ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވިތާ މިއަދަށް ހަތަރު އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނާއި ދިވެހި ރައްޔިތުންނަށް އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.

އެމްޑީޕީގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުން ކަށަވަރު ކޮށްދޭ ހައްގު ތަކާ އޭގެ އަގުތަށް ރާއްޖެއިން ގެއްލެމުން ދިޔަ ރިޔާސީ ދައުރަކަށް ފަހު ކަމަށެވެ.

"2018ގެ ރިޔާސީ މެނިފެސްޓޯގެ ބޮޑު އިންސައްތަ ކާމިޔާބު ކުރެވޭ މަރުހަލާއަށް މި ހަތަރު އަހަރުން ވާސިލު ވެވުނީ ހުރިހާ ރަށަކާއި އެންމެހާ ރައްޔިތުންނަށް ހަމަހަމަ ހަތަރު އަހަރުގެ ގޮތުގައިކަން މިޕާޓީން ފާހަގަ ކުރަން،" ބަޔާނުގައިވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ނެތް ކަމެއްގެ ގޮތުގައި ސަރުކާރުން ހާސިލު ކުރި އެންމެ ބޮޑުކާމިޔާބީ އަކީ ކޮވިޑް 19ގެ ބަލިމަޑު ކަމުން އަރައިގަތުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ވެގެން ދިއުން ކަމަށް އެމްޑީޕީން ބުންޏެވެ.

ބައިނަލްއަގްވާމީ ތަފާތު ގޮންޖެހުންތަކާ އެކުވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ތަކުގެ މަޝްރޫއުތަށް ހަމަހަމަ ކަމާއެކު މިދިޔަ ހަތަރު އަހަރު ރަށްތަކުގައި ސަރުކާރުން ހިންގާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެގޮތުން ކަރަންޓާއި މަގު ހެދުމާއި ބަނދަރު ހެދުމާއި އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއި ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ އިތުރުން ހުނަރާއި ތަމްރީނާއި ހިލޭ ޑިގްރީ މުޅިރާއްޖެއަށް ފަތުރާލެވި، ތައުލީމީ ދާއިރާއަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ސަރުކާރުން ގެނެސްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.