރު މާޗު މަހުގެ 30 ވަނަ ދުވަހު، ފީފާ ކައުންސިލުން ރައީސް ކަމުގެ އިންތިހާބަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ހުޅުވާލުމަށް ލިބިފައިވަނީ އެންމެ ނަމެއް ކަމަށާއި، އެއީ މިހާރުގެވެސް ރައީސް އިންފަންޓީނޯގެ ނަން ކަމަށެވެ.

އިންފަންޓީ ރައީސްކަމަށް ގެންނަން ފެނޭތޯ ރަސްމީކޮށް އަހާ ކޮންގްރެސްގެ 73 ވަނަ ބައްދަލުވުން ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ މާޗު 16 ވަނަ ދުވަހަށެވެ. އެ ބައްދަލުވުން އޮންނާނީ ރުވާންޑާގެ ކިގަލީގައެވެ. މިހާރު އޮތްގޮތުން ފީފާގެ ރައީސްގެ ތިންވަނަ ދައުރެއް ރައީސް އިންފަންޓީނޯއަށް ވަނީ ކަށަވަރުވެފައެވެ. އެއީ އޭނާގެ ނަން ރައީސް ކަމަށް ފީފާއަށް ހުށަހަޅާފައި ވަނީ 200 ގައުމުގެ އެސޯސިއޭޝަނުގެ ތާއީދާ އެކުގައި ކަމަށްވާތީއެވެ،

ފީފާގެ ރައީސް އިންފަންޓީނޯ ގަތަރުގެ ފޯރިގަދަ ފޭން ފެސްޓިވަލުގައި ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ 200 ގައުމެއްގެ ބެކިން ލިބުމަކީ ލިބޭ ޝަރަފެއް ކަމަށާއި، އެ ހުރިހާ ގައުމަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރުގައިވެސް އިހުލާސްތެރި ހިދުމަތެއް ފުޓުބޯޅައަށް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އިންފަންޓީނޯ ވަނީ ދެއްވައިފައެވެ.

އިންފަންޓީނޯ ފުރަތަމަ ފީފާގެ ރައީސް ކަމަށް އިންތިހާބުވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ދެވަނަ ދައުރަކަށް އިންފަންޓީނޯ އިންތިހާބުވެފައިވާ އިރު، އޭގެ ކުރިން 17 އަހަރު ފީފާގެ ރައީސްކަން ކުރެއްވީ ސެޕް ބްލެޓާއެވެ. ބްލެޓާ 2015 ވަނަ އަހަރު ފީފާ ރައީސްކަމުން އިސްތިއުފާދެއްވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއްގައެވެ. އޭނާ މިވަގުތު ހުރީވެސް ފުޓުބޯޅައިން ބޭން ކޮށްފައެވެ.